ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެމްޑީޕީ

'ދިޔަވަރު' ނޫހާ އަޅުގަނޑާ ގުޅުމެއް ނެތް: ޝާހިދު

އެމްޑީޕީގެ ރައީސް އެގޮތަށް ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު މިއަދުގެ ޖަލްސާގައި ޝާހިދަށް އަމާޒުކޮށް ފާޑުކިއުއްވުމުން

އޮންލައިން ނޫސް 'ދިޔަވަރު'އާ އޭނާއާ ގުޅުމެއް ވާ ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ދޮގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި ޑިފެކްޝަން ބިލަށް ބަހުސްކުރައްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ދެއްކެވި ވާހަކައިގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާ ބެހޭ ގޮތުން އޮންލައިން ނޫހަކުން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އެއީ 'ދިޔަވަރު' ކަމަށާއި އެއީ ޝާހިދުއާ ގުޅުން އޮތް ނޫހެއް ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ. 

އެނގުން މުހިންމު - މިިދިޔަ މަހު 28ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ފާސްކުރި އިސްލާހަށް ނެގި ވޯޓުގައި ސަނީފް ހިމެނޭ ގޮތަށް އެމްޑީޕީގެ ތިން މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެއީ ސަރުކާރުން ބޮޑެތި ރިޝަވަތު ހުށަހަޅައިގެން ކަމަށް ރަޖިސްޓްރީނުކޮށް ހިންގާ އެ ވެބްސައިޓުން ތުހުމަތުކުރި އެވެ.

ބުނީ ކީކޭ؟ - ޝާހިދު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސަނީފްގެ ވާހަކަތައް ދޮގުކުރެއްވި އެވެ.

"މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެމްބަރު ސަނީފް ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެކެވެ،" ޝާހިދު ވިދާޅުވި އެވެ.

"މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމެކެވެ. ފިނޑިކަމެކެވެ."

ތަފްސީލު - މިއަދުގެ ބަހުސްގައި ޝާހިދަށް އަމާޒު ކުރައްވައި ސަނީފް ވިދާޅުވީ 'އެންމެ ބޮޑު ޕާޓީ'ގެ ރައީސަކަށް މިހާރު ހުންނެވީ އެއްވެސް މީހަކު ކުރިމަތިނުލުމުން 'އިއްތިފާގުން ހޮވިފައިވާ ރައީސްއެއް' ކަމަށެވެ.

އެގޮތަށް އެކަން ދިމާވީ، ސަނީފް ވިދާޅުވި ގޮތުގައި، ކުރިއަށް މަޖިލިސް އިންތިހާބު އޮތުމުން ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް އެ އިންތިހާބު މުހިންމުވުމުންނެވެ. އެހެންވެ ޝާހިދު އެ މަގާމަށް ގެންނަން މުޅި ޕާޓީ އެއްކޮށް ބޭނުން ނުވިކަމުގައި ވިޔަސް، ލީޑާޝިޕުން ބޭނުންވާ ގޮތަށް ގައުމީ މަޖިލިސް މެންބަރުން ވެސް "ހަނު ތިބެން" މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ގެންދަވަނީ މަޖިލިހުގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް