ށ. ފޯކައިދޫ ރައްޔިތުންގެ މި ސަފަކީ ދީނީ އިލްމުވެރިންނަށް މަރުހަބާ ކިޔުމުގެ ނުކުތުމެއް

ދީން

މި ވަޑައިގަތީ ރައީސެއް ނޫން، އެކަމަކު މި އިލްމުވެރިންނަށް ކިޔާފައި ވަނީ ރަތް ދޫލައިގެ މަރުހަބާއެއް

ދީނީ ދަރުސްތަކެއް ދެއްވަން ށ. ފޯކައިދުއަށް ވަޑައިގެން އިލްމުވެރިންނަށް އެ ރަށުން ކިއީ އާދަޔާހިލާފު ހޫނު މަރުހަބާއެއް

ބަނދަރުމައްޗަށް އެއްވެފައިވާ މީހުންތައް ފެނުމުން، ފުރަތަމަ ވެސް ހިތަށް ވަންނާނީ، ސިޔާސީ ގޮތުން ކޮންމެވެސް އިސް ބޭފުޅަކު ރަށަށް ވަޑައިގަތީ ކަމަށެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތުގައި ވެސް، ރަށުގެ ޖެޓީން ފެށިގެން މާ ދުރަށް، މަރުހަބާ ކިޔަން ނުކުތް މީހުންގެ ސަފު ދަމާލާފައި އޮތް އިރު، ފިރިހެނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ވެސް ތިއްބެވެ.

އެކަމަކު މިދިޔަ ހުކުރު ދުވަހު ށ. ފޯކައިދުއަށް އެ ވަޑައިގަތީ ގައުމުގެ ރައީސް ނުވަތަ ސިޔާސީ އިސް ބޭފުޅުންތަކެއް ނޫނެވެ. ދީނީ މައުލޫމާތު ދެއްވަން އެ ރަށަށް ވަޑައިގަތީ ދެ އިލްމުވެރިންނެވެ. މި މަންޒަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، އިލްމުވެރިންތަކަކަށް މަރުހަބާ ކިޔުމަށް، މީގެ ކުރިން ރަށަކުން ނުނިކުންނަ ވަރަށް ފޯކައިދޫން މީހުން ނުކުމެފައި އޮތުމުންނެވެ.

ށ. ފޯކައިދުއަށް ދީނީ ދަރުސް ދެއްވަން ވަޑައިގެން އިލްމުވެރިންނަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔަނީ
މިކަހަލަ މަންޒަރު އާންމުކޮށް ފެންނާނީ ސިޔާސީ ލީޑަރުން ވަޑައިގަންނަވާ އިރު

"މި ރަށަކީ އަބަދުވެސް ވަރަށް ދީނަށް ލޯބިކުރާ ބައެއް އުޅޭ ރަށެއް. އެހެންވެ، ދީނީ މައުލޫމާތު ފޯރުކޮށްދޭން ރަށަށް ބަޔަކު ދިޔުމުން، އެ މީހުންނަށް މަރުހަބާ ކިޔުމަށް ނުކުތް މީހުން މުޅިން ވެސް އެއީ،" ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ރަށު ކައުންސިލާއި ފޯކައިދޫ ޕޮލިސް ސްޓޭޝަން އިސްވެ، ރަށުގެ އެހެން މުއައްސަސާތަކުގެ ބައިވެރިވުމާ އެކު އިންތިޒާމްކުރި އެ ދަރުސްއަށް ވަޑައިގެންނެވީ ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރާއި ދީނީ ޖަމިއްޔާ ލެންޓާންގެ އިލްމުވެރިޔާ އިބްރާހިމް ރާފިއު އެވެ. 

ށ. ފޯކައިދުއަށް ދަރުސް ދޭން ވަޑައިގެންނެވި އިލްމުވެރިޔާ ރާފިއު އާއި ސަމީރަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ

ސަލީމް ވިދާޅުވި ގޮތުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ނަމުގައި، ފޯކައިދޫ ބަނދަރު ސަރަހައްދުގައި ބޭއްވި އެ ދަރުސް އަޑުއެހުމަށް، 800އަށް ވުރެ ގިނަ ގޮނޑި ޖެހި އެވެ. ގާތްގަނޑަކަށް 1،500 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ގިނަ ބަޔަކު ދަރުސް އަޑުއަހަން ޖަމާވި އެވެ. ގޮނޑިތައް ފުރިގެން، ކޮޅަށް ވެސް ބައެއް މީހުން ތިއްބެވެ. އެތަނުން ވެސް އިލްމުވެރިންނަށް ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.

ސަމީރާއި ރާފިއުއަށް ވެސް މިއީ، ރާއްޖޭގެ ރަށަކުން އާއްމުކޮށް ނުފެންނަ މަންޒަރަކަށް ވި އެވެ. 

"އަދި އަލަށް އަޅުގަނޑަށް މިހާ ގިނަ ބަޔަކު [އިލްމުވެރިންނަށް] މިގޮތަށް މަރުހަބާ ކިޔުމަށް އަދި ދަރުސް އަޑުއެހުމަށް ނުކުމެފައި އޮއްވާ މި ފެނުނީ،" ރާފިއު ވިދާޅުވި އެވެ.

"އެހާ ގިނަ ރައްޔިތުންތަކެއް، އެއްތާކަށް އެއްވެ ދަރުސް އަޑުއަހާ މަންޒަރު ފެނުމަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް،" ދަރުސްއަށް ދެއްވި ސަމާލުކަމާއި މަރުހަބާއަށް ޝުކުރު އަދާކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި ބޭއްވި ދަރުސް: ރަށުގެ ވަރަށް ގިނަ ބަޔަކު ޖަމާވި

ރާފިއު ވިދާޅުވި ގޮތުގައި ފޯކައިދޫން ފެނުނު މަންޒަރުން އަންގައިދެނީ، ރަށުގެ ގިނަ އަހުލުވެރިން ދީނީ ކަންކަމަށް ސަމާލުކަން ދޭ މިންވަރެވެ. އަދި އިލްމުވެރިންނަށް ކުރާ ގަދަރެވެ.

"ހަގީގަތުގައި ވެސް ވަރަށް އުފާވި،" ދީނީ މައުލޫމާތު ފޯރުކޮށްދެއްވަން މިހާރު ވެސް ގިނަ ރަށްރަށަށް ދަތުރުކުރައްވާ އިލްމުވެރިޔާ ވިދާޅުވި އެވެ.

ކޮމެންޓް (4)

އިހުސާނު

10 މާރިޗު 2024
ވަރަށް ރަނގަޅު ނަމޫނާ އެއް ފޯކައިދޫ ރައްޔިތުން ތި ދެއްކީ. އުއްމީދަކީ މި ކަމުން އިބުރަތް ހާސިލް ކޮށް ރާއްޖޭގެ ކަންކޮޅުތަކުން މިމަންޒަރު ފެންނާނެ ކަމަށް. ށާބަހޭ ފޯކައިދޫ ރައްޔިތުން
14 3

ޢަލީ

10 މާރިޗު 2024
މިކަހަލަ މީހުން ރަށްތަށަށް ގެންގޮސް އަހަރެމެންގެ ކުދިންތައް ހަލާކު ކުރަނީ. މިހާރުވެސް މިރަށު ސްކޫލްގަ ދުއާއަށް އަތް ނުނަގާ. ތަރުހީބު ދޭން އަތް ނުޖަހާ. ސްކޫލް ލަވަ ގައުމީ ސަލާމް ނުޖަހާ. ހުސް މިކަހަލަ އިލްމުވެރިން ހަރާމް ކުރި ކަންތައް.
11 21

ރަދީފްއޮފިޝަލް

10 މާރިޗު 2024
@ޢަލީ ނުޖެހޭ ތިކަން ކުރާކަށް. އެއީ އިޙްތިޔާރީކަންކަން
10 4

އައްޔާ

10 މާރިޗު 2024
@ޢަލީ ހިނގާ ދީނުގަ އޮންނަގޮތް ދަސްކުރަމާ. މިކަން އަލީ އަށްވެސް ވާނެ. އޭގެފަހުން ފާޑުކިޔާނީ. ތިކުރި ކޮމެންޓުން އެނގޭ މާބޮޑު އެއްޗެއް ނޭނގޭކަން
13 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް