މުހައްމަދު ލަޔާން ޝަރީފް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

އެކްސިޑެންޓުގައިި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ލަޔާންއަކީ ގުރުއާން ހިތުދަސްކުރަމުން އައި ޒުވާނެއް

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މުހައްމަދު ލަޔާން ޝަރީފް، 19، މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ލަޔާން ސައިކަލު ދުއްްވާފައި ދަނިކޮށް، ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެއިން ފުރުވާލެވެންދެން އެމީހުން ބައިތިއްބާ ހުޅުމާލޭ ޑިޓެންޝަން ފެސިލިޓީ ކުރިމަތީގައި ޕާކު ކޮށްފައި އޮތް އިމިގްރޭޝަންގެ ވޭނެއްގައި ޖެހުމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި:

  • އެކްސިޑެންޓުގައި ލަޔާންއަށް ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާއަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ؛ ނަމަވެސް އަނިޔާތަކުގެ ތަފްސީލު ނުދޭ

  • އެކްސިޑެންޓު ވެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް

  • އެ އެކްސިޑެންޓު ވެފައި އޮތް ތަން ފެނުނީ ދަންވަރު 2:32ގައި އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް

  • އެކްސިޑެންޓުގައި ބޭނުން ނުކުރެވޭ ވަރަށް ސައިކަލު ހަލާކުވެ، ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު

ތަފްސީލު - ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ލަޔާން މަރުވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ސޯޝަލް މީޑިއާގައި އާއިލާއަށް ހިތްވަރުގެ މެސެޖުތައް އަންނަނީ ހިއްސާކުރަމުންނެވެ.

އެ މެސެޖުތަކުގައި ބައެއް މީހުން ބުނާ ގޮތުގައި ލަޔާން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އޭނާގެ ޓީޗަރަކު ބުނި ގޮތުގައި އެހާ ތަނަށް ލަޔާން ވަނީ 25 ފޮތް ހިތުދަސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް