ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް. (ފޮޓޯ/ މަޖިލިސް)

މެމްބަރުންނަށް އަނިޔާކުރަން މިނިސްޓަރު ޝަރީފް ހިތްވަރުދެއްވި މައްސަލަ މަޖިލީހުގެ ރައީސް ކުށްވެރިކުރައްވައިފި

އަސްލަމް ވިދާޅުވި ގޮތުގައި މިނިސްޓަރު ޝަރީފް އެ ދެއްކެވީ ވަޒީރަކު ދައްކަވަން އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން މެމްބަރުން ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ފަދަ ވާހަކަތަކެއް

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަތައް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކުށްވެރިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިވަގުތު ރާއްޖޭގެ އެކި އަތޮޅުތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މިހާރު އޮތް 19 ވަނަ މަޖިލިހުގެ ކުރީގެ މެމްބަރު ޝަރީފް ވަނީ އިދިކޮޅު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ކުޑަކޮށް ދެރަ ވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ،" އޭނާ ވިދާޅުވި އެވެ. 

"އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާވައޭ."

ތަފްސީލު - އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ވަޒީރަކު ވިދާޅުވަން އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން މަޖިލިސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަސްލަމް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސްގެ ކުރިފުޅުމަތީގައި ވަޒީރަކު އެ ގޮތަށް ވާހަކަދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަ އެވެ،" އެ ބަޔާނުގައިވެ އެވެ.

މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވާއިރު، މެމްބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަކަށް ވަޒީރަކު ވާހަކަދެއްކެވުމާ ގުޅިގެން މަޖިލީހުގެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރުން އެއްބާރުލުން ދިނުމަށާއި އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް ވެސް މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް