މަޖިލީހުގެ ޖަލްސާއެއްގައި ކުރީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި މިހާރުގެ ކައުންސިލްސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އާދަމް ޝަރީފް މަޖިލިސް މެމްބަރުންނަށް: 'ދަތްދޮޅި ދުއްވާނުލާ ހުރެވިދާނެބާ؟'

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް، ޝަރީފް ވަނީ މަޖިލިހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ދައްކަވާފައި

ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރަމުންދާ ކަންތައްތަކުގެ ސަބަބުން، މިއަދު މަޖިލީހުގައި ހުންނެވި ނަމަ 'މެމްބަރެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާއޭ ހިތަށްއަރާ' ކަމަށް، ކައުންސިލްތަކުގެ މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިވަގުތު ރާއްޖޭގެ އެކި އަތޮޅުތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މިހާރު އޮތް 19 ވަނަ މަޖިލިހުގެ ކުރީގެ މެމްބަރު ޝަރީފް ވަނީ އިދިކޮޅު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ކުޑަކޮށް ދެރަ ވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ،" އޭނާ ވިދާޅުވި އެވެ. 

"އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާވައޭ."

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި ރައީސް މުއިއްޒުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އަދި ގޮންޖެހުމަކީ ވެސް މަޖިލީހެވެ.

އެހެން ހިތަށްއަރާ ސަބަބުތަކުގެ ތެރޭގައި، ކުޜީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ފާހަގަކުރެއްވީ، މަޖިލީހުން ބައެެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ރަސްމާލެ މަޝްރޫއު ބަޖެޓުން އުނިކުރުން ފަދަ ކަންކަމެވެ. 

ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުއާ ދެކޮޅަށް މެމްބަރުން މަސައްކަތް ކުރައްވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ފުރިހަމައަށް ކޮށްދެއްވަމުން ދާތީ ކަމަށެވެ. އޭގެ އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރައްވާލެއް މާ ފުރިހަމަ ވުމެވެ.

ފާހަގަކޮށްލެވޭ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް، އާދަމް ޝަރީފް ވަނީ، އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އެހެން ވިދާޅުވާ އޯޑިއޯއެއް ލީކުވެ، އެ ދުވަސްވަރު ވަރަށް މައްސަލަ ގޯސްވި އެވެ. އެ މައްސަލައިގެ ފަހުން އޭނާގެ ވަނަމަކަށް ބައެއް މީހުން 'ދަތްދޮޅި ޝަރީފް' ވެސް ކިޔަ އެވެ.

އެފަހަރު ސިފައިންނާ ބައްދަލުކުރައްވާ އެގޮތަށް ވާހަކަ ދެއްކެވީ އޭރުގެ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަންނަވަން ދަނިކޮށް ސިފައިންނާއި ފުލުހުން ނެރެ ރައްޔިތުންގެ މަޖިލިސްގެ އިދާރާ ހިސޯރުކުރި މައްސަލައަށް ފަހު، ސިފައިންނާ ބައްދަލުކުރައްވަ އެވެ. އެދުވަހު ސިފައިން ވަނީ ބައެއް މެމްބަރުން މަޖިލިހުގެ ފާރު މަތިން ވެސް ބޭރަށް ކޮއްޕާލައިފަ އެވެ.

ކޮމެންޓް (1)

އާދަނު

7 މާރިޗު 2024
ދަތްދޮޅި އާދަނު ކިޔަނީ އޭރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް