ބަންޑާރަނައިބު މުހައްމަދު އުޝާމް

ކުރީގެ ސަރުކާރުން ބަދަލު ދިނުމަށް ނިންމާފައިވާ 10 ސްޓެލްމަންޓެއް ހުއްޓުވައިފި

އޭޖީން ބުނީ އެ 10 ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ އާއި ރަށްރަށް ދީފައިވަނީ ޝަރީއަތުގައި އެކަމާ ގުޅޭ މައްސަލަތައް ކުރިއަށްދަނިކޮށް، ސަރުކާރަށް މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ވެސް އޮއްވާ ކަމަށް

މިދިޔަ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން، އޭރުގެ ސެޓްލްމަންޓް ކޮމިޓީން ބަދަލުދޭން ނިންމާފައިވާ 10 ސެޓްލްމަންޓަކަށް އަމަލުކުރުން ބަންޑާރަ ނައިބުގެ އޮފީހުން ހުއްޓުވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދި ސެޓްލްމަންޓް ކޮމެޓީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އުވާލާފަ އެވެ.

މިހާރުގެ ސަރުކާރުން އުވާލިއިރު ބުނިގޮތުގައި:

  • އާ ރައީސް ހުވާ ކުރެއްވުމާ ހަމަޔަށް، ބަދަލުގެ ގޮތުގައި 225 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް އެ ކޮމިޓީ ނިންމާފައިވޭ

  • ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން ނިންމާފައިވޭ

  • ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކުރެވޭ

  • މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުން ގެންދިޔަ ނުކުތާތަކަށް ވެސް ރިއާޔަތްކުރުމަކާ ނުލައި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ދީފައިވާ ލަފަޔާ ވެސް ހިލާފަށް 

އޭރުގެ ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ 10 ސެޓްލްމަންޓެއް ހުއްޓުވާފައިވާކަން ހާމަކުރީ، ބަންޑާރަ ނައިބު އަދި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހްމަދު އުޝާމް އެ ބައްދަލުވުމުގައި ވިދާޅުވީ، މިދިޔަ ސަރުކާރުގައި ނިންމާފައިވާ 10 ސެޓްލްމަންޓެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ 10 މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ އާއި ރަށްރަށް ދީފައިވަނީ ޝަރީއަތުގައި އެކަމާ ގުޅޭ މައްސަލަތައް ކުރިއަށްދަނިކޮށް، ސަރުކާރަށް މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ވެސް އޮއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް އިތުރަށް ވިދާޅުވީ:

  • ބަދަލުދޭން ނިންމާ ހަދާފައިވާ 10 ސެޓްލްމަންޓު ތެރޭގައި ގިނައިން ހިމެނެނީ އެކިއެކި މީހުންނަށް ޓޫރިސްޓް ރިސޯޓުތައް ހިންގުމަށް ރަށްތައް ދިނުން

  • ބަދަލުގެ ގޮތުގައި ފައިސާއާ ރަށްރަށް ދީފައިހުރީ އޭޖީ އޮފީހުން ވަކި އަދަދުތަކެއް ކަނޑައަޅާފައި އަދި ވަކި މިންވަރެއް ނުދޭން ލަފާ ދީފައިވަނިކޮށް އެޔަށް ވުރެ ބޮޑުކޮށް 

  • އެ 10 މައްސަލަ މިހާރު ވާނީ އޮޑިޓަ ޖެނަރަލް އޮފީހަށް ފޮނުވައި ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރުތައް ކަނޑައަޅާފައި ހުރީ ރަނގަޅަށްތޯ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފޮނުވާފައި

  • އެ މަސައްކަތް ނިމުމުން ސްޓެލްމަންޓު ކޮމިޓީން ނިންމާފައިވާ 10 ސެޓްލްމަންޓާމެދު އަމަލުކުރާނެ ގޮތެއް ނިންމާނަން

"އެހެންވީމަ ސެޓްލްމަންޓް ކޮމިޓީން ނިންމާފައިވާ 10 ކޭސް އަޅުގަނޑުމެން މިއަންނަނީ އެޓާނީ ޖެނަރަލްގެ ޓީމެއް ނަގައިގެން ރިވިއުކުރަމުން. އަޅުގަނޑުމެން މިހާރު ވާނީ ފިނޭންސް މިނިސްޓްރީއަށާއި ޓޫރިޒަމް މިނިސްޓްރީއަށް ދަންނަވާފައި މި މައްސަލަތައް ރިވިއުކޮށް ވަކި ގޮތެއް ނިންމަންދެން ސެޓެލްމަންޓް ކޮމިޓީން ނިންމާފައިވާ ސެޓްލްމަންޓުތަކާ ގުޅޭ އެއްވެސް ކަމެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް،" އުޝާމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް