ރައީސް މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ރައީސް އޮފީހުގައި ސިޔާމްއާ އެކު ބޭއްވި ބައްދަލުވުން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ސަން ސިޔާމް

ރައީސްއާ އެކު މިހުރީ އެއްވެސް ކަމެއް ބޭނުންވެގެންނެއް ނޫން؛ ފަޅެއް ދޭކަށް ވެސް ނާހާނަން: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެދިވަޑައިގެންނެވީ އިދިކޮޅުން ދައްކާ 'ފްލޯކް ވާހަކަތަކު'ގައި ނުޖެހި، ސަރުކާރަށް ރައްޔިތުން އެއްބާލުން ދިނުމަށް

ރައީސް މުހައްމަދު މުއިއްޒުއާ އެކު އޭނާ ހުންނެވީ އަމިއްލަ ކަމެއް ބޭނުން ވެގެން ނޫން ކަމަށާއި މިހާތަނަށް ވެސް އެއްވެސް ކަމެއްގައި އެދިވަޑައިގެންފައި ނުވާނެ ކަމަށް މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިޔާމް މިގޮތަށް ވާހަކަ ދެއްކެވީ އޭނާ ނިސްބަތްވާ މީދޫ ދާއިރާގެ މައި ރަށް. ދ. މީދޫގައި ރައީސް މުއިއްޒު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ބުނީ ކީކޭ؟ -"އަޅުގަނޑު އެމްޑީއޭގައި ރައީސުލްޖުމްހޫރިއްޔާއާ އެކު މިހުރީ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ކުރުމަށްޓަކައި. އެނޫން އެއްވެސް ބޭނުމެއް އަޅުގަނޑުމެންގެ ނެތް،" ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ގޮސް ނާހާނަން އަޅުގަނޑަށް ކަމެއް ކޮށްދޭކަށް، ރަށެއް ދޭކަށް، ފަޅެއް ދޭކަށް [އަދި] އެހެން ކަމެއް ކޮށްދޭކަށް. އަދިވެސް ނާހަން." 

އޭނާ ވިދާޅުވި ގޮތުގައި އެހެން އަހާކަށް ނުވެސް ޖެހެ އެވެ.

"އެއަށް ވުރެ ގިނައިން ﷲ ދެއްވާފައި އޮތީ އަޅުގަނޑަށް. އެހެންވީމާ މީހެއް ކައިރީ އެއްޗެއް އާހަކަށް އަޅުގަނޑަކަށް ނުޖެހޭ."

ތަފްސީލު - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ފަހު، ފަހުން ދެވަނަ ބުރުގައި ރައީސް މުއިއްޒު ކޮޅަށް އެރުއްވި ސިޔާމް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އަދި މި ސަރުކާރަށް އެއްބާރުލުން ދޭން ރައްޔިތުންގެ ކިބައިގެން އޭނާ އެދިވަޑައިގެންނެވި އެވެ. އެގޮތުން ސިޔާމް ވިދާޅުވީ:

  • ސަރުކާރެއް ހިންގަން އެންމެ މުހިންމު ކަމަކީ މަޖިލީހުގެ މެޖޯރިޓީ ލިބުން

  • ކުރިއަށް އޮތް މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބުވާން ޖެހޭ

  • އެހެން ނޫނީ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދާނެ

"އެހެންވީމާ އަޅުގަނޑު ރައްޔިތުން ކައިރިން މި އެދެނީ އަޅުގަނޑުމެންނަށް، ސަރުކާރަށް ސަޕޯޓު ދެއްވާށޭ. ސަޕޯޓު ދެއްވައިގެންނޭ އިތުރަށް ރާާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭނީ،" އެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ތާއީދާ އެކު ފަސް ވަނަ ދައުރަކަށް މީދޫ ދާއިރާއަށް ވާދަކުރައްވާ ސިޔާމް ވިދާޅުވި އެވެ.

މީދޫގައި ރޭ ބޭއްވި ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވި ގޮތުގައި ރައީސް ވެވަޑައިގެންފައި ވަނީ 'ފްލޯކް ވައުދުތަކެއް ނޫނެ'ވެ. އެ ވައުދުތައް އެެމަނިކުފާނު ފުއްދަވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގައި ވާނެކަމުގެ. އަޅުގަނޑުމެންނަށް އެބަ އެނގޭ ލާރި ހޯދާނެ ގޮތް ވެސް. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވަމުން އެ ގެންދަވަނީ. ރައީސުލްޖުމްހޫރިއްޔާއަށް ލާރި ދެއްވާނެ ބޭފުޅުން އެބަ ތިއްބެވި،" ސިޔާމް ވިދާޅުވި އެވެ.

ބޭރުގެ ގުޅުންތަކާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަދެއްކވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މި ސަރުކާރުން ހުރިހާ ގައުމުތަކާ ވެސް ގުޅުން ގާއިމް ކުރާނެ 

  • ރައީސް މުއިއްޒު އެއްވެސް ގައުމަކާ ޖައްސާލައިގެން ނޫޅުއްވާ

  • އިދިކޮޅުން ދައްކަނީ 'ފްލޯކް ވާހަކަ'. އެ ވާހަކަތައް އަޑުއަހައިގެން، ތަރައްގީއަށް އެޅޭނީ ހުރަސް

"ﷲ ސުބުހާނަހޫވަތައާލާ، އަޅުގަނޑުމެންނަށް ދެއްވާފައިވާ ހެޔޮ ވެރިޔަކާ އެއްކޮށް ކުރިއަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތް [އަދި] އެންމެ ރަނގަޅު ގޮތް،" ސިޔާމް ވިދާޅުވި އެވެ.

މުއިއްޒުއަކީ ކުރިންސުރެ ސިޔާމާ ގާތް ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ލިބިވަޑައިގަތީ އެމްޑީއޭގެ ޖާގައެއްގަ އެވެ.

ފަސް މަންޒަރު - ރަށެއް ފަޅެއް ދޭން ރައީސް މުއިއްޒު އަރިހުން އެދިވަޑައި ނުގަންނަވާނެ ކަމަށް ޓޫރިޒަމް ވިޔަފާރިވެރިޔާ ސިޔާމް ރޭ ވިދާޅުވި އިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު އަށް ތާއީދު ކުރައްވައި ހަމަ އެ މޭރުމުން ސިޔާމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހދ. ކުޅުދުއްފުށީގައި ބޭއްވި އޭރުގެ ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ސިޔާމް ވިދާޅުވީ ނުހައްގުން އެއްވެސް އެއްޗެއް ދެއްވަން ރައީސް ސޯލިހު އަރިހުން އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑެއް ނާހާނަން ރައީސް ކައިރީގައި އަޅުގަނޑަށް ރިސޯޓެއް ހަދަން ރަށް ދޭށެކޭ. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރީ އަޅުގަނޑަށް ލެގޫނެއް ދޭށެކޭ. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރިއަކު އެއް އަޅުގަނޑަށް ނުހައްގުން މިވެނި ކަމެއް ކޮށްދޭށެކޭ އެހެން ރައްޔިތުންނަށް ކޮށްދޭ ކަންތައް އަޅުގަނޑަށް ކޮށްދިނީމަ ނިމުނީ. ހަމައިގެ މަތިން. އެ ނޫނަސް އެއްވެސް ކަމެއް އަޅުގަނޑެއް ބޭނުމެއް ނޫން،" އޭނާ ހުންނެވީ ފުދިގެން ކަމަށާއި މާތްﷲ އޭނާއަށް މުދާ ދެއްވާފައިވާކަން ފާހަގަކުރައްވައި ސިޔާމް އޭރު ވިދާޅުވި އެވެ.

ސިޔާމް ވަނީ ފެނަކައިން ރަށް ރަށުގެ މީހުންނަށް "ސިޔާސީ" ބޭނުމަށް އޭރު ދިން ވަޒީފާތައް ވެސް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް