ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. މަނަދޫގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ރިޔާސީ އިންތިހާބުން ބަލިވި އެންމެ ބޮޑު އެއް ސަބަބަކީ ނަޝީދު އެކުގައި ނެތުން: ސޯލިހު

ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށް

ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބަކީ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ އެކު މަސައްކަތް ނުކުރެއްވުން ކަމަށް މިދިިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެެ.

ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ދަތުރުފުޅުތަކުގައި މިއަދު ނ. މަނަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ސޯލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވި ކެންޑިޑޭޓުން ވެސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - "ރިޔާސީ އިންތިހާބަށް ވެސް ޕާޓީގެ ކެންޑިޑޭޓަކު ހޮވުމަށް އަޅުގަނޑުމެން ޕްރައިމަރީއެއް ބޭއްވީމު. ވަރަށް ވާދަވެރި،" ސޯލިހު ވިދާޅުވި އެވެ.

"އެ ޕްރައިމަރީ ނިމުމަށް ފަހުގައި އެބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވި. ރިޔާސީ އިންތިހާބު ގެއްލުމުގެ، ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް މަސައްކަތް ނުކުރެއްވުން،" ކުރީގެ ރައީސް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވާނީ އެ ތަޖުރިބާގެ އަލީގައި ކަމަށެވެ.

"އަޅުގަނޑުމެން ބައިބައި ވެއްޖެ ނަމަ، އެކީގައި މަސައްކަތް ނުކުރެވިއްޖެ ނަމަ، ނަތީޖާ އަޅުގަނޑުމެން ބޭނުން ނުވާ ގޮޮތަށް ނުކުތުމަކީ އެކަށީގެންވާ ކަމެެއް." 

ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިއްމުވާ ސަބަބުތައް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ވިދާޅުވީ:

  • ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދައިދެއްވާތަން ނުފެންނަ ކަމަށް

  • ރަށްރަށަށް ކޮށްދެއްވަން ވިދާޅުވި އެއްވެސް ކަމެއް ކޮށްދެއްވަން ނުފައްޓަވާ ކަމަށް

  • މަޖިލީހުގައި ސަރުކާރަށް ފުރުސަތު ދީފި ނަމަ ހީނުކުރާ ދިމާއަކަށް ގައުމު ސޮއްސާލާނެ ކަމަށް

ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށެވެ.

ސޯލިހު ވަނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރަކު ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވެފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ އަމަލެއް ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުން. ފައިސާ ހުށަހެޅި. މި ދެ ބޭފުޅުންނަށް ވެސް ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފައި، އެއްޗެއް ހިތަށް ވެސް ނާރާ،" ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސް ތަސްދީގު ނުކުރައްވައި މަޖިލީހުގެ މަސައްކަތްތަކަށް ރައީސް ގޮންޖައްސަވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. 

އެގޮތުން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރުމަށް ފަހު ރައީސް ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުވާލުމުން އަލުން އެ ބިލު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވަން ނިންމެވީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"[މަޖިލީހުގެ މެޖޯރިޓީ] ނެތް ނަމަ، ރައްޔިތުން މަޖިލީހުން ފާސްކުރާ އެއްވެސް ފާސްކުރުމަކަށް މި ސަރުކާރުން ބޯލަނބައި ކިޔަމަނެއް ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނަށްޓަކައި ކަމަށެވެ.

ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ފެންނަނީ ރިޔާސީ އިންތިހާބުގައި ނިންމުނު ނިންމުމާ ގުޅިގެން ރައްޔިތުން މާޔޫސްވެފައިތިބި ތަން ކަމަށާއި ރައްޔިތުން ތިބީ ގޮތް ހުސްވެފައި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ގޯހެއް ހެދިއްޖެކަން ހުދު އެ ބޭފުޅުންގެ، ޕީއެންސީގެ އާންމު މެންބަރުން ވެސް މިހާރު ގަބޫލު ކުރޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތްތެރިން ވެސް ތިބީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއާ އެކު ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.

ރަށްރަށުގެ ތަރަށްގީއަށް ކުރާ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ކަސިޔާރުވެގެންދާ ނަމަ ބަސް ބުނެ، ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެޖޯރިިޓީ މި ބޭނުންވަނީ ސަރުކާރަށް އުނދަގޫ ކުރާކަށް ނޫން. ޖެއްސުން ކުރާކަށް ނޫން. އެއްވެސް ރަށެއްގެ، އެއްވެސް ދާއިރާއެއްގެ ތަރައްގީ އަށް ހުށަހަޅާ ހުށަހެޅުމަކަށް އަޅުގަނޑުމެން ނޫނެކޭ ނުބުނާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (2)

ހޮރު

5 މާރިޗު 2024
ކޮބައިހޭ ހުސްގޮނޑި ދައްކައިގެން ވަޑައިގެންނެވި ރައީސް. ދޮގުހަދަނީ ކާކުކަން އެންމެނަށް އެނގިއްޖެ.
1 1

އެދުރު

5 މާރިޗު 2024
އަދިވެސް ދޮގު ހަދަނީ. އަންނި މީހުންނާއި މޑޕ އެއްކޮށްލުމުންވެސް މެޖޯރިޓީ ނުލިބޭ . އިންތިހާބުން ބަލިވީ ސަރުކާރާއި ސުޕަމެޖޯރިޓީ ދިނީމަވެސް ފައިސާ ޗާޕުކޮށް އޭގެން ވައްކަންކޮށް އިގްދިސާދު ފުޑާލާ ނުވިތާކަށް އިންޑިޔާގެ ބެކްޔާޑަށް މިޤައުމު ހެދީމަ .
10 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް