މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އުމުރަށް ޖަލަށް ލާފައިވާ 314 މީހަކަށް މިދިޔަ ސަރުކާރުގައި މައާފު ދިން: އިހުސާން

އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ 314 މީހަކަށް މިިދިޔަ ސަރުކާރުގައި މައާފުދީ ދޫކޮށްލާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ކުރީ ސަރުކާރުގެ ފަސް އަަހަރުތެރޭ މައާފުދީ ދޫކޮށްލާފައިވާ މިންވަރު ބަލާފައިވާނެ ކަމަށެވެ.

"އޭގެތެރެއިން ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ފާއިތުވެ ދިޔަ ފަސް އަހަރުތެރޭގައި މައާފު ދީފައިވޭ،" އިހުސާން ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އިހުސާން ވިދާޅުވީ އުމުރަށް ޖަލަށްލެވެނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ ވަަރަށް ބުރަ މަސައްކަތުން ކަމަށެވެ. ކޯޓުގެ މަރުހަލާގައި ވެސް އެތައް ދުވަހެއް ފާއިތުވާފަހުން މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ސާބިތުވެފައި ވަނިކޮށް، ރައީސްއަށް ލިބޭ ބާރުގެ ދަށުން އެ ކުށްވެރިން މިނިވަން ކުރުަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އިހުސާން ވިދާޅުވީ:

  • މިގޮތަށް ދޫކުރެވޭ މީހުން މައްސަލަތަކުގައި އަނެއްކާ ފެންނަމުންދާކަން ފާހަގަކުރެވޭ

  • މަސްތުވާތަކެތި ޓްރެފިކް ކުރާ 314 މީހުން އާންމު މުޖުތަމައުތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް

އެނގުން މުހިންމު - ޑްރަގް ޓްރެފިކިންގައި އުމުރަށް ޖަލަށްލާފައިވާ މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދޫކޮށްލާފައިވާތީ ހައި ކޯޓުގައި އޮތް އަޑުއެހުމެއްގައި ވެސް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅު އޭރުގެ ރައީސް ސޯލިހް ވަނީ ބޮޑެތި އެހެން ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް މައާފު ދެއްވައި ނުވަތަ އަދަބު ލުއިކޮށްދީގެން މިނިވަންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު އެކަކު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

5 މާރިޗު 2024
މި ދެން ބޮޑުވަރު ދޯ؟ ކޮންމެވެސް ނޫސްވެރިއަކު ބޭލި އިބޫ ކައިރިން ސާފުކޮށްލަދީބަލަ މިހާ ބައިވަރު ބޮޑެތި ކުށްވެރިން ދޫކުރީ ކޮން މޮޅެއް ވާނެކަމަށް ހިތުލައިގެންތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް