ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އަލީ ރަފީގު)

25 އަހަރަށް މުއްދަތު އިތުރުކޮށް ހުރިހާ ކައުންސިލަކަށް ފަޅު ރަށް ދެނީ

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް

ކައުންސިލްތައް ބާރުވެރިކޮށް، ރަށްރަށަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ފަޅުރަށް ދޫކުރާނެ ކަމަށާއި، ކައުންސިލްތަކަށް އެ ރަށްތައް ލިބޭ މުއްދަތު ވެސް އިތުރުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރ. އަދި ބ. އަތޮޅަށް މިވަގުތު ކުރައްވަމުންދާ ދަތުރުފުޅުގައި، ރ. މީދުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށު ކައުންސިލްތަކުން އިގްތިސޯދީ މަންފާ ހޯދުމަށްޓަކައި މިހާރަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ފަޅު ރަށްތައް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން މިހާތަނަށް ކައުންސިލްތަކަށް ހުޅުވާލާފައިވަނީ 25 ފަޅުރަށަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި އެ ލިސްޓަށް ގިނަ ފަޅުރަށްތަކެއް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހެން ގޮސް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މަދު ނުވާވަރަށް އަޅުގަނޑުމެން ރަށްތައް ގެޒެޓު ކުރާނަން. އޭރުން ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް، އެ ކައުންސިލަށާއި، އެރަށެއްގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތަށް ބޭނުންކުރާނެ ފަޅުރަށެއް ލިބޭނެ،" އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި:

  • މިދިޔަ ސަރުކާރުގައި އެއްބަސްވުމެއް ހަދާފައި، ނުވަތަ މިނިސްޓްރީއަކާ ހަވާލުކޮށްފައި، ނުވަތަ ކޯޓުގައި މައްްސަލަ ހުރި ރަށްތަކެއް ދޫކުރުމުގެ ރިސްކެއް ނަގަން ބޭނުމެއް ނުވޭ 

  • ލިސްޓަށް ރައްތައް އިތުރުކުރާނީ، އެރަށެއް ދޫކުރުމުގައި އެއްވެސް ކަހަލަ ގާނޫނީ މައްސަލައެއް ނެތްކަން ޔަގީންކޮށްފައި؛ އެކަން ޔަގީންވާ ވަރަކަށް ރަށްތައް ލިސްޓަށް އިތުރު ކުރާނެ

"މިހާރު ގެޒެޓު ކޮށްފައި އޮތް ގަވައިދުގެ ދަށުން 10 އަހަރަށް ލިބޭނީ [ކައުންސިލްތަކަށް ދޫކުރާ] އެ ރަށް. އެހެން ނަމަވެސް، އަޅުގަނޑު މިހާރު އޮންނާނީ ދަންނަވާފައި، ރައީސް އޮފީހުގެ ކަމާ ބެހޭ ލީގަލް ޓީމުން އެކަން އެ ކުރިއަށް ގެންދަނީ. އެ 10 އަހަރު އަޅުގަނޑުމެން 25 އަހަރަށް ބަދަލުކޮށްދޭނަން."

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • މަދުވެގެން 25 އަހަރަށް ފަޅުރަށް ދޫކުރުމުން އެ ރަށްރަށުގައި ރަނގަޅު އިންވެސްޓްމެންޓްތައް ގާއިމްކުރުމުގެ ފުރުސަތު ލިބޭނެ

  • ގާނޫނުތައް އޮތް ގޮތުން، ރަށްތައް ދޫކުރާ މުއްދަތު 25 އަހަރަށް ވުރެ ވެސް އިތުރުކުރެވޭނެ؛ 50 އަހަރާ ހަމައަށް ވެސް މުއްދަތު އިތުރުކުރުމުގެ ފުުރުސަތު އެބަ އޮތް

"އެހެންވީމާ ވަރަށް ފުޅާ ފުރުސަތުތައް މި ދެވެނީ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މި ސަރުކާރުން 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު'ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ.

އެ ރަށްތައް މިހާރު ލިބެން އޮތީ 10 އަހަރުގެ މުއްދަތަކަށް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ގަވާއިދު ބުނާ ގޮތުން، ރަށްތަށް 21 އަހަރުގެ މުއްދަތަކަށް ދޫކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް