ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ކައުންސިލްތަކަށް އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ ކަމަށް ސަރުކާރުން ބުނޭ (ފޮޓޯ/އަލީ ރަފީގު)

ކައުންސިލްތަކަށް އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ލިބޭ ގޮތަށް ހަމަޖައްސައިފި

ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ އާ މަސައްކަތެއް ކަމަށް
18 ޖެނުއަރީ 2024

ރަށުގެ އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކަށް ބޭނުންކުރެވޭ ގޮތަށް، ސަރުކާރުން ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިއަދު ގެޒެޓުކުރި 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވައިދު'ގައި ވާ ގޮތުން، ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، އެރަށެއް ހޯދަން ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯޒަލް ވަޒަންކުރުމަށް ފަހު އެވެ.

އެކަމުގައި އިސް ދައުރެއް އަދާކުރާނީ ކައުންސިލްތަކަށް ހާއްސަކޮށްގެން މި ސަރުކާރުން ހެދި މިނިސްޓްރީ އޮފް ލޯކަލް ގަވާމަންޓުންނެވެ.

ތަފްސީލް - ރަށެއް ހޯދަން ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން:

  • ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެ

  • އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭ ގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެ

ޕްރޮޕޯޒަލް ހުށަހަޅާ އިރު، ތަފްސީލް ރިޕޯޓުގައި ކުއްޔާ ބެހޭ ބައި ނުހިމަނާ ވެސް ހުށަހެޅިދާނެ އެވެ. އަދި މިގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ކުއްޔަކާ ނުލައި ވެސް ރަށް ދޫކުރެވިދާނެ ކަމަށް ސަރުކާރުން ނިންމި އެވެ.

ތަފްސީލް ރިޕޯޓު ހުށަހަޅާ އިރު އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިން ވެސް ރަށެއް ހޯދޭނެ އެވެ. މީގެ އިތުރުން:

  • ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށް

  • ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު އޮންނާނެ

  • މި ދެ ހާލަތުގައި ވެސް އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަން ޖެހޭނެ

ފާހަގަކޮށްލެވޭ - މި ގަވައިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ ސަރުކާރުން ކަނޑައަޅައި އިއުލާންކުރާ ރަށްތަކަށް އެކަންޏެވެ. އެ ރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަން ހަމަޖެހިފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. މިގޮތަށް ދޫކުރެވޭ ރަށްރަށުގައި ތިމާވެށި ރައްކާތެރިކޮށް ދަމަހައްޓަން ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ އެވެ.

އެނގުން މުހިއްމު - އާ ގަވައިދުގެ ދަށުން ހޯދާ ރަށްތަކުގައި ކުރެވޭނެ ކަންކަން:

  • ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން

  • ތަކެތި ގުދަންކުރުން

  • ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން

  • ދޫނި ގެންގުޅުން

  • މަސް ކައްކައި ހިއްކުން

  • ލޮނުމަހުގެ މަސައްކަތް ކުރުން

  • ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން

  • އެކުއަކަލްޗާގެ މަސައްކަތް ކުރުން

  • ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން

  • ދިރޭ މަސް ގެންގުޅުން

  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން

  • ފައިބަރުގެ މަސައްކަތް ކުރުން

  • ވަޑާމުގެ މަސައްކަތް ކުރުން

  • ވޯކްޝޮޕް ހެދުން

  • އެޅިގަލުގެ މަސައްކަތް ކުރުން

  • ދަތުރު ދިޔުމާއި މޫދު ކުޅިވަރުގެ ހިދުމަތް ދިނުން

  • ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

މީގެ ކުރިން ކައުންސިލަކަށް ރަށެއް ލިބޭނީ އެ ރަށެއް ބަލަހައްޓާ އުސޫލުން އެކަންޏެވެ. އެ އުސޫލުން ލިބޭ ރަށްރަށުގައި ކުރަން ހުއްދަ ދީފައިވާ ކަންކަމަކީ:

  • ކާށި ނުވަތަ ފަން ހޮވުން

  • އެއްވެސް ގަހެއް ނުކަނޑައި ކުދި ގަހުގެ ނާސަރީއެއް ހެދުން/ހެއްދުން 

  • އަވަހަށް ހެދޭ ބާވަތުގެ ބައެއް ތަރުކާރީ ހެއްދުން

  • ރުއްގަސް އަދި ބަނބުކެޔޮ ފަދަ ބޮޑެތި ގަސް އިންދުން 

  • ގޮނޑުދޮށުން މަސް ހިފުން

ބުނީ ކީކޭ؟ - "ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް. އެ ސިޔާސަތު ތަންފީޒުވަމުން ދާތަން މިދަނީ ފެންނަމުން،" އާ ގަވައިދާ ގުޅިގެން ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު 'އެކްސް'ގައި ޕޯސްޓު ކުރެއްވި އެވެ.

"މިއީ ރައްޔިތުންނަށް އުންމީދު އާވާ ކަމެއް. ޝުކުރިއްޔާ ރައީސް މުއިއްޒު."

އިތުރު އާޓިކަލް

އިތުރު އާޓިކަލް