އަލްވާ އޭނާގެ މައިންބަފައިންނާ އެކުގައި: ގުރުއާނަށް ހާއްސަ ލޯތްބެއް ދޭ

ގުރުއާން

ވާހަކަ ނުދެއްކޭ، އަޑު ނީވޭ މި ދެމަފިރިންގެ ދަރިފުޅު ގުރުއާން މުބާރާތުން އެއްވަނަ

މައިންބަފައިންނަށް ވާހަކަ ނުދެއްކުނަސް، އަލްވާއަކީ ރީތިކޮށް ގުރުއާން ކިޔަވައި އަދި ގުރުއާން ހިތުދަސްކުރަމުން އަންނަ ކުއްޖެއް

އަމިއްލަ ގޭގައި 12 އަހަރުގެ އަލްވާ ހުސެންގެ ދުނިޔެ ވަރަށް ހިމޭނެވެ.

މަންމަ އައިމިނަތު ފަހުދާ އާއި ބައްޕަ ހުސެން ސުނިލްއަކީ، އުފަންވީއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ބަޔަކަށް ވުމުން އެ ދެމަފިރިންނާ އެކު ދިރިއުޅޭ އަލްވާގެ ގޭތެރެ ފަޅުފިލުވައިދެނީ ގުރުއާނުގެ އަޑުންނެވެ. މައިންބަފައިންގެ ނުކުޅެދުންތެރިކަމުގެ އެއްވެސް އަސަރެއް ހުރި ހަމައެކަނި ދަރިފުޅަށް ކުރާނެ ފުރުސަތެއް އެ މީހުން ނުދެ އެވެ.

މަންމަ އާއި ބައްޕައަށް ވާހަކަ ނުދެއްކުނަސް، އަލްވާ ވީ ރީތިކޮށް ގުރުއާން ކިޔަވައި، ގުރުއާން ހިތުދަސްކުރާ ކުއްޖަކަށެވެ.

ހދ. ވައިކަރަދުއަށް އުފަން ފަހުދާ އާއި މާލެއަށް ނިސްބަތްވާ ސުނިލްގެ އަންހެން ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެ ގުރުއާން ހިތުދަސްކުރަން ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ގްރޭޑް އެކަކަށް ނުދަނީސް، ތަބާރަކަ ސޫރަތާ ހަމައަށް ހިތުދަސްކޮށްފި އެވެ. އަދި މިހާރު އުމުރުން 12 އަހަރު ފުރުނު އިރު، ގުރުއާނުގެ ގިނަ ފޮތްތަކެއް ނުބަލައި އޭނާއަށް ކިޔަން އެނގެ އެވެ. އަލްވާ ފާހަގަކުރެވެނީ، މަޚްރަޖަށް، ރީތި އަޑަކުން ގުރުއާން ކިޔަވާ ކުއްޖެއްގެ ގޮތުގަ އެވެ.

އަލްވާ އޭނާގެ މަންމަ ފަހުދާ އާއި ބައްޕަ ސުނިލްއާ އެކުގައި
ވިނަވި ގުރުއާން މުބާރާތުން އަލްވާއަށް ލިބުނު ތަށިތައް ހިފަހައްޓައިގެން

އަލްވާއަށް ގުރުއާން ކިޔަވައިދެނީ، ފަހުދާގެ މަންމަ ސަކީނާ އާދަމް އެވެ. ގާރީ ކޯސް ހަދާފައިވާ މާމަ ކައިރިއަށް ގުރުއާން ކިޔަވަން އޭނާ ކޮންމެ ދުވަހަކު ވެސް ދެ އެވެ. ގިނަ ވަގުތުތަކެއް މާމަ ކައިރީގައި ކިޔަވަން ހޭދަކުރެ އެވެ. އެގެއަށް ގެންގޮސް ގެނައުމުގެ ޒިންމާ އުފުލަކީ އަލްވާގެ މައިންބަފައިންނެވެ.

"އެމީހުންނަކަށް ދެން މީނާއަކަށް ކިޔަަވައެއް ނުދެވޭނެތާ. އެހެންވެ، އަޅުގަނޑު ކައިރިން ކިޔަވަން ދަސްކުރަނީ. އެކަމަކު ގުރުއާން ކިޔެވުމަށް، އެ މީހުން ގަވައިދުން އަލްވާ މިގެއަށް ގެނެސް ގެންގޮސް ހަދާނެ،" ސަކީނާ ބުންޏެވެ.

ވާހަކަ ނުދެއްކޭތީ، ދަރިފުޅަށް ތައުލީމް ހޯދައިދިނުމަށް، ފަހުދާ ގޮވައިގެން ވަރަށް ކުރިން ސަކީނާ މާލެ ބަދަލުވެއްޖެ އެވެ. ފަހުދާ އާއި ސުނިލްއާ ބައްދަލުވީ މާލެއިންނެވެ. ދެމަފިރިންނަކީ ވެސް ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ބަޔަކަށް ވިޔަސް، އެ މީހުންގެ ދިރިއުޅުން އުފާވެރި އެވެ. އެ މީހުންގެ އަޑަކީ ދަރިފުޅު އަލްވާ އެވެ. މަންމަ އާއި ބައްޕަ ބުނާ އެއްޗެއް، ގިނަ ފަހަރަށް މީހުންނަށް ފަހުމްކޮށްދެނީ ވެސް އޭނާ އެވެ.

ސަކީނާ ގަބޫލުކުރާ ގޮތުގައި އޭނާގެ އުފަން ދަރިފުޅަށް ވާހަކަ ނުދެއްކުނު ނަމަވެސް، އަލްވާ އުފަންވީ ހާއްސަ ހުނަރަކާ އެކު އެވެ. އެއީ ފަސޭހައިން ހިތުދަސްކުރުމުގެ ގާބިލްކަމެވެ. އެހެންވެ އޭނާ ބޭނުންވީ މާމަ ދަރިފުޅުގެ އެ ހުނަރު ކުރިއަރުވައި، މޮޅަށް ގުރުއާން ކިޔަވާ ކުއްޖަކަށް ހެދުމަށެވެ.

ރަސްމިއްޔާތެއްގައި އަލްވާ ގުރުއާން ކިޔަވަނީ: އޭނާ މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުން

އިތުރަށް ދަސްކުރުމުގެ ޝައުގުވެރިކަމާ އެކު، މި ފަހުން އަލްވާ އަންނަނީ ގުރުއާން ކްލާހަކަށް ދަމުންނެވެ. ވިނަވި ގުރުއާން ކްލާހުން އެންމެ ފަހުން ބޭއްވި ގުރުއާން މުބާރާތުން އަލްވާ ވަނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން 1 ވަނަ ހޯދައިފަ އެވެ. އަދި މުޅި މުބާރާތުން ތިން ވަނަ ހޯދި އެވެ. އޭގެ އިތުރުން ބައެއް ރަސްމިއްޔާތުތަކުގައި ވެސް އޭނާ ގުރުއާން ކިޔަވަ އެވެ.

"މިއީ އަލްވާގެ ހިތްވަރު. އަޅުގަނޑުމެން އެންމެން ކޮށްދޭ މަސައްކަތުން އޭނާ އެ ދަނީ ގުރުއާން ހިތުދަސްކުރަމުން މިހާރު،" ސަކީނާ ބުންޏެވެ.

ފަހުދާގެ ދެމަފިރިންނާއި ސަކީނާ އަދި މުޅި އާއިލާގެ އުއްމީދަކީ މިހާރު، ގުރުއާން ހިތުދަސްކޮށްގެން އަލްވާ ހާފިޒަކަށް ވާތަން ދުށުމެވެ. މައިންބަފައިންގެ ނުކުޅެދުމެއް ހުއްޓަސް، އެއީ ދަރިފުޅުގެ ކުރިމަގަށް އޮތް ހުރަހެއް ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އެކަން އެ އަންނަނީ ސާބިތު ވެސް ކޮށްދެމުންނެވެ.

ކޮމެންޓް (5)

ސާލިހް

3 މާރިޗު 2024
މާޝާﷲ ހޫނު. މަރުހަބާ ގަދަ އަޅާ މަސައްކަތް ކުރަންވީ. ކާމިޔާބު މިނަވަރު ކުރައްވާށި. އާމީން
9 0

އަލީ

2 މާރިޗު 2024
ކޮންމެ އިންސާނަކަށްވެސް ކާމިޔާބު ކުރެވޭނެ، އިހުލާސްތެރިކަން އިސްކޮއް ގަދައަޅައި މަސައްކަތްކުރުމަށް މި ހަބަރު ހިތްވަރަކަށްވޭ
6 0

ހަސަނު

2 މާރިޗު 2024
ވަރަށް އުފާވެރި ޚަބަރެއް. ޢާއިލާއަށް ބަރަކާތް ލައްވާށި!
45 0

ނައީމް

2 މާރިޗު 2024
މާޝާﷲ، ހދ. ވައިކަރަދޫ އަށް ނިސްބަތްވާ މި އާއިލާއަކީ ހުނަރުވެރި އާއިލާއެއް، ހެޔޮދަރުމަދެއްވާށި
49 0

އިބްނު އަލީ

2 މާރިޗު 2024
މާޝާ ﷲ. ﷲ ޢާއިލާ އަށް ބަރަކާތް ލައްވާށި.
41 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް