28 ޖެނުއަރީ 2024: ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މުޒާހަރާ

މާލޭގައި ދެން ގާނޫނާ ހިލާފަށް އެއްވާން ފުުރުސަތެއް ނުދޭނަން: ސީޕީ ޝުޖާއު

އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިހާރު ފުލުހުންގެ ހުއްދަ ނުނަގާ އެއްވުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނި؛ ގްރީން ޒޯންތަކުގައި އެއްވުމުގެ އެއްވެސް ޖާގައެއް ނުދޭނެ
28 ފެބްރުއަރީ 2024
2

މިދިޔަ މަހު މަޖިލިސް ކައިރީގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން، ކުރިއަށް އޮތް ތަނުގައި އެއްވެސް ސަބަބަކާ ހުރެ، އެއްވެސް މަގުސަދެއްގައި ގްރީން ޒޯނަށް މީހުން އެއްވުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނު އަކުރުން އަކުރަށް ތަންފީޒު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން ވަނީ މިދިޔަ މަހު 28ގައި މަޖިލިސް ކައިރިއަށް އެއްވެ، މުޒާހަރާކޮށް، މަޖިލީހުގެ ވަށާފާރު މައްޗަށް އަރާ، ގޯތި ތެރެއަށް އެއްޗިހި އުކާފަ އެވެ. އެ މައްސަލާގައި ސުވާލުކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކޮށްފައިވެ އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ވެސް ގްރީން ޒޯނުގެ ތެރޭގައި އެއްވުމެއް ނުބޭއްވޭނެ އެވެ. އޭނާ ވިދާޅުވީ:

  • އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މާލޭގައި ހުއްދަ ނެގުމަކާ ނުލާ އެއްވެވެނީ ކާނިވާ ސަރަހައްދަށް އެކަނި

  • އެ ނޫން ކޮންމެ ސަރަހައްދެއްގައި އެއްވުމަށް ބޭއްވޭނީ ނަގަންޖެހޭ ހުއްދަތަކެއް ނަގައިގެން؛ އެ ނޫން ގޮތަކަށް އެއްވުން ބޭއްވުމަކަށް ގާނޫނުން ފުރުސަތެއް ނުދޭ

ފާހަގަކޮށްލެވޭ - ގާނޫނުގައި އެ ފުރުސަތު ކަނޑައެޅިފައި ނެތަސް، އަދި މުއައްސަސާތަކުން ލިޔުމުން އެކަމަށް އެއްބަސްވެ ހުއްދަ ދީފައި ނެތަސް، ސުލްހަވެރިކަމާ އެކު އުޅެވޭނެ ހާލަތްތަކުގައި ރައްޔިތުންނަށް މިދިޔަ ދުވަސްތަކުގައި އެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން، އެއްވެ އުޅުމަށް ފުރުސަތު ދިން ތަންތަނުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:

  • ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު

  •  ރައީސް އޮފީސް ހިމެނޭ ސަރަހައްދު

  • ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު

ބުނީ ކީކޭ؟ - "ރާއްޖެ ވެސް ހިނގަމުން މިދަނީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަމަށް ވާތީވެ، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ވެސް އެ ފުރުސަތު އެގޮތަށް އޮންނާތީވެ، ސުލްހަވެރިކަމާ އެކު އެއްވެސް ވަޔަލެންސެއް [ނެތި]، ނުވަތަ އެކަމުގެ ސަބަބުން ބަޔަކަށް ގެއްލުމެެއް ނުވާ ހާލަތެއްގައި އެ ފުރުސަތު މީގެ ކުރީގައި ދެމުން އައީ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލިސް ކައިރިއަށް އާންމުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މިދިޔަ މަހު އެއްވެ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން، ޝުޖާއު ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އަކުރުން އަކުރަށް ތަންފީޒު ކުރަން މިހާރު ނިންމަވާފައިވާ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތް ތަނުގައި މި ދެންނެވި ގޮތަށް، ސުލްހަވެރިކަމުގައި އެއްވި ކަމުގައި ވިޔަސް، އަދި އެ ނޫން މަގުސަދެއްގައި ވެސް މި ސަރަހައްދުތަކަށް އެއްވެ އުޅުމަކަށް ޖާގައެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ޝުޖާއު ވިދާޅުވި ގޮތުގައި، ޖެނުއަރީ 28ގައި މަޖިލިސް ކައިރިއަށް މީހުން އެއްވާން ފުރުސަތު ދިނީ، އެތަނަށް އެންމެ ފުރަތަމަ އެއްވި މީހުންގެ ފަރާތުން އަޑުގަދަ ކުރުމާއި ހަމަނުޖެހުމުގެ އެއްވެސް އަމަލެއް ނުހިންގާތީ އެވެ. ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި:

  • އެ ދުވަހުގެ ޖަލްސާގެ މައްސަލަ ހޫނުވެ، މެންދުރުފަހު ގިނަ މީހުން އެއްވެ މައްސަލަ ގޯސްވާން ފެށި

  • އެއާއެކު ފުލުހުން ވަނީ އެހިސާބުން މީހުން ފޮނުވާލުމުގެ މަސައްކަތް ފަށާފައި

އެނގުން މުހިއްމު - އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން، ހުއްޓި ތިބޭ ގޮތަށް ނުވަތަ އިށީނދެ ތިބޭ ގޮތަށް އެއްވުން މުޅިން މަނާ ސަރަހައްދުތަކުގެ ގޮތުގައި ނުވަތަ ގްރީން ޒޯނު ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ރައީސް އޮފީސް ހިމެނޭ ސަރަހައްދު

  • ރަައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު

  • ޝަރުއީ ކޯޓުތައް ހިމެނޭ ސަރަހައްދު

  • ރާއްޖޭގައި ގާއިމްކުރެވިފައިވާ ޑިޕްލޮމެޓިކް މިޝަންތައް ހިމެނޭ ސަރަހައްދު

  • ފުލުހުންގެ މައި މަރުކަޒު އަދި ފުލުސް އޮފީސްތައް ކައިރި

  • ހޮސްޕިޓަލާއި ސްކޫލްތަކާއި މިސްކިތްތައް ކައިރި

ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސް ތަނެއްގައި އެއްވުމެއް ނުބޭއްވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އާންމު ތަންތަނަށް އެއްވެ މުޒާހަރާކުރުން މަނާކުރާ އެ މާއްދާ އުވާލަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 2019ގައި ހުށަހެޅުއްވި އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް އޮތް އެ މާއްދާ އުވާލުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކޮމިޓީ މަރުހަލާގައި އޮތީ ޕާކްކޮށްފަ އެވެ.

އެ މާއްދާ އުވާލަން ޖާބިރު ހުށަހަޅުއްވާފައިވާ ބިލު އަވަސްކޮށްދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ކުރީކޮޅު މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ކޮމެންޓް (2)

ސަމްތިންގ

29 ފެބްރުއަރީ 2024
ގައިމު މިސީޕީއަކަށް ހުރިމީހާ ކުރިން ބުނެފައި އެބައޮތް ގޭންގަކީ ކޮބަައިކަން ނޭންގެއޭ. އެއެއް އެބަޖެހެއޭ އިނގެން. ދެން މިފަހަރު ކިހިނިެއްބާ މީނަ ގޭންގެއްކަން އިނގުނީ
0 0

އެހެންވީމާ

28 ފެބްރުއަރީ 2024
އެހެންވީމާ ސަރުކާރަށް ސަޕޯޓްކުރާ މީހުން ކުރި މުޒާހަރާގެ ސަބަބުން ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރުމުގެ ފުރުސަތު ބަންދުވީދޯ؟ ވަރަށް ގަދަ. ތިޔައޮތީ އެއްދޮނުގައި ދެބުޅިއެއްވެސް ނޫން ޖަހާފައެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް