ހަމަނުޖެހުންތަކުގައި އަނިޔާވި ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ހޮސްޕިޓަލަށް ގެންދަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މަޖިލީހުގައިި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަނީ

އަނިޔާވި ބައެއް މެމްބަރުންނާއި އިންޒާރު ލިބުނު މެމްބަރުން ވެސް ފުލުހަށް މައްސަލަ ހުށަހަޅާފައިވޭ
31 ޖެނުއަރީ 2024

މި މަހުގެ 28 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި ހިންގި ހަމަނުޖެހުންތައް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ތަހުގީގު ކުރާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ އެ ހަމަނުޖެހުންތަކުގެ މައްސަލަ މަޖިލިހުން ވެސް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ހަމަނުޖެހުންތަކުގައި އަނިޔާވި ބައެއް މެމްބަރުން ވެސް ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމުން އެކަމާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން މަޖިލިސް ދޮށުގައި އަޑު އުފުލަނީ  (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ބުނީ ކީކޭ؟ - "އޭގެ ތެރޭގައި އަނިޔާވި މެމްބަރުންނާއި އެ މެމްބަރުންނަށް ބައެއް ކަހަލަ އިންޒާރުގެ މެސެޖުތައް ލިބުމާ ގުޅިގެން އެބޭބޭފުޅުންގެ ކަންބޮޑުވުންތައް ހުރެގެން، އެބޭފުޅުންގެ ރައްކާތެރިކަމަށް އެދި ހުށަހަޅާފައި ހުރި މައްސަލަތައް ވެސް ހިމެނޭ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅު އަންނަ އެ ހުރިހާ މައްސަލަތަކެއް ވެސް ފުލުހުން ބަލަމުންދާ ކަމަށެވެ. އޭގެ އިތުރުން:

  • އެ މައްސަލަތަކާ ގުޅިގެން ހިއްސާކުރަން ޖެހޭ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާނެ

  • މެމްބަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި

ފާހަގަކޮށްލެވޭ - މަޖިލިސް މެމްބަރުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވެ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްގެ ބޯ ފެޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ. މީގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް އަނިޔާވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް