އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެމްޑީޕީ

މެމްބަރުން ހިމާޔަތްކޮށްދޭން އެމްޑީޕީން ގޮވާލައިފި

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ނިންމުމާ އެކު މިއަދު ކުރިއަށްދިޔަ މަޖިލިސް ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި މާރާމާރީ ހިންގައި، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ޖަލްސާ ވަނީ ހުއްޓުވާފައި

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ ވޯޓު ނަގަން މިއަދު މަސައްކަތް ކުރި މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލި މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ރިޔާސަތު މޭޒު ކައިރީގައި މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން ބައެއް މެމްބަރުންނަށް އެކި ވަރުގެ އަނިޔާ ވެސް ވަނީ ލިބިފަ އެވެ.

ރުހުން ދިނުމުގެ ވޯޓު ނަގަން ފުރަތަމަ ތާވަލުކުރީ  މެންދުރު 1:30 އަށެވެ. ވަގުތު ކުޑަތަން ވެފައިވަނިކޮށް މައްސަލަ ހޫނުވީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ފާސްކުރުމުންނެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ބުނީ:

  • ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް 

  • ވަޒީރުންނަށް ރުހުން ދޭ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދިނީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސް އެޅުން

ތަފްސީލު - މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ނަމަވެސް، އެމްޑީޕީއިން ބުނީ މެމްބަރުންނަށް އިންޒާރު ދީ، ގްރީން ޒޯނުގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ ވެސް އުކި ކަމަށެވެ.

ނަމަވެސް، މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން ފާހަގަކޮށް އެމްޑީޕީއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މަޖިލިސް މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް އެމްޑީޕީއިން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.

"ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު، އެއްވެސް ފަރާތަކަށް ބެލުމެއް ނެތި، އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދަމަތްތަކަށް ގޮވާލަމެވެ."

އެނގުން މުހިންމު - މިއަދުގެ ޖަލްސާ ހުއްޓުވަން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ، ދުންމާރި ފުންމަވައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުން ދުރުކުރަން މަސައްކަތް ކުރެއްވި އެވެ. އަދި އެމްޑީޕީގެ މެމްބަރުން އަސްލަމްއަށް ހިމާޔަތް ދެއްވުމަށް މަސައްކަތް ކުރައްވާ ތަން، ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެނެ އެވެ.

ގުޅުންހުރި ކަމެއް - މެންދުރު 1:30 ގައި ވޯޓު ނަގަން ތާވަލުކޮށްފައި އޮއްވާ ޖަލްސާ ހުއްޓުމަކަށް ގެނައުމުން އަނެއްކާ ވެސް އެ ވޯޓު 3 ޖަހާއިރު ނަގަން ތާވަލުކުރި އެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެ ގަޑީގައި ވެސް ޖަލްސާ ހުއްޓުވާފަ އެވެ.

އޭގެ ފަހުން މަޖިލިސް ޖަލްސާ މެދުކެނޑިފައި އޮތްއިރު، އެ ޖަލްސާ އަލުން ފަށާނީ މިރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް (2)

ހަސަނާ

29 ޖެނުއަރީ 2024
ފައްޔާޒުގެ މައްސަލަ އެންމެ ފުރަތަމަވެސް ބަލަންޖެހޭނެ!
2 0

ނަރުގިސް

28 ޖެނުއަރީ 2024
މެމްބަރުން ތަ އަދިވެސް ހިމާޔަތް ކުރަންވީ.. ރައްޔިތުންދޯ ހިމާޔަތް ކުރައްވީ.. އަދިވެސް މިހަކަހަލަ ގޮހުން ހޮވާތި
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް