25 ޑިސެމްބަރު 2022- ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވަނީ: އެމަނިކުފާނަށް އެދުވަހު އިއްވި ޖަލު ހުކުމް މިހާރު އިސްތިއުނާފް މަރުހަލާގައި އޮތް އިރު، ސަރުކާރުން ވަނީ އެ މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލެވޭ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުށް ސާބިތުވެ، އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްލެވޭ ގޮތަށް ގާނޫނަށް އިސްލާހެއް

ކަފާލާތު ކުރެވޭނެ ގޮތްތަކާއި ފަނޑިޔާރު ރިއާޔަތް ކުރެވޭނެ ކަންކަންވެސް ބިލުގައި އިތުރެަށް ތަފްސީލުކޮށްދީފައިވޭ

ކުށް ސާބިތުވެ، ޖަލަށް ހުކުމް ކުރާ ކުއްވެރިޔަކަށް އިސްތިއުނާފް މަރުހަލާގައި ކަފަލާތުގެ ދަށުން މިނިވަންވާ ގޮތަށް ޖިނާއީ އިޖުރާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

އެނގުން މުހިންމު - ކުށެއް ސާބިތުވާ މީހަކަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ހައްގު ދެވޭނެކަމަށް ޖިނާއީ އިޖުރާތުގައި ގާނޫނުގައި ނޯވެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 11 އަހަރަށް ޖަލަށް ހުކުމްގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް އެ ކަންބޮޑުވުން މީގެ ކުރިން ފާޅުކުރައްވާފައިވެ އެވެ. ކަފާލާތުގެ އުސޫލުތައް ބަޔާން ކުރާ ބިލެއް މަޖިލީހަށް ހުށަހެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެވެސް ރިޔާސީ ވައުދެކެވެ.

ވީ ކިހިނެއް؟ - މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތަފްސީލު - ޖިނާއީ އިޖުރާތުގެ ގާނޫނުގެ 201 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރާ މާއްދާއެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ، ދަށު ކޯޓަކުން ޖިނާއި ކުށެއް ސާބުތުވާކަމަށް ހުކުމްކޮށްފައިވާ މީހަކަށް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އިސްއުނާފް މަރުހަލާގައި އެ މައްސަލަ އޮތް ކޯޓަކަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވާ ދެ ހާލަތެއް ވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އޭނާގެ މައްޗަށް ކުށް ސާބިތުވެ، އެ ކުށަށް އޭނާގެ މައްޗަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިވުން

  • އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ދަށު ކޯޓުންކޮށްފައިވާ ހުކުމް ނުވަތަ އެ ކުށަަށް ކަނޑައަޅާފައިވާ އަދަބު އޭނާ އިސްތިއުނާފުކޮށްފައިވުން

ގާނޫނުގައި މިހާރުވެސް އިސްތިއުނާފް ހައްގު ނުލިބޭނެ ކުށްތައް ބަޔާންކޮށްފައިވެ އެވެ. ބިލުގައި ބުނަނީ، އިސްތިއުނާފު މަރުހަލާގައިވެސް އެފަދަ ކުށްތަށް ސާބިތުވާ މީހުން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްނުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގަސްތުގައި މީހަކު މެރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް

  • ހަތިޔާރަކުން މީހަކަަށް ހަމަލާދީ، އެމީހަކަށް ނުރައްކާތެރި ހާނިކައެއްކޮށްފައިވާކަމަށް ތުހުމަތުވާ މައްސަލަތައް

  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން، ޓެރަރިޒަމް އަދި ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަތައް

  • ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ އަމަލެއް ހިންގިކަމެއް ތުހުމަތު ކުރެވޭ މައްސަލަތައް

  • ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައޅާފައިވާ މައްސަލަތައް

ޖިނާއީ އިޖުރާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އޭގެ އިތުރުން ކުށް ސާބިތުވެފައިވާ މީހަކު އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ހައްގު ހޯދުމަށް އެދޭއިރު، އޭނާ ކޯޓަށް ސާބިތުކޮށްދޭން ޖެހޭ ކަންކަންވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ އިސްތިއުނާފެއްކަން

  • އޭނާ ކަފާލާތުގެ ދަށުން ދޫކުރާއިރު، ކަނޑައެޅޭ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާނެކަން

  • އޭނާ އިތުރަށް ބަންދުގައި ބަހައްޓަގައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތްކަން

ގުޅުން ހުރި - ޖިނާއީ އިޖުރާތުގެ ގާނޫނު މިހާރު އޮތް ގޮތުން ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގައިވެސް ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލުމުގައި މާ ބޮޑެތި ތަފްސީލުތަކެއް ހިމަނާފައި ނުވެ އެވެ. އެ ގާނޫނު މިހާރުވެސް އޮންނަ ގޮތުން ދަށު ކޯޓު މަރުހަލާގައި ފައިސާ ބެހެއްޓުމަށްފަހު އަދި މީހަކު ޖާމިނުވާ ގޮތަށް ޝަރުތަކާ ނުލައި/ޝަރުތަކާއެކުވެސް ކަފާލާތުގެ ދަށުން ބަންދުގައި ހުރި މީހަކު ދޫކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ނަމަވެސް އެގޮތަށް ދޫކުރާއިރު، ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނެ ކަންކަމާއި އެއާ ގުޅުންހުރި އެހެން ކަންކަމުގެ މާ ބޮޑު ތަފްސީލެއް ބަޔާންކޮށްފައި ނުވެ އެވެ.

މެންބަރު ހަސަންގެ އިސްލާހުގައި ކަފާލަތުގެ އުސޫލުން ދޫކޮށްދިނުމަށް އެދުމުގެ ހައްގުތަކާއި އެފަދަ ހުށަހެޅުމަކަށް ފަނޑިޔާރު ރިއާޔަތް ކުރާން ޖެހޭ ކަންކަން ހިމަނާފައިވެ އެވެ. އެގޮތުން އިސްލާހުގައި ބުނެފައި ވަނީ، ކަފާލާތުގެ ދަށުން ދޫނުރެވޭނެކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި ނުވަތަ ކަފާލާތުން ދޫކުރުމުގައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށް ކަނޑައަޅާ ހާލަތުގައި ފިޔަވައި އެނޫން ކޮންމެ ހާލަތެއްގައި ކަފާލާތުގައި ދޫކޮށްދިނުމަށް އެދުމުގެ ހައްގު ލިބިގެންވެ އެވެ.

ޖުލައި 18، 2023: އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލަސްވާތީވެ ލީޑާޝިޕް ބޭފުޅުން ހައި ކޯޓުގައި: އެ މައްސަލައިގައި މިހާރު އޮތީ ހުކުމަކާ ހަމައަށް ގޮސްފައި. (ފޮޓޯ/ ޕީޕީއެމް)

މި އިސްލާހުގައި ކަފާލާތުގެ ދަށުން ދޫކޮށްލާއިރު އެ ތުހުމަތު ކުރެވޭ ކުށަކީ، ޖަލު އަދަބު އަންނަ ވަރުގެ ކުށެއްނަމަ، އޭނާ ބަންދުން ދޫކޮށްލުމުގައި މިހާރުވެސް ގާނޫނުގައި ބަންދަކާމެދު ގޮތް ނިންމާއިރު ބަލަން ޖެހޭ ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުންވެސް އިތުރު ފަސް ކަމެއް ބިލުގައި ހިމަނާފައިވެ އެވެ. އެއީ:

  • 1-

    އޭނާއަކީ މީގެ ކުރިން ކަފާލާތުގެ ދަށުން ދޫކޮށް، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ނުވަތަ އަމުރަކާ ހިލަފުވެފައުވާ ފަރާތެއްކަން ނުވަތަ ނޫންކަން

  • 2-

    ޝަރީއަތް ފެށުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ވަގުތު ހޭދަވާނެކަން ނުވަތަ ނޫންކަން

  • 3-

    އެ ކުށަކީ، ގެވެށި އަނިޔާގެ ކުށެއް ނުވަތަ އަނިޔާވެރި ކުށެއްނަމަ، އަދި އޭނާ ބަންދުންދޫކޮށްލައިފިނަމަ، ކުށުގެ ޝިކާރަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު

  • 4-

    އޭނާ އިތުރަށް ބަންދުގައި ބަހައްޓައިފިނަމަ، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ ކުށުގެ ދައުވާއަށް ދިފާއު ތައްޔާރުކުރުމަށް ނޭދެވޭ އަސަރުކޮށްފާނެ މިންވަރު

  • 5-

    އޭނާ ކުރި ކުށުގެ ބާވަތާއި ތަހުގީގުގެ މަރުހަލާގައި އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ ބަންދުންދޫކޮށްލައިފިނަމަ، ފިލާފާނެ ކަމުގެ އިހްތިމާލެއް ބޮޑުކަމަށް ބެލެވޭނެ ހާލަތުތަކެއް ވާކަން ނުވަތަ ނޫންކަން

އެ ހުރިހާ ކަންކަމަކަށް ވަކިވަކިން ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލަން ފަނޑިޔާރު ނިންމަންވާނީ ބަންދުން ދޫކޮށްލުމަށް އޮތް މަސްލަހަތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ނުވަތަ މުޖްތަމައުގެ އާންމު މަސްލަހަތާ އަޅާބަލާއިރު، އޭނާ ބަންދުންކޮށްފިނަމަ އޭގެ ސަބަބުން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތައް އަދި މުޖްތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންންނާެ ކަމަށް ބުރެވޭ ސަބަބުތަކަކެއް ހުރިނަމަ ކަމަށްވެސް ބިލުގައި ބުނެ އެވެ.

މި ބިލުގައި އިސްތިއުނާފު ކުރާ މުއްދަތު ގުނާ ގޮތް ބަދަލު ކުރުމަށްވެސް ހިމަނާފައިވެ އެވެ. އެގޮތުން:

  • ގާނޫނު މިހާރު އޮތް ގޮތުން ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރުމަށް ލިބޭނީ އެ ހުކުމެއް ކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް. 

  • ނަމަވެސް އިސްލާހުގައިވާ ގޮތުން އެ 60 ދުވަހުގެ މުއްދަތު ގުނަން ފަށާނީ ހުކުމް ކުރުމަށްފަހު ޝަރީއަތުގެ ރިޕޯޓު ލިބޭ ތާރީހުން ފެށިގެން

 މީގެ ކުރިން ހުކުމް ކުރުމަށްފަހު، ޝަރިއަތުގެ ރިޕޯޓު ލިބުން ލަސްވާތީވެ، އިސްތިއުނާފު ކުރުމަށް ދަތިތަކެއް ދިމާވާކަމަށް ބުނެ ބައެއް ވަކީލުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ބިލުގައި ވާގޮތުން މި އިސްލާހުތަކަށް އަމަލު ކުރަން ފަށަން އޮތީ، ބިލު މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރުމަށްފަހު ސަރުކާރު ގެޒެޓްގައި ޝާއިއުކުރާތާ ތިން މަސް ދުވަސް ފަހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް