ރާއްޖޭގެ ފަރާތުން އައިސީޖޭއަށް މިއަދު ބަޔާން ހުށަހަޅަނީ

ރާއްޖެއިން އައިސީޖޭގައި: 'އިޒްރޭލުން ހިންގަނީ ނަސްލެއް ނައްތާލުމުގެ ޖަރީމާއެއް'

އިޒްރޭލުގެ އަމަލުތައް ފަލަސްތީނުގެ ރައްޔިތުންނާ މެދު ހުރީ އިންސާނީ ހައްގުތައް ހިމަޔާތްކޮށްދީފައިވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބުނި
27 ފެބްރުއަރީ 2024

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ރާއްޖެއިން ބައިނަލްއަގުވާމީ ކޯޓް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ސިފަކޮށް އިންސާފު ގާއިމްކުރުމަށް ރާއްޖެއިން އެ ކޯޓުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވަމުން ދާތީ އައިސީޖޭގައި މިހާރު ހިނގަމުން ދާ މައްސަލައިގައި ރާއްޖޭގެ ފަރާތުން މިއަދު ވަނީ އެ ކޯޓުގައި ބަޔާން ދީފަ އެވެ. އެ ބަޔާން ރާއްޖޭގެ ފަރާތުން ދެއްވީ  ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު އެވެ. 

ބުނީ ކީކޭ؟ - ޝާން އިއްވެވި ބަޔާނުގައި އޭނާ ވަނީ ގާޒާގައި މިހާރު އިޒްރޭލުން ހިންގަމުން ދާ ލޭ އޮހޮރުވުންތަކާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި: 

  • ފަލަސްތީން-އިޒްރޭލު މައްސަލައަށް އޮތް ސުލްހަވެރި ހައްލަކީ ފަލަސްތީނުގެ މިނިވަން ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމްކުރުން

  • އިރުމަތީ ގުދުސް އިޒްރޭލުގެ އިސްތިއުމާރުން މިނިވަންކޮށް އެއީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުން؛ އަދި 1967 ގެ ކުރިން އޮތް ބޯޑަރުތައް ފަލަސްތީނަށް އަނބުރާ ދިނުން

"މިދަނޑިވަޅަކީ އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ނަގާ ނުލައްވާނެ ކަމަށް އުންމީދުކުރަން،" ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ތާއީދު ކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު އަސާސެއްކަން ފާހަގަ ކުރައްވައ ޝާން ވިދާޅުވި އެވެ. 

ތަފްސީލް - މީގެ އިތުރުން އައިސީޖޭއަށް ރާއްޖޭގެ ފަރާތުން ހުށަހެޅި ގާނޫނީ ކަންކަން ހުށަހަޅައި ދެއްވީ ރާއްޖޭގެ ވަކީލުންގެ ޓީމުގައި ހިމެނޭ އޭމީ ސޭންޑާ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ އިޒްރޭލުގެ ބައެއް އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ އިންސާނީ ހައްގުތަކުން އެ މީހުން މަހުރޫމްވެފައިވާ މިންވަރެވެ. އެގޮތުން ވިދާޅުވީ: 

  • ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމެއް ނެތް ސާފު ބޯފެނާއި ނަރުދަމާގެ ވަސީލަތްތަކަށް އިޒްރޭލުން ގަސްތުގައި ހަމަލާދީ ދަނީ ސުންނާފަތި ކުރަމުން

  • އަސާސީ ކާބޯތަކެތި ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސް އަޅާ 

  • އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެއްޗާއި ފެނަށް ޖައްސަމުން

"މިއީ އިންސާނީ ހައްގުތައް ހިމަޔާތްކޮށްދީފައިވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް އިޒްރޭލުން ހިންގާ އަމަލުތައް،" ސޭންޑީ ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް