ރައީސް މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. (ފޮޓޯ/ ރައީސް އޮފީސް)

ކުރީ ސަރުކާރުގެ ފަރުވާކުޑަކަމުން މަޝްރޫއުތައް ގެއްލުނު: ރައީސް

ގެއްލުނު މަޝްރޫއުތަކުގެ ތެރޭގައި ހދ. ހަނިމާދޫގައި ހޮސްޕިޓަލް ތަރައްގީ ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި
26 ފެބްރުއަރީ 2024

ކުރީ ސަރުކާރުގެ ފަރުވާކުޑަކަމުން ހިލޭ އެހީގެ ދަށުން، ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ކުރިއަށް ގެންދަން ލިބުނު ބައެއް މަޝްރޫއުތައް ގެއްލިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެރަށުގައި އަޅަން މިދިޔަ ސަރުކާރުން އިއުލާނު ކުރެއްވި ހޮސްޕިޓަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ހަނިމާދޫ ހޮސްޕިޓަލާ އެކު އިތުރު ތިން ރަށް ހިމެނޭ ގޮތަށް، މުޅިއެކު ހަތަރު ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރަން މިދިިޔަ ސަރުކާރުން މަޝްރޫއުތަކުގައި ސޮއި ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި  އެވެ.

އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި، ރައީސް ވިދާޅުވި ގޮތުގައި، ކުވޭތު ފަންޑުން އޮތީ ހިލޭ އެހީ ވެސް ހަމަޖައްސައިދީފަ އެވެ.

"އެހެން ނަމަވެސް، މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް، މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވޭތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

އެފަދަ ފަންޑުތަކުން މަޝްރޫއުތައް ހިންގަން ފައިސާ ދޫކުރާ ހާއްސަ އުސޫލުތަކެއް ހުންނަކަން ފާހަގަކުރައްވާ، ރައީސް މުއިއްޒު ވިދާޅުވީ، އެ ފައިސާ ހޯދުމަށް ސަރުކާރުން ވަކި އިޖުރާއަތްތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

"އެކަންކަން ނުކޮށް، ފަރުވާ ކުޑަކޮށްގެންނޭ އަޅުގަނޑަށް ދެންނެވޭނީ، އެކަން ލަސް ކުރަމުން ގޮސް އެންމެ ފަހުން ފަންޑު ކުވޭތުން އަނބުރާ ގެންދިޔައީ. ގެންދިޔައިމަ މިރަށް ވެސް ހިމެނޭ ގޮތަށް އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ،" ރައީސް ވިދާޅުވި ގޮތުގައި، ހަނިމާދޫ ހޮސްޕިޓަލް މަޝްރޫއު ނުހިނގައިގެން އުޅޭ ސަބަބަކީ އެއީ އެވެ.

"އެހާ ވަރަކަށް ދެން ކަންކަން ބޮއްސުންލައިގެން ދާނީ ދެއްތޯ ސަރުކާރެއްގައި؟ ދެން ކޮންމެއަކަށް ރައްޔިތުން އެކަމުގައި ގޮތް ނިންމާފައި ރިޔާސީ އިންތިހާބުގައި އެއޮތީ."

ރައީސް ޔަގީންކަން ދެއްވީ، މި ސަރުކާރުގައި އެހެން ގޮތެއް ހޯދައިގެން، ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމާލެވެންދެން، ސިއްހީ ހިދުމަތްތައް ފުޅާ ކޮށްދެވެން ކުރި ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ކުވޭތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅަން މިދިޔަ ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލާފަ އެވެ. އެގޮތުން:

  • މި ހޮސްޕިޓަލުތައް އަޅަން ފުރަތަމަ ބީލަން ހުޅުވާލީ 2021ގެ އޭޕްރިލް މަހު؛ އެ ފަހަރު ލިބުނު ބިޑުތައް ފިނޭންސް މިނިސްޓްރީން ބާތިލުކުރީ ލިބުނު އަގުތައް ބޮޑު ކަމަށް ބުނެ

  • އިންޖިނިއަރުންގެ އަންދާޒާއަށް ވުރެ ބިޑުތައް ބޮޑުވުމުން ހުރިހާ ހޮސްޕިޓަލުތަކުގެ ބީލަން އަލުން ހުޅުވާލުން ނޫން ގޮތެއް ނެތް ކަމަށް ބުނެ، ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ 2022ގެ ނޮވެމްބަރުގައި

  • އެއަށްފަހު، 2023ގެ މާޗުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލު ނުކުރެވި ލަސްވަނީ ކުވެއިތު ފަންޑުން "ނޯ އޮބްޖެކްޝަން"، ނުވަތަ އެކަމައިގެން ކުރިއަށް ދިޔުމުގެ ފެހި ސިގްނަލް ނުލިބޭތީ ކަމަށް

2023 އަށް ފާސްކުރަން ހުށަހަޅާފައިވާ ބަޖެޓުގައި މި ހުރިހާ ހޮސްޕިޓަލުތަކަށް ބަޖެޓުކޮށްފައިވާ ނަމަވެސް، މަޝްރޫއަށް ހަރަދުކުރަން ހަމަޖެހިފައިވާ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުއްޓެވެ. އެގޮތުން، ތިން ރަށެއްގެ ހޮސްޕިޓަލަށް 71.1 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވާއިރު، ބާކީ ހުރި ރަށްތަކަށް ބަޖެޓުކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ.

ހޮސްޕިޓަލް އަޅަން ނިންމި ރަށްތައް:

  • ހދ. ހަނިމާދޫ (2.5 މިލިއަން ރުފިޔާ)

  • ށ. މިލަންދޫ (71.1 މިލިއަން ރުފިޔާ)

  • ނ. ވެލިދޫ (2.5 މިލިއަން ރުފިޔާ)

  • ކ. ތުލުސްދޫ (2.5 މިލިއަން ރުފިޔާ)

  • އދ. މާމިގިލި (2.5 މިލިއަން ރުފިޔާ)

  • ވ. ފެލިދޫ (71.1 މިލިއަން ރުފިޔާ)

  • ތ. ވިލުފުށި (71.1 މިލިއަން ރުފިޔާ)

ފާހަގަކޮށްލެވޭ - ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މަޝްރޫއުތަކަށް ފަންޑު ހޯދުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކުރެއްވުމުގެ އިތުރުން ވެސް، މިދިޔަ ސަރުކާރަސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން:

  • މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭން ކޮށްފައި އޮތް ސްކޭލް މާ ކުޑަ ކަމަށް ވިދާޅުވެ، މި ސަރުކާރުން ރަންވޭ އިތުރަށް ދިގުކޮށް، އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި

  • އަދި މިސަރުކާރުން އެ މަޝްރޫއު ކުރިއަސް ގެންދާނީ ކުރީ ސަރުކާރަށް ވުރެ ބާރު ސްޕީޑުގައި ކަމުގެ ޔަގީންކަން ދެއްވި

ހަނިމާދޫ އަކީ، ރާއްޖޭގެ އެންމެ އުތުރު ޒޯނުގައި މި ސަރުކާރުން އިގްތިސޯދީ ހަބުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށް ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ:

  • އެރަށުގައި އާބާދީ އާއި ތަރައްގީ އެއްފަސްކުރެވެން އެބައޮތް؛ އެކަމަށްޓަކައި ބޭނުންވާ ހިދުމަތްތައް އެރަށުން ފޯރުކޮށްދޭނެ

  • އިގްތިސޯދީ ފުދުންތެރިކަން ގާއިމްކޮށްދޭނެ

  • އެކި ވައްތަރުގެ ޓޫރިޒަމް ހިމެނޭ ގޮތަށް، އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް