ރަށެއްގައި އަޅަން ރާވާފައިވާ ހޮސްޕިޓަލް އިމާރާތުގެ ކުރެހުމެއް. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ސިއްހަތު

އަގު ބޮޑުވެގެން ބިޑު ބާތިލުކުރި ހޮސްޕިޓަލުތައް އަލުން ބީލަމަށް

ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަޅާ 30 އެނދުގެ މި ހޮސްޕިޓަލުތަކަށް ކުރިން ލިބުނު ބިޑުުތައް ބާތިލުކުރީ އިންޖިނިއަރުން އަންދާޒާކުރި ވަރަށް ވުރެ ބޮޑު އަގުތަކެއް ހުށަހަޅާފައިވާތީ
8 ނޮވެމްބަރު 2022

ކުވެއިތު ފަނޑުގެ އެހީގައި ހަތް ރަށެއްގައި އަޅަން ރާވާފައިވާ 30 އެނދުގެ ހޮސްޕިޓަލުތަކުގެ ބީލަން ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މި ހޮސްޕިޓަލުތައް އަޅަން ފުރަތަމަ ބީލަން ހުޅުވާލީ މިދިޔަ އޭޕްރިލް މަހު އެވެ. އެ ފަހަރު ލިބުނު ބިޑުތައް ފިނޭންސް މިނިސްޓްރީން ބާތިލުކުރީ ލިބުނު އަގުތައް ބޮޑުވެގެންނެވެ.

ބިޑުތައް ބާތިލުކުރި ސަބަބު ހާމަކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި، އިންޖިނިއަރުންގެ އަންދާޒާއަށް ވުރެ ބިޑުތައް ބޮޑުވުމުން ހުރިހާ ހޮސްޕިޓަލުތަކުގެ ބީލަން އަލުން ހުޅުވާލުން ނޫން ގޮތެއް ނެތެވެ.

ތަފްސީލް - އަތޮޅު ތެރޭގައި ދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް އިތުރުކުރުމުގެ ގޮތުން އަޅާ މި ހޮސްޕިޓަލުތަކުން ޓާޝިއަރީ ފެންވަރުގެ ހިދުމަތްތައް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މީގެ ކުރިން މި ހޮސްޕިޓަލުތައް ހުންނާނެ ގޮތް ކަމަށް ބުނެ ބައެއް ކުރެހުންތައް ހިއްސާކޮށްފައިވީ ނަމަވެސް، މިހާތަނަށް މި ހޮސްޕިޓަލުތަކާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

މި އަހަރަށް ފާސްކުރަން ހުށަހަޅާފައިވާ ބަޖެޓުގައި ހުރި މައުލޫމާތަށް ބަލާއިރު، މި ހުރިހާ ހޮސްޕިޓަލުތަކަށް ބަޖެޓުކޮށްފައިވެ އެވެ. އެކަމަކު މަޝްރޫއަށް ހަރަދުކުރަން ހަމަޖެހިފައިވާ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އެގޮތުން، ތިން ރަށެއްގެ ހޮސްޕިޓަލަށް 71.1 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވާއިރު، ބާކީ ހުރި ރަށްތަކަށް ބަޖެޓުކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ.

ހޮސްޕިޓަލް އަޅާ ރަށްތައް:

  • ހދ. ހަނިމާދޫ (2.5 މިލިއަން ރުފިޔާ)

  • ށ. މިލަންދޫ (71.1 މިލިއަން ރުފިޔާ)

  • ނ. ވެލިދޫ (2.5 މިލިއަން ރުފިޔާ)

  • ކ. ތުލުސްދޫ (2.5 މިލިއަން ރުފިޔާ)

  • އދ. މާމިގިލި (2.5 މިލިއަން ރުފިޔާ)

  • ވ. ފެލިދޫ (71.1 މިލިއަން ރުފިޔާ)

  • ތ. ވިލުފުށި (71.1 މިލިއަން ރުފިޔާ)

މި ހޮސްޕިޓަލު އިމާރާތްތައް އަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 7 އެވެ. 

އެނގުން މުހިންމު - ރާއްޖޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް، ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ކުރީކޮޅުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ދެއްވި ހިތޯބެއްގައި ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހއ. އިހަވަންދު އާއި ހޯރަފުށި

  • ހދ. ހަނިމާދޫ

  • ށ. މިލަންދޫ

  • ނ. ވެލިދޫ އާއި ކެނދިކުޅުދޫ

  • ބ. ތުޅާދޫ

  • ޅ. ހިންނަވަރު

  • އދ. މާމިގިލި

  • ފ. ނިލަންދޫ

  • ތ. ވިލުފުށި

  • ގދ. ގައްދޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް