ތޮއްޑޫ ސްކޫލުގެ ދަރިވަރުން، ސްކޫލުގެ ގޯތި ތެރޭގައި ހެއްދި ކަރާ ދަނޑުތަކުގައި ހަރަކާތްތެރިވަނީ

ތައުލީމު

މި ފަހަރު ތޮއްޑޫ ސްކޫލުން ވެސް ރޯދައަށް ކަރާ ނެރޭނެ

މިއީ ތޮއްޑޫ ސްކޫލުން ކަރާ ހެއްދި ފުރަތަމަ ފަހަރު. ބޭނުމަކީ މި މަސައްކަތަށް ދަރިވަރުންގެ ހިތްޖެއްސުން
24 ފެބްރުއަރީ 2024

ކުރިއަށް އޮތް ރޯދަ މަހަށް އއ. ތޮއްޑޫގެ ކަރާ ދަނޑުތައް މިހާރު އަންނަނީ ފައްކާވަމުންނެވެ. ކަރަ އާއި ތަރުކާރީ އަދި މޭވާގެ ބާވަތްތައް އެންމެ ގިނައިން ހައްދާ އެއް ރަށުގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ތޮއްޑޫގެ ދަނޑުވެރިން ބުނަނީ މަދު ނުވާ ވަރަށް އެރަށުން ކަރާ ބޭރު ކުރެވޭނެ ކަމަށެވެ.

އެކަމަކު ދަނޑުވެރިންގެ މި މަސައްކަތުގައި އެ ރަށު ސްކޫލުން ވެސް ފުރަތަމަ ފަހަރަށް މި އަހަރު ވަނީ ބައިވެރިވެފަ އެވެ. ސްކޫލުގެ ގޯތި ތެރޭގައި ދަރިވަރުން ހެއްދި ކަރަ އާއި ކިއުކަމްބާ ވެޔޮތައް ފޯދި، މޭވާ އަޅާ ފުރިފައިވާއިރު، ސްކޫލުގެ އަމާޒަކީ ވެސް ރޯދަ މަހުގެ ބާޒާރަށް އެތަކެތި ނެރުމެވެ.

"އަޅުގަނޑުމެން ހެއްދިން 150 ގަސް. ހުރިހާ ވެލެއްގައި ވެސް ވަރަށް ގިނައިން ކަރާ އެޅި،" ތޮއްޑޫ ސްކޫލުގެ ޕްރިންސިޕަލް އާދަމް އަފްޒަލް ވިދާޅުވި އެވެ.

ތޮއްޑޫ ސްކޫލުގެ ދަރިވަރުން، ސްކޫލުގެ ގޯތި ތެރޭގައި ހެއްދި ކަރާ ދަނޑެއްގައި ކަރާ އަޅާފައި

"މިހާރު މޭވާތައް ވަނީ ހަރުވެފައި."

ސްކޫލުން އުއްމީދު ކުރަނީ، ރޯދައަށް ހާއްސަކޮށްގެން 200 ކިލޯގެ ކަރަ އާއި 30 ކިލޯގެ ކިއުކަމްބާ ބާޒާރަށް ނެރެވޭނެ ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ދަރިވަރުން މި ގަސްތައް ހެއްދީ، އެކި ކުދިންނަށް މަސައްކަތްތައް ބަހާލައިގެންނެވެ. އެހެންވެ، މި މަސައްކަތުގައި، ކްލަބްގެ ހުރިހާ ދަރިވަރުންގެ ހިއްސާ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކަރާ ހައްދަން މަޝްހޫރު އަދި 'ވޯޓަމެލަން އައިލަންޑް'ގެ ގޮތުގައި ޓޫރިސްޓުންނަށް ވިއްކަމުން އަންނަ އެ ރަށުގެ ދަނޑުތަކުގައި މިހާރު މަސައްކަތް ކުރަން އުޅޭތަން ގިނައިން ފެންނަނީ ބިދޭސީންނެވެ.ރޯދައަށް އަމާޒުކޮށްގެން އެ ރަށު ކައުންސިލުން އާއްމުންނަށް ދޫކުރާ ދަނޑުތަކުގައި، ކަރަ އާއި ތަރުކާރީ ހައްދައި، ދަނޑުތަކުގައި ކުރިއާ ހިލާފަށް މިހާރު އާންމުކޮށް އުޅެނީ ބިދޭސީންނެވެ.

ތޮއްޑޫ ސްކޫލުގެ ދަރިވަރުން ސްކޫލުގައި ކިއުކަމްބާ ހައްދަނީ. އުއްމީދަކީ ރޯދައަށް 30 ކިލޯގެ ކިއުކަމްބާ ބާޒާރަށް ނެރުން

ސްކޫލުގެ ތިމާވެށީގެ ކްލަބް، 'ގްރީން ވޭވް'ގެ ދަނޑުވެރިކަމުގެ ތަޖުރިބާއިން ވެސް އަފްޒަލަށް ފެނިވަޑައިގެންނެވީ، އެ މަސައްކަތްތައް ދަރިވަރުން ނޭނގޭ މިންވަރެވެ.

"އަޅުގަނޑުމެން ހީކުރަނީ މިއީ ޒަމާނުއްސުރެ ކަރާ ހެއްދުމަށް މަޝްހޫރު ރަށަކަށް ވުމުން، މި މަސައްކަތް ހުރިހާ އެންމެންނަށް ވެސް އެނގޭނެއޭ. ކުޑަކުދިންނަށް ވެސް އެނގޭނެއޭ. އެކަމަކު މި ތަޖުރިބާއިން އަޅުގަނޑުމެންނަށް ފެނުނީ، ދަރިވަރުން މި މަސައްކަތަށް ކިހާ އާކަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ބެލެނިވެރިން ދަނޑުވެރިިކަމުގައި އުޅުނު ނަމަވެސް، އެކަމުގައި އެ މީހުންގެ ދަރިން ބައިވެރިނުކުރުވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ދަރިވަރުން އަހުލުވެރި ނުވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އއ. ތޮއްޑޫގައި ރޯދަ މަހަށް ހައްދާފައިވާ ދަނޑުތައް

"ބައެއް ބެލެނިވެރިން ބުނާނެ ދަރިވަރުންނަށް އެއްވެސް މަސައްކަތެއް ނުޖައްސައި، ކިޔަވާށޭ ބައިތިއްބަނީ. އެކަމަކު ހަގީގަތުގައި ކިޔަވައިދިނުމަކީ މިއީ. ދިރިއުޅުމުގެ މައިދާނަށް ދަރިން ތައްޔާރުކުރުވުން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

"މިސާލަކަށް މަސައްކަތު ދުވަހެއް ފާހަގަކުރާއިރު ވެސް ބެލެނިވެރިން ބޭނުމެއް ނުވާނެ ކުދިންނަށް މަސައްކަތެއް ޖައްސާކަށް. އޭގެ ބަދަލުގައި ލާރި ދޭނީ. އެހެންވެ، ކުދިންނަށް ވަރަށް އާދައިގެ، ކުދިކުދި ކަންތައްތައް ވެސް ކުރަން ނޭނގޭކަން އަޅުގަނޑުމެންނަށް ފާހަގަވީ."

އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ ދަރިވަރުން ކަރަ އާއި ކިއުކަމްބާ ހައްދަން ނިންމީ އެކަމަށް ޝައުގުވެރިކަން ބޮޑުކޮށް، މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުންނެވެ. އެކަމަކު މިއީ ކޮންމެ ބެލެނިވެރިއަކަށް ވެސް ނުވަތަ ކޮންމެ އާއިލާއަކަށް ވެސް ކުރެވިދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އަހަރުތަކެއް ކުރިން، ތޮއްޑޫ ސްކޫލަށް ދޫކޮށްފައިވާ އަނބު ދަނޑެއް އޮވެ އެވެ. އެކަމަކު ރަށުގެ ކައުންސިލުން އެ ދަނޑު މިހާރު ވަނީ ނަގައިފަ އެވެ. ސްކޫލުގެ އުއްމީދަކީ ތައުލީމީ ހަޔާތް ނިންމައި ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރު، ތޮއްޑޫގެ ދަނޑުތަކުން ވެސް ދިވެހި ޒުވާނުން ފެނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް