ފުވައްމުލަކު ތުނޑީގައި (ފޮޓޯ/ ސާރިމް ފޮޓޯސް/ފުވައްމުލައް)

ފުވައްމުލަކުގެ ޝައުގު ހުރީ މެދުރާއްޖެތެރޭގެ ފަޅު ރަށަކަށް

ކުރިމަތިލާނެ ވަކި ރަށެއް ކަނޑައަޅާނީ ބަލަންޖެހޭ ކަންކަން ބަލާ މަޝްވަރާކުރުމަށްފަހު ކަމަށް ކައުންސިލުން ބުނި
21 ފެބްރުއަރީ 2024
1

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އާމްދަނީ ހޯދަން ދޫކުރަން ސަރުކާރުން ކަނޑައަޅާފައިވާ ފަޅުރަށްތަކުގެ ތެރެއިން ފުވައްމުލަކުގެ ޝައުގުވެރިކަން ހުރީ މެދު ރާއްޖެތެރޭގެ ރަށަކަށް ކަަމަށް ފުވައްމުލަކު ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ވަކިން އެންމެ އަތޮޅެއްގެ މައްޗަށް އޮންނަ ފުވަމުލަކަށް އާމްދަނީ ހޯދުމަށް ފަޅުު ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ދެކުނުގެ އަތޮޅުތަަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ:

  • ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކަމުގެ ނަފާ ކައުންސިލްތަކާއި ރަށުގެ ރަށްޔިތުންނަށް ކުރާނެ؛ އެކަމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި

  • ފުވައްމުލަށް ކައިރީގައި ފަޅުރަށެއް ނެތް؛ އެ ހާލަތުގައި ރާއްޖޭގެ ކޮންމެ ދިމާލަކުން ފަޅުރަށެއް ދީގެން ވެސް އެ ފުރުސަތު ދޭނެ ކަމަށް ގަވައިދުގައި އޮންނާނެ

ފާހަގަކޮށްލެވޭ - އާމްދަނީ ހޯދުމަށް ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަކީ މި ސަރުކާރުގެ ސިޔާސަތަކެވެ. އެ ސިޔާސަތުގެ ދަށުން މިފަހުން 25 ރަށެެއް ކައުންސިލްތަކަށް ދޭން ނިންމާ، އެކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ.  

ބުނީ ކީކޭ؟ - ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، ސަރުކާރުން ދޫކުރާ ފަޅުރަށްތަކުގެ ތެރެއިން ފުވައްމުލަކުން ބޭނުންވާ ރަށެއް ކަނޑައަޅަން ކައުންސިލުން ދަނީ ބަލަންޖެހޭ ކަންކަން ބަލާ، މަޝްވަރާތައް ކުރަމުން ކަމަށެވެ. އެގޮތުން ފަޅު ރަށުގެ ބޮޑުމިނާއި ފަޅާއި ވަށައިގެންވާ މާހައުލާއި އިތުރު ކަންކަމަށް ވިސްނާނެ ކަމަށް ވިދާޅުވި އެވެ.

ވަކި ގޮތެއް ނިންމާފައިނުވާ ނަމަވެސް އިސްމާއިލް ވިދާޅުވި ގޮތުގައި މިހާތަނަށް ދެއްކި ވާހަކަތަކުން ކައުންސިލުގެ ޝައުގުވެރިކަން ބޮޑަށް ހުރީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ތެރެއިން ދޫކުރާ ފަޅުރަށަކަށް ކުރިމަތިލުމަށެވެ.

ކައުންސިލްތަކަށް ދޫކުރަން ނިންމާފައިވާ 25 ފަޅުރަށުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަ ރަށް ހިމެނޭ އިރު، ފުވައްމުލަކާ ދުރު ނަމަވެސް މެދުރާއްޖެތެރޭގެ ރަށަކަށް ކުރިމަތިލާން ވިސްނަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • މާލެ ސަރަހައްދާ ކައިރިވެފައި އެކި ކަންކަމަށް ފުރުސަތު ބޮޑުވާނެތީ

  • ދަތުރުފަތުރުގެ ކަންކަން ވެސް ފަސޭހަވާނެ ކަމަށް ބެލެވޭތީ

"އަދި ގޮތެއް ނުނިންމަން. މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާފައި [ފަޅުރަށް ހޯދަން] ކުރިމަތިލުމުގެ މަސައްކަތްތައް ގަވައިދުގައި އޮތް ގޮތަށް ކުރިއަށް ގެންދާނީ،" އިސްމާއިލް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ކުއްޔަށްދޫކުރާ ފަޅުރަށްތަކުގެ ލިސްޓުގައި މިހާރު 25 ރަށް އޮތް ނަމަވެސް، އެ ލިސްޓަށް  ކުރިއަށް އޮތްތަނުގައި ރަށްތައް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި:

  • ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެގޮތަށް ރަށްތައް ދިނުމަށް ފުރުސަތު ހުޅުވާލާނެ؛ އޭރުން ކައުންސިލްތަކަށް އަމިއްލައަށް އާމްދަނީ ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި

  • އާމްދަނީ ހޯދަން ކައުންސިލުން ރަށުގެ ކުދި އަދި މެދުފަންތީގެ ކުންފުނިތަކާ ބައިވެގެން އިންވެސްޓް ކުރެވޭނެ؛ އޭރުން ކައުސިލަށް ވެސް ރަށު ކުންފުންޏަށް ވެސް އާމްދަނީ ލިބޭނެ ކަން ފާހަގަކުރެއްވި

"އެހެންވީމަ، މި ފޯމިއުލާގެ ދަށުން މި ހުޅުވާލީ. ފުވަމުއްލަކަށް ވެސް ކައިރި އަތޮޅަކުންވިޔަސް އެ ފުރުސަތު ހޯދުމަކީ އަޅުގަނޑު މަރުހަބާ ކިޔާނެ ކަމެއް، އެކަން ކުރުމަށް ވެސް އެދެން. އިރާދަ ކުރެއްވިއްޔާ ހުވަދު އަތޮޅުން އަދި އެހެން ސަރަހައްދަކުންވިޔަސް ތިބޭފުޅުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުން ދީ، މި ސިޓީއަށް ފަޅު ރަށެއް ވީހާވެސް އަވަހަކަށް ހޯދައި އެކަމުގެ މަގުފަހުކޮށްދޭނަން،" ރައީސް ވިދާލުވި އެވެ.

"މަދުވެގެން އެއް ރަށް [ފުވައްމުލަކަށް ހޯދައިދޭނަން]. އެއަށްވުރެ ގިނަ ރަށްރަށް ވެސް ހޯދޭނެ."

ކޮމެންޓް (1)

ހިތަދޫ 2

22 ފެބްރުއަރީ 2024
"އެކި ކަންކަމަށް" "ދަތުރުފަތުރުގެ ކަންކަން ވެސް ފަސޭހަވާނެ" މަޖާ ކަމެއް ދޯ... އާމްދަނީ ހޯދަން ރށު ކައުންސިލުން ތަރައްގީގެ ކަންކަން ކުރަންވަނީ އިގްތިސޯދީ ގޮތުން ހަމަޖެހޭ އުސޫލަކުން.. އެކަމަކު ނެތް ފައިސާގަ ބިލިއަނުން ލޯން ނަގައިގެން ރަށުގަ ކަންކަން ކުރާއިރު ނުޖެހޭ ހަމަ ޖެހޭ އުސޫލަކުން ކުރަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް