ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އައިއެމްއެފްގެ ޕެކޭޖަށް ރާއްޖެ ނުދާން ނަޝީދު ގޮވާލައްވައިފި

އައިއެމްއެފް ސެކްރެޓޭރިއަޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ، ދަރަނި ކުޑަކުރެވޭނެ ގޮތްތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި
17 ފެބްރުއަރީ 2024
1

ރާއްޖެ ފަދަ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމުތަކުން އިގްތިސާދީ ހާލަތު ރަނގަޅުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއިން އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ނަގަން ޖެހޭ ވަރަށް އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަދައްކަަމުންދާ ދަނޑިވަޅެއްގައި، 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި:

  • ރާއްޖެއަކީ ސީވީއެފް ގައުމެއް؛ އެފަދަ ގައުމުތަކަށް ސީވީއެފް-ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ފޯރުކޮށްދޭނެ

  • އެގޮތުން ކާބަން ޓްރޭޑިން އަދި 'ޑެޓް-ފޯ-ކްލައިމެޓް އެންޑް އެންވަޔަރަމެންޓް' ސްވަޕް މެދުވެރިކޮށް ދަރަނި ކުޑަކުރެވޭނެ ގޮތްތައް ހޯދައިދީ، ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވި

ފާހަގަކޮށްލެވޭ - އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި ނަޝީދު ވަނީ 2011 ވަނަ އަހަރު އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވެފަ އެވެ. 

ޖީއެސްޓީ އާއި ޓީޖީއެސްޓީ ތައާރަފްކޮށް ސިވިލްސާވިސް ކުޑަކުރާ ގޮތަށް މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން އެއްބަސްވި އިރު، އެކަމުގެ ސަބަބުން ނަޝީދުގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތިވި އެވެ.

އެނގުން މުހިއްމު - އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ނަގަން ޖެހޭ ވަރަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ގޯސްވެއްޖެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ވަކި ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭ ކަމަށާއި ލަފާކުރި ވަރަށް ވުރެ ވެސް ބާރަށް އިގްތިސާދު ކުރިއަރަމުން އަންނަ ކަމަށެވެ.

އައިއެމްއެފްގެ ބެއިލް އައުޓް ޕެކޭޖަކަށް ރާއްޖެ ދާން ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، މި ސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތަކަށް އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެ އިދާރާގެ ވަފުދެއް ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ހިނގައިގަންނަން ފަށާފައިވާ ކަމަށާއި މި އަހަރު ރާއްޖޭގެ އިގްތިސާދު %5.2ގައި ކުރިއަރާނެ ކަމަށެވެ. ނަމަވެސް މިއީ މިދިއަ އަހަރަށް ވުރެ ދަށް ނިސްބަތެކެވެ.

ދައުލަތުގެ ދަރަނި ކުޑަކުރަން މަނިޓަރީ ޕޮލިސީ ޓައިޓްކޮށް އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ފައިނޭންސް ކުރުމަށް ސަރުކާރުން އަމިއްލަ އަށް އެކަށައަޅާ އަމަލުކުރަން ފަށާފައިވާ ފިސްކަލް ރިފޯމް އެޖެންޑާއަށް އައިއެމްއެފް އިން މަރުހަބާ ކިޔާފައިވެ އެވެ.

އައިއެމްއެފްގެ ޕެކޭޖަށް ގައުމަކުން ހިނގައްޖެ ނަމަ އެ ގައުމުގެ އެތެރޭގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހެ އެވެ. މިސާލަކަށް ސިވިލް ސާވިސް ކަހަލަ ދާއިރާތަކުން މުވައްޒަފުން ވެސް މަދުކުރަން ޖެހޭ ހާލަތަށް، އައިއެމްއެފްގެ ޕެކޭޖްގައި ހިނގައިދާނެ އެވެ.

ކޮމެންޓް (1)

ސަމުގާ

19 ފެބްރުއަރީ 2024
ގާނާގައި ރީތި ތާހިރު ދިރިއުޅުމެއް ވެއަތުކޮށް ނިމެންދެން ދެމިހުރިއްޔާ މާތާހިރުވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް