މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެެ ޕްރޮގްރާމް ޑިރެކްޓަރު އީމާން މުހައްމަދު ތެލަސީމިއާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތެލަސީމިއާ

ދިވެއްސަކަށް ތެލަސީމިއާއާ އެކު ދިރިހުރެވޭ އުމުރު: 'ހަރަދާ އަޅާބަލާ އިރު އެކަށީގެންވާ ކުރިއެރުމެއް ނޫން'

ރާއްޖޭގައި ތެލަސީމިއާ ހުންނަ މީހެއްގެ އެވްރެޖު އުމުރު 7 އަހަރުން 17-18 އަހަރަށް އިތުރު ވެފައިވިޔަސް، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އިން ދެކޭގޮތުގައި، ސަރަހައްދުގެ ނިސްބަތުން އެންމެ ރަނގަޅު ވަސީލަތްތަކާ އެކު އެއަށް ވުރެ ރަނގަޅު ކުރިއެރުމެއް ފެންނަން ޖެހޭ

ރާއްޖޭގައި މީގެ ތިރީހަކަށް އަހަރު ކުރިން، ތެލަސީމިއާ ހުންނަ މީހެއްގެ އެވްރެޖު އުމުރަކީ އެންމެ 7 އަހަރެވެ. ނަމަވެސް ފަރުވާތަކާއި ފަރުވާ ދޭނެ ވަސީލަތްތަކާ އެކު މިހާރު ރާއްޖޭގައި އެފަދަ މީހުންގެ އެވްރެޖު އުމުރަކީ 17-18 އަހަރެވެ.

މިއީ ވަރަށް ބޮޑު ތަފާތެއް ނަމަވެސް، ތެލަސީމިއާ ހުންނަ ކުދިންނަށާއި މީހުންނަށް މި ސަރަހައްދުގައި ނިސްބަތުން އެންމެ ބޮޑު ހަރަދެއް ކުރާ އަދި އެންމެ ރަނގަޅު ވަސީލަތްތައް ހުރި ރާއްޖެއަށް މިއީ އެންމެ އެކަށީގެންވާ ކުރިއެރުން ހެއްޔެވެ؟

މި ސުވާލު ކުރެއްވީ މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެ ޕްރޮގްރާމް ޑިރެކްޓަރު އީމާން މުހައްމަދެވެ. ތެލަސީމިއާއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ފަރުވާދޭ މީހުންނާއި ތެލެސީމިއާ ހުންނަ ކުދިންނާއި މީހުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތެލަސީމިއާ ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ފެށުމަށް ޝީ ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީމާން ފާހަގަކުރެއްވިގޮތުގައި، ކުރާ ހަރަދަށް ބަލާއިރު، ތެލަސީމިއާގެ ހާލަތަށް ދޭ ސަމާލުކަން އިތުރު ކުރަން ޖެހެ އެވެ.

"މި ސަރަހައްދުގައި ވަސީލަތްތައް އެންމެ ރަނގަޅު އެއް ގައުމު. ކުދިންގެ ބޭސް ފަރުވާ ކުރެވެނީ ހިލޭ. މިހެން މިކަން އޮތް އިރު ކުރެވޭ ހަރަދާ އަޅާބަލާއިރުގައި، އެވްރެޖު އުމުރަކީ 17-18 އަހަރު ވީމާ، މީގެން އެބަ ދައްކައިދޭ އަޅުގަނޑުމެންގެ ފޯކަސް ރަނގަޅު ކުރަން ޖެހިފައިވާކަން،" ތެލަސީމިއާ ހުންނަ އެންމެ ދޮށި ދިވެހިންގެ ތެރޭގައި ހިމެނޭ އީމާން ވިދާޅުވި އެވެ.

މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެެ ޕްރޮގްރާމް ޑިރެކްޓަރު އީމާން މުހައްމަދު ތެލަސީމިއާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވައި އީމާން ވިދާޅުވީ ތެލަސީމިއާ ހުންނަ މީހުންނަށް ފަރުވާދިނުން ހަރުދަނާ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެކު، ރާއްޖޭގައި ތިބި ތެލަސީމިއާ ހުންނަ 600 ކުދިން/މީހުންގެ ދުޅަހެޔޮކަމަށް މަންފާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިކަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ތެލަސީމިއާގެ ފަންނީ މާހިރުންގެ އިރުޝާދުތައް ހޯއްދަވައި ފަރުވާގެ ކަންކަމަށް އަންނަ އީޖާދީ ބަދަލުތައް ބަލައިގަނެ ޕޭޝަންޓް ސެންޓާޑް ކެއާ އަޅުގަނޑުމެންނާ ހަމައަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން،" ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތުގައި އީމާން ވިދާޅުވި އެވެ.

ތެލަސީމިއާ ހުންނަ މީހުންނާ ގުޅޭ ކަންކަމުގައި އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ތެލަސީމިއާ ކޮންފަރެންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ނައިބު ރައީސް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލެ ސަރަހައްދުގައި ތެލަސީމިއާގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ވ) ތިންވަނަ ތެލަސީމިއާ ކޮންފަރެންސް ފެށުމަށް 15 ފެބްރުއަރީ 2024 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކާމިޔާބު ދިިރިއުޅުމެއް ހޯދުން 'ވަރަށް، ވަރަށް ބުރަ'

އީމާން ފާހަގަކުރެއްވިގޮތުގައި، ތެލަސީމިއާ ހުންނަ މީހުން ދިރިތިބުމަށާއި ކާމިޔާބު ދިރިއުޅުމެއް ހޯދަން އުފުލަން ޖެހެނީ ވަރަށް ބޮޑު ބުރައެކެވެ. އޭނާ ވިދާޅުވީ ސިއްހީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އީމާން ވަނީ، ތެލަސީމިއާ ހުންނަ ދިވެހިން އެ ގޮންޖެހުންތަކާ އެކު ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ތެލަސީމިއާ ޕޭޝަންޓުންގެ ތެރޭގައި މަތީ ތައުލީމު ހާސިލްކޮށްގެން ތިއްބެވި ބޭފުޅުން އެބަތިބި. އަމިއްލަ އާއިލާތައް ބިނާކުރަމުންދާ މަންމައިންނާއި ބައްޕައިން ވެސް އެބަތިބި. އެކިއެކި ވަޒީފާތަކުގައި އެކި ހުނަރުވެރިން އަޅުގަނޑުމެންގެ މި ކޮމިޔުނިޓީ ތެރޭގައި ހިމެނޭ،" އޭނާ ފާހަގަ ކުރެއްވި އެވެ.

ތިންވަނަ ތެލަސީމިއާ ކޮންފަރެންސް ފެށުމަށް 15 ފެބްރުއަރީ 2024 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

އީމާން ވިދާޅުވިގޮތުގައި ތެލަސީމިއާ ހުންނަ މީހުންގެ ތެރޭގައި، މަސްވެރިންނާއި ސަރުކާރުގެ އިސް މަގާމުތައް އަދާކުރާ ޒިންމާދާރު ވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ނޫސްވެރިންނާއި ވަކީލުންނާއި ޓީޗަރުންނާއި ޝެފުން ވެސް ހިމެނެ އެވެ.

"މިގޮތަށް ދިރިއުޅުމުގައި ކާމިޔާބީތައް ތެލަސީމިއާ ޕޭޝަންޓުން ހޯދާތަން ފެނުމުން މިކަމުގައި ހުރި ވޭނާއި ތަކުލީފު ފަހަރުގައި ނޭނގުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެން ދިރިހުރުމަށް އަދި ކާމިޔާބު ދިިރިއުޅުމެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް، ވަރަށް ބުރަ،" އީމާން ވިދާޅުވި އެވެ.

ކޮމެންޓް (1)

މޫސަގެ ދަރި

16 ފެބްރުއަރީ 2024
އަދި އެބަޖެހޭ ކެރިއަރެއް ތޯ ބަލާފަ ދޭ ނަތީޖާއަކީ ހަމަ ރަނގަޅު ނަތީޖާ ތޯ ޔަގީން ކުރަން އެހެން މިބުނީ ކެރިއަރުން ނޫން ކަމަށް ބުނުމުން ކައިވެނި ކޮއްގެން ލިބޭ ދަރިއަކީ މޭޖަރ އަކަށް ވެގެން ބަލާއިރު ކުރިން ދިން ނަތީޖާ ގޯސްކޮއް އޮންނަނީ! އަދި ކީއްވެގެންބާ ދެކެރިއަރުން ކައިވެނި ކުރުން ގާނޫނަކުން މަނާކުރަން ނުކެރިގެން މިއުޅެނީ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް