ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. އެ އިދާރާގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ބަޖެޓުގެ ދަތިކަން ބޮޑު.
ބަޖެޓު ނެތިގެން ވިސްލްބްލޯވާ ގާނޫނު ތަންފީޒުކުރަން ހުރަސްއެޅިފައި
ބަޖެޓު ނެތުމުގެ ސަބަބުން ރާއްޖޭގައި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރަން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނެރުނު 2023ގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގާނޫނާ ހިލާފަށް ކުރާ ކަންކަން ނުވަތަ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަންކަމުގެ މައުލޫމާތު ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން އުފައްދާފައިވާ އެޗްއާރުސީއެމްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެ ޔުނިޓަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ.
ތަފްސީލް - އެކަމުގެ ސަބަބުން އެ ކޮމިޝަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
-
ބަޖެޓު ނެތުމުގެ ސަބަބުން ޔުނިޓުން ބޭނުންވާ މިންވަރަށް ރާއްޖެތެރޭ ރަށްރަށަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ނަގައިދެވިފައެއް ނުވޭ
-
މައްސަލަތައް ހުށަހަޅަން ފަސޭހަކޮށްދިނުމަށްޓަކައި ޔުނިޓަށް ހާއްސަ ޕޯޓަލް އެއް ހެދުމުގެ މަސައްކަތް ފެށި ނަމަވެސް، ބަޖެޓުގެ ތާށިކަމުން އެ މަސައްކަތް މެދުކަނޑާލަން ޖެހުނު
-
ދުނިޔޭގެ ވިސްލްބްލޯވަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިދިޔަ އަހަރު ރޭވި ހަރަކާތްތައް ވެސް ބަޖެޓު ނެތިގެން ކެންސަލް ކުރަން ޖެހުނު؛ އެ ދުވަސް ފާހަގަކޮށްފައިވަނީ އެއްވެސް ހަރަދެއް ނުދާގޮތަށް އަލުން ރާވައިގެން
-
މީގެ ކުރީ އަހަރުތަކުގައި ވެސް އެ ޔުނިޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން
މީގެ އިތުރުން އެ ޔުނިޓުން ދެން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ ގާނޫނުގައި އަންގާފައިވާ ގޮތަށް ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ދައުލަތުގެ އިދާރާތަކުގައި ގާއިމްކުރުމަށް އެއްބާރުލުން ނުލިބުމެވެ.
"ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ދައުލަތުގެ އިދާރާތަކަށް ކޮމިޓީ ހެދުމަށް އެންގި ނަމަވެސް، އެ އެންގުމަށް ބައެއް އިދާރާތަކުން އިޖާބަދީފައި ނުވެ އެވެ. އެހެންކަމުން އަދިވެސް ދައުލަތުގެ ބައެއް އިދާރާކަތުގައި އެތެރޭގެ އިންތިޒާމު ހަމަޖެހިފައިނުވެ އެވެ،" ރިޕޯޓުގައިވެ އެވެ.
21 މައްސަލަ؛ ގިނައީ ދައުލަތުގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރުން
ވިސްލްބްލޯވާ ޕްރޮޓެކްޝަން ރިޕޯޓުގައި މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު ވެސް ހިމަނާފައިވެ އެވެ. އެ ތަފާސްހިސާބުތަކުގައި ވާގޮތުން:
-
މިދިޔަ އަހަރު އެ ޔުނިޓަށް 21 މައްސަލަ ހުށަހަޅާފައިވޭ
-
އޭގެ ތެރެއިން 2 މައްސަލަ ޔުނިޓުން ވަނީ ތަހުގީގުކޮށް ނިންމާފައި
-
ބާކީ 19 މައްސަލަ ވަނީ ކަމާބެހޭ އެހެން އިދާރާތަކަށް ފޮނުވާފައި
ހުށަހެޅުނު 21 މައްސަލަތަކުގެ ބާވަތްތަކާއި އަދަދު:
-
ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން: 8
-
ޖިނާއީ ނުވަތަ އިދާރީ ކުށެއްކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަމެއް ކުރުން: 7
-
ކޮރަޕްޝަން: 3
-
އިންސާނީ ހައްގަކާ ހިލާފު އަމަލެއް ކުރުން: 1
-
ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން: 1
-
ވިސްލްބްލޯ ކުރުމުން ބަދަލުހިފުން: 1
ވިސްލްބްލޯވާ ޔުނިޓުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ އެހެން އިދާރާތަކުގެ ވިސްލްބްލޯވާ ނިޒާމަށް ވެސް 30 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެހެންކަމުން، އެ ޔުނިޓަށް ހުށަހެޅި 21 މައްސަލައާ އެކު، ދައުލަތުގެ މުޅި ވިސްލްބްލޯވާ ނިޒާމަށް މިދިޔަ އަހަރު މުޅިއެކު 51 މައްސަލަ ހުށަހެޅި އެވެ.
ފާހަގަކޮށްލެވޭ - 2022 ގައި ވެސް ވިސްލްބްލޯވާ ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކެވެ. އޭގެ 10 މައްސަލަ އެ އަހަރު ވެސް ހުށަހަޅާފައިވެ އެވެ.
ތަފްސީލް - ހުށަހެޅި މައްސަލަތައް ބެލުމުގެ އިތުރުން ވިސްލްބްލޯވާ ޔުނިޓުން މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް އިރުޝާދާއި ލަފާ ދިނުމާއި ހޭލުންތެރި ކުރުމުގެ ސެޝަންތައް ނަގައިދިނުން ހިމެނެ އެވެ. އެގޮތުން:
-
އިދާރާތަކުގެ ތެރޭގައި ގާއިމްކުރަން ޖެހޭ ވިސްލްބްލޯވާ ޕްރޮޓެކްޝަން ކޮމިޓީތައް ގާއިމްކުރުމުގައި އަމަލުކުރަންވީ ގޮތާއި ގުޅިގެން 208 އިދާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޯނުގެ ޒަރީއާއިން މައުލޫމާތު ދިން
-
މިދިޔަ އަހަރު އެކަނިވެސް ހޭލުންތެރިކުރުމުގެ 61 ސެޝަން ޔުނިޓުގެ ފަރާތުން ތާވަލުކުރި؛ ޔުނިޓުގެ އިސްނެގުމުގެ މަތިން ތާވަލުކުރެވުނު ސެޝަންތަކުގެ ތެރެއިން 30 ސެޝަން ނަގައިދީފައިވާ އިރު، އެހެނިހެން އިދާރާތަކުން އެދިގެން ހަތް ސެޝަން ތާވަލުކޮށް ނަގައިދީފައިވޭ
ކޮމެންޓް (1)
ާއަގު