ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ޕެޓިޝަން ކޮމިޓީ

އެންޑީއޭ އިން ބަޖެޓު ދަތި ކަމަށް ބުންޏަސް އެކަށީގެންވާ ވަރަށް ބަޖެޓު ހުރީ ދީފައި: ކޮމިޓީ

ކޮމިޓީން ވަނީ އެންޑީއޭގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދެން ނިންމައިފައި
23 ނޮވެމްބަރު 2021

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ދަށުން ގާއިމުކޮށްފައިވާ ފަރުވާދޭ ސެންޓަރުތަކުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވެނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމަށް އެންޑީއޭން ބުނި ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެ އެޖެންސީއަށް އެކަށީގެންވާ ބަޖެޓު ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބުނެފި އެވެ. އެހެންކަމުން ކޮމިޓީން ވަނީ އެންޑީއޭގެ، ފާއިތުވި ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދެން ނިންމައިފަ އެވެ.

އެންޑީއޭގެ ބަޖެޓާއި ހަރަދު 2016 - 2020 (ދައުރު އިންފޮގްރެފިކްސް/މުސްތަފާ މުހައްމަދު)

ވީ ކިހިނެއް؟ - އެންޑީއޭ ރީސްޓްރަކްޗާ ކުރުމަށް ގޮވާލައި "ހޭންޑްސް ޓުގެދާ" އިން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ޕެޓިޝަން ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފަ އެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި ޑްރަގް ފަރުވާގެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، މައިގަނޑު 10 ހުށަހެޅުމެއް ހިމަނާފައިވެ އެވެ.

ތަފްސީލް - ކޮމިޓީގެ ރިޕޯޓުގައި ބުނީ، އެންޑީއޭއަށް އެކަށީގެންވާ ބަޖެޓު ދީފައި ހުރި ނަމަވެސް ކޮންމެ އަހަރަކު ވަކިވަކި ސެންޓަރުތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ ތަފްސީލް އެންޑީއޭގެ ފަރާތުން އެ ސެންޓަރުތަކަށް ނާންގާ ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ސެންޓަރުތަކުގެ މަސައްކަތްތަކާއި ފަރުވާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހުރަސްތަކާ ކުރިމަތިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

  • ސެންޓަރުތަކުން އަހަރެއްގެ މައްޗަށް ހިންގަން ރާވާ ޕްރޮގްރާމްތަކުގެ ތެރެއިން ބަޖެޓު ލިބެނީ އެންމެ ޕްރޮގްރާމަކަށް 

  •  ކޮންމެ ސެންޓަރަކަށް 'ޕެޓީ ކޭޝް'ގެ ގޮތުގައި ލިބެނީ 1000ރ. 

  • ޕެޓީ ކޭޝް ހުސްވުމުން އިތުރަށް ލިބުން ވަރަށް ދަތި

  • ސެންޓަރުތައް ހިންގާ އިމާރާތްތައް ހުރީ ވީރާނާވެފައި

  • ސެންޓަރުތަކުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދަން ތަކުރާރުކޮށް އެންޑީއޭ އަށް ލިޔެގެން ވެސް ނުލިބޭ

  • ފަރުވާއަށް ބޭނުންވާ ބޭސް ވެސް ސެންޓަރުތަކަށް ގަވައިދުން ނުލިބޭ

  • ބޭސް ލިބެނީ ބޭސް ހޯދަން އެދޭތާ ހަތަރު ވަރަކަށް މަސް ފަހުން

  • އެހެންވެ ބޭސް ގަންނަނީ ސެންޓަރުތަކުގެ މުވައްޒަފުން އަމިއްލައަށް

  • ސެންޓަރުތަކުން އައުޓްސޯސްކޮށްގެން ފޯރުކޮށްދޭ ސެކިއުރިޓީ އާއި ކެއުމުގެ ކަންކަމުގައި އުޅޭ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭ

ރިޕޯޓުގައި އިތުރަށް ބުނީ އެންޑީއޭ އިން އެ ސެންޓަރުތައް ރަނގަޅަށް މޮނީޓަކޮށް ބަލަހައްޓަމުން ނުދާ ކަމަށެވެ. 

އެނގުން މުހިންމު - މިދިޔަ ސެޕްޓެމްބަރު މަހު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިގޮތުގައި އެކި މަރުހަލާތަކުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ 3،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި މިވަގުތު އެބަތިއްބެވެ. ނަސީމް ވިދާޅުވީ އެކަށީގެންވާ ދިރާސާތަކެއް ކުރެވިގެން، ޑްރަގުގެ ފަރުވާދޭނެ އިންތިޒާމުތަކެއް މިއަދާ ހަމައަށް ވެސް ހަމަޖެއްސިފައި ނެތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ތަކުރާރުކޮށް ފަރުވާއަށް ގެންނަން ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް