ތިލަފުށި ހިއްކާ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި. (ފޮޓޯ/އެޗުޑީސީ)
ތިލަފުށިން 120 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
ކ. ތިލަފުށިން ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހި އެއްކޮށް ނިމިފައިވާ ކަމަށް އެޗުޑީސީއިން ބުނެފި އެވެ.
އެނގުން މުހިންމު - ތިލަފުށީގެ ސިނާއީ މަޝްރޫއު ސަރުކާރުގެ ލަފާގެ ދަށުން ކުރިއަށް ގެންދަނީ އެޗުޑީސީއިންނެވެ. އެ މަޝްރޫއުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ އެވެ.
ބުނީ ކީކޭ؟ - އެޗުޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ:
-
ތިލަފުށި ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި
-
އެއީ ޖުމްލަ 120 ހެކްޓަރު
-
މިހާރު ކުރިއަށްދަނީ އޭރިއާ އީގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް
ތަފްސީލު - އެޗުޑީސީއިން މީގެ ކުރިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކަން ހަަމަޖައްސާފައި ވަނީ:
-
އޭރިއާ އޭ - 71.5 ހެކްޓަރު
-
އޭރިއާ ބީ - 39.6 ހެކްޓަރު
-
އޭރިއާ އީ - 5.9 ހެކްޓަރު
-
އޭރިއާ އެފް - 0.73 ހެކްޓަރު
އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި ފެށިއިރު، އޭރިއާ ސީ އަދި ޑީގެ މަސައްކަތް އޭރު ވެސް ދިޔައީ ކުރަމުންނެވެ.
ގުޅުންހުރި ކަމެއް - ތިލަފުށީގެ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާއިރު، ގުޅީފަޅު، ގިރާވަރު އަދި ހުޅުމާލޭގެ ގޯތި ދޭ ސަރަހައްދުގެ ފަހުގެ މައުލޫމާތެއް އެޗުޑީސީއިން ހިއްސާނުކުރެ އެވެ. އެ މައުލޫމާތަށް 'ދައުރު'ން އެދުމުން އެޗުޑީސީއިން ބުނީ އެ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށެވެ.
އެނގުން މުހިންމު - މި ސަރުކާރު ނިންމާފައިވަނީ ކުރީ ސަރުކާރުން ގުޅީފަޅުގައި އަޅަން ރޭވި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށެވެ.
ތިލަފުއްޓާ އި އެ ސަރަހައްދުން ހިއްކާ އެހެން ބިންތައް ބޭނުންކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ހުރިހާ ކަމެއް ކަނޑައެޅުމަށް ފަހު، ސަރުކާރުން އުފައްދާ އާ ކުންފުނި 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން' އަށް100 ހެކްޓަރު ކަނޑައަޅައި އިގްތިސާދީ ގިނަ މަސައްކަތްތައް ފައްޓަވާނެކަން ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނު ކުރައްވާފަ އެވެ.