އޭޑީއެފްޑީގެ އިސްވެރިން، މިއަދު ދުބާއީގައި ރައީސްއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
އަބޫދާބީ ފަންޑުގެ ޑީޖީ، ރައީސްއާ ބަދަލުކުރައްވައިފި؛ ތަރައްގީއަށް އެއްބާލުން ދެއްވާނެ ކަމުގެ 'ޔަގީންކަން ދެއްވި'
އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް (ޑީޖީ) މުހައްމަދު ސައިފް އަލް ސުވައިދީ، ރައީސް މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ދެ ބޭފުޅުން ބައްދަލު ކުރެއްވީ، މިއަދު ދުބާއީގައި ފެށި ވޯލްޑް ގަވަމަންޓް ސަމިޓްގެ ހަވާސާއިންނެވެ.
ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމަކީ އެ ފަންޑުގެ ޑީޖީ، ރައީސް އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެކެވެ.
އެގޮތުން:
-
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމު ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި
-
އަދި ރާއްޖޭގެ ތަރައްގީއަށް އެ ފަންޑުން ދޭ ދީލަތި އެހީތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި
-
ރައީސްގެ ވާހަކަފުޅުގައި އެ ފަންޑުން ރާއްޖެއަށް ދޭ އެހީ ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާ ކުރެއްވި
"މި ބައްދަލުކުރެއްވުމުގައި ޑިރެކްޓަރު ޖެނެރަލް ދެކެއްވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އަބަދު ވެސް އެއްބާރުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވޭ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި، އޭޑީއެފްޑީގެ އެހީގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ. އަދި ޓޫރިޒަމް އާއި ދަނޑުވެރިކަމާއި އިގްތިސާދީ އަދި ސިއްހީ ދާއިރާއިން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަން ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު މާ ބޮޑު ތަފްސީލެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރާއްޖެ- އޭޑީއެފްޑީގެ ގުޅުން
-
1976 އިން ފެށިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ދޭ
-
މިހާތަނަށް 10 މަޝްރޫއަކަށް އެހީ ދީފައިވޭ
-
އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 204.5 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ)އަށް އަރާ
-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރަން ހިންގާ މަޝްރޫއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ)ގެ ލުއި ލޯނެއް 2017ގައި ދީފައިވޭ
-
އޭގެ އިތުރުން އެއާޕާޓޯ ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސް ކުރުމަށް ނޮވެމްބަރު މަސް ތެރޭ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ އެހީ އެ ފަންޑުން ދީފައިވޭ؛ ރައީސް ވިދާޅުވެފައިވަނީ، އެއީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ދިން ފައިސާ ކަމަށް
މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.