ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން

ޓެރަރިޒަމް

ޓެރަރިޒަމް ކުށުގައި އަމީންއަށް އިއްވި 27 އަހަރުގެ ހުކުމް އިސްތިއުނާފަށް

އެ އިސްތިއުނާފީ މައްސަލަ އަދި ހައި ކޯޓުން ބަލައެއް ނުގަނޭ

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކޮށް ޓެރަރިޒަމް ކުށުގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މުހައްމަދު އަމީން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމީންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދެ ދައުވާ ވެސް ސާބިތުވެ، 27 އަަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ 8 ނޮވެމްބަރުގަ އެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ:

  • ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށަށް 10 އަހަރު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށަށް 17 އަހަރު

  • ބަންދުގައި ތިން އަހަރާއި 11 މަހާއި ނުވަ ދުވަސް ހޭދަކޮށްފައި ވާތީ، ތަންފީޒުކުރަން ޖެހޭ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 23 އަހަރާއި 11 މަސް ދުވަސް

މި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އިސްތިއުނާފް ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

އެނގުން މުހިންމު - އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ ވެސްމެ އެެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގެ ތުހުމަތު ވެސް އަމީނަށް ކުރި އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ސްރީ ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012 ވަނަ އަހަރު ދޫކޮށްލި އެވެ.

އޭގެ ފަހުން:

  • އަމީން ހައްޔަރުކޮށް، ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ އަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްގާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް

  • 16 ސެޕްޓެމްބަރު 2020 - ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން ހައި ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި؛ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ އޭރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވެސް ބާތިލުކުރި

  • 3 އޮކްޓޫބަރު 2021 - އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކޮށް މިނިވަންކުރީ ގޯސްކޮށް ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި

  • 9 އޮކްޓޫބަރު 2021 - ސްޕްރީމް ކޯޓުގެ އަމުރަށް، ކްރިމިނަލް ކޯޓުގައި އަލުން އެ މައްސަލައިގެ ޝަރީއަތް ފެށި

އިތުރު އާޓިކަލް

އިތުރު އާޓިކަލް