އަމީން ކޯޓު ޝަރީއަތަށް ފަހު އެނބުރި ޖަލަށް ގެންދަނީ(ފައިލް ފޮޓޯ/ޕީއެސްއެމް)

ޓެރަރިޒަމްގެ ދެ ދައުވާ ވެސް ސާބިތުވެ އަމީން 27 އަހަރަށް ޖަލަށް

ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 23 އަހަރާއި 11 މަހުގެ ޖަލު ހުކުމެއް

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ވެސް ސާބިތުވެ 27 އަހަަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އަލުން ފެށީ، 9 އޮކްޓޫބަރު 2021 ގައެވެ.

ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި ހިންގަމުންދިޔަ މި އަޑުއެހުންތަކުގައި އަމީންގެ މައްޗަށް އުފުލާފައި ވަނީ: 

  • ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 

ތަފްސީލް - މިއަދު ކްރިމިނަލް ކޯޓުން މި މައްސަލާގައި އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މައްސަލައަކަށް ވުމުން ހުކުމުގެ ތަފްސީލުތަކެއް އަދި ނުލިބެ އެވެ. ނަމަވެސް ދައުރަށް ކަށަވަރުކުރެވިފައިވާ ގޮތުން އޭނާގެ މައްޗަށް އިއްވީ:

  • ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށަށް 10 އަހަރު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށަށް 17 އަހަރު

ނަމަވެސް މި މައްސަލާގައި އޭނާ ބަންދުގައި 3 އަހަރާއި 11 މަހާއި ނުވަ ދުވަސް ހޭދަކޮށްފައި ވާތީ، އެދުވަސްތައް ކެނޑުމުން ތަންފީޒުކުރަން ޖެހޭ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 23 އަހަރާއި 11 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެނގުން މުހިންމު - އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ ވެސް މެއެެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގެ ތުހުމަތު ވެސް އަމީނަށް ކުރެވޭއިރު، އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012 ވަނަ އަހަރު ވެސް ދޫކޮށްލި އެވެ.

އޭގެ ފަހުން:

  • އޭނާ ހައްޔަރުކޮށް، ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީން އަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްގާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް؛ އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވޭ

  • 16 ސެޕްޓެމްބަރު 2020 - ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން ހައި ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި؛ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ އޭރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވެސް ބާތިލްކުރި

  • 3 އޮކްޓޫބަރު 2021 - އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކޮށް މިނިވަންކުރީ ގޯސްކޮށް ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި

ކޮމެންޓް (1)

ބިލާ

11 ނޮވެމްބަރު 2023
ކާފަރުން ރުއްސަން ކަމެއްކޮއްލީ ދެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް