ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ: މިއީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓީމެއް ކުރި ޒިޔާރަތަށް ފަހު އާންމުކުރި ފޮޓޯއެއް

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖްގެ %33 ނިމިއްޖެ، މަސައްކަތް ހުރީ ތާވަލަށް ވުރެ %1.2 ކުރީގައި

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މަޝްރޫއު މަޑުޖެހުމެއް ނެތި ކުރިއަށް ގެންދަން ފިޔަވަޅު އަޅަމުން އަންނަ ކަމަށް
10 ފެބްރުއަރީ 2024

އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ތިލަމާލެ ބްރިޖްގެ %33 ނިމިއްޖެ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލެއިން ފެށިގެން ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅާލައި، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލަން މިއަދު ވަނީ ކޮންސްޓްރަކްޝަން މިނިސްޓްެރީގެ އިސް ޓީމެއް ސައިޓަށް ޒިޔާރަތްކޮށްފަ އެވެ. އެ ޓީމުގައި އިސްކޮށް ހުންެނެވި އެއް ބޭފުޅަކީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް އެވެ.

ތަފްސީލް - އެ ޒިޔާރަތަށް ފަހު އެކްސްގައި ތޮއާމް ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބްރިޖްގެ ޕައިލިން މަސައްކަތުގެ %55 ނިމިއްޖެ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ %33 މަސައްކަތް ވެސް މިހާރު ފުރިހަމަ ވެއްޖެ ކަމަށް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓީމުން ތިލަމާލެ ބްރިޖްގެ މަސައްކަތް ބަލަނީ --ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު މަޝްރޫއުގެ ދުވެލި ހުރީ ތާވަލަށް ވުރެ %1.2 ކުރީގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނެއްގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުނިން ހިންގަމުން އަންނަ މަޝްރޫއު، ކުރީ ސަރުކާރުގައި ކުރިއަށް ދިޔައީ ތާވަލަށް ވުރެ މާ ލަސްކޮށެވެ. އެއީ ކަނޑުގައި ބްރިޖް އެޅުމުގެ ތަޖުރިބާ އެފްކޮންސްގައި ނެތުމުން ކަމަށް، މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރީން ކުރިން ބުނެފައިވެ އެވެ.

ތޮއާމްގެ މެސެޖްގައި ވިދާޅުވީ މަޝްރޫއު ކުރިއަށް ދާ އިރު ދިމާވެދާނެ ގޮންޖެހުންތައް  މިނިސްޓްރީން ދިރާސާކުރަމުން އަންނަ ކަމަށެވެ.

މި އަންނަނީ "މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން،" އޭނާ ލިއުއްވި އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ --ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަނޑުގައި ހަދާ ބްރިޖަކަށް ބަލާއިރު އެފްކޮންސްއިން އެވަރަށް ތައްޔާރުވެފައި ނެތް ކަމަށެވެ.

ބްރިޖް ނިންމަން މިހާރު ދީފައި އޮތް މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 2026 އަށެވެ.

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން  

އިތުރު އާޓިކަލް

އިތުރު އާޓިކަލް