ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހައްޖާޖިންތަކެއް (ފޮޓޯ/ ހައްޖު ކޯޕަރޭޝަން)

ހައްޖުގެ އަޅުކަމާ ގުޅުވާ ވެސް ސްކޭމް ކޯލުތަކެއް ކުރަނީ، ސަމާލުވާން އަންގައިފި

ހައްޖު ކޯޕަރޭޝަނުން ބުނީ އަމިއްލަ ފަރުދެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރަން ފައިސާ ފޮނުވަން އެދި ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ބަޔަކު ސްކޭމް ކޯލްތަކެއް ކުރަމުން ދާތީ، ސަމާލުވާން އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެފަދަ ކޯލުތަކަށް ސަމާލުވާން އަންގާފައިވަނީ ހައްޖު ކޯޕަރޭޝަނުން ނެރުނު ސަމާލުވުމުގެ ނޯޓިހެއްގަ އެވެ.

ބުނީ ކީކޭ؟ - އެ ނޯޓިހުގައި ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖު އަޅުކަމުގެ ޖާގަ ކަށަވަރުކުރަން ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުުރަން އެދި އެ ކޯޕަރޭޝަނުގެ ނަމުގައި ބަޔަކު ފޯން ކޯލުތަކެއް ކުރަމުންދާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ ހިދުމަތަށް ފައިސާ ދައްކާނީ 'މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް'ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

"އަމިއްލަ ފަރުދެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން!" ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖަށް ގެންދަން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާގައި ދިވެހިން ހައްޖަށް ގެންދިއުމުގެ ފުރުސަތު މިހާރު އޮންނަނީ ހަމައެކަނި ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ދޭން މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑިޕާޓުމަންޓުގެ ހެޑް ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެތަނުން ބަލާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކަންބޮޑުވުން އޮތީ ވެސް ސްކޭމް މައްސަލަތަކަށް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުން ސްކޭމުގެ މައްސަލަތަކުގައި 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހިންގެ އަތުން ގެއްލިފައިވެ އެވެ. 

އިންޓަނެޓުގެ ޒަރިއްޔާއިން ހިންގަމުންދާ އެފަދަ ސްކޭމުތަކުގެ ތެރެއިން ފަލަސްތީނަށް އެހީވުމުގެ ނަމުގައި ވެސް ފައިސާ ނަގާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް