ފަލަސްތީނާއި އެކު ދިވެހީން ތިބިކަން ހާމަކުރުމުގެ ގޮތުން މާލޭގައި ބޭއްވި އެއްވުމާއި ސައިކަލް ބުރު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފުލުހުން

ސްކޭމުގައި ޖެހިގެން ދިވެހިން އަތުން 57 މިލިއަން ގެއްލިފައިވޭ، ގާޒާއަށް އެހީވުމުގެ ނަމުގައި ވެސް ފައިސާ ނަގާ: ފުލުހުން

ރާއްޖޭގައި ސްކޭމުގައި ޖެހިގެން 57 މިލިއަން ރުފިޔާގެ ގެއްލުން މީހުންނަށް ވެފައިވާ ކަމަށާއި އެފަދަ ސްކޭމުތަކުގެ ގޮތުގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި ވެސް ފައިސާ ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑިޕާޓުމަންޓުގެ ހެޑް ސްޕްރިންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެތަނުން ބަލާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކަންބޮޑުވުން އޮތް މައްސަލައަކީ ސްކޭމް މައްސަލަތައް ކަމަށެވެ.

މިސާލަކަށް ފަލަސްތީނު ފަންޑަށް އެހީވުމަށް ކަމަށް ބުނެ ވެސް މިކަހަލަ ސްކޭމުތައް ހިންގަމުންދޭ،

އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް ސްޕްރިންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު

ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުން ސްކޭމް މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަން ފެށީ 2021 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

އެ ރެކޯޑުތަކާ ހަވާލާދީ އޭނާ ވިދާޅުވީ:

  • މިހާތަނަށް އެކި ބާވަތް ބާވަތުގެ 28003 ސްކޭމުގެ މައްސަލަތައް ހުށަހެޅިފައިވޭ

  • އޭގެ ޖުމްލަ ގެއްލުން 57 މިލިއަން ރުފިޔާއަށްއަރާ؛ 6.4 މިލިއަން ޑޮލަރުގެ ގެއްލުން ވެސް އެބަހުރި

  • މީގެތެރެއިން އިއާދަކޮށްދެވިފައިވަނީ މިލިއަނެއްހާ ރުފިޔާ

އޭނާ ވިދާޅުވީ، އިންޓަނެޓުގެ ޒަރިއްޔާއިން ހިންގަމުންދާ އެ ކުށަކީ، އެކަމުގައި ޖެހޭ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން އިއާދަކޮށްދިނުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށެވެ. ބައެއް ފަހަރަށް އެކަމުގެ ތެރެއިން ގެއްލިފައިވާ ފައިސާ ނުހޯދޭ ފަހަރު ވެސް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އެފަދަ ސްކޭމުތައް ގިނަ ފަހަރަށް ހިންގާފައި ހުންނަނީ އެއިރެއްގައި ހިންގާ އާންމުންގެ އެންމެ ޝައުގުވެރިކަން ހުންނާނެ ކަންކަން ބަލައިގެން އެކަމުގެ ތެރެއިން ކަމަށެވެ.

"މިސާލަކަށް ފަލަސްތީނު ފަންޑަށް އެހީވުމަށް ކަމަށް ބުނެ ވެސް މިކަހަލަ ސްކޭމުތައް ހިންގަމުންދޭ،" އަބްދުﷲ ވިދާޅުވި އެވެ.

ސްކޭމްގެ ތެރެއިން ފައިސާ ހޯދަން ބޭނުންކުރާ އިތުރު އުކުޅުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ:

  • ފްލެޓު ނުވަތަ ގޯތި ލިބިފައިވާ ކަމަށް ބުނެ ފޯން ކޯލު މެދުވެރިކޮށް

  • ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން މީހާގެ އަމިއްލަ އެކައުންޓްސް ތަފްސީލުތައް ހޯދައިގެން

  • ޕްރޮމޯޝަންތަކުން އިނާމު ލިބުނު ކަމަށް ދައްކައިގެން

  • ރިލޯޑް އަދި ރާސްޓަސް މެދުވެރިކޮށް

  • ނުދަންނަ ނަންބަރުތަކުން އާއިލީ މީހެއް ނުވަތަ ރަށްޓެއްސެއް ކަމަށް ދައްކައިގެން ފައިސާ ޖަމާކުރުމަށް ބުނެ

  • ޑޮލަރު ވިއްކުމުގެ މުއާމަލާތުގެ ތެރެއިން

  • ބަދު އަހުލާގީ އަމަލުތަކާ ގުޅޭ ސްކޭމުތައް

  • އެކިއެކި ބާވަތް ބާވަތުގެ މުދާ ވިއްކާކަމަށް ދައްކާގެން

އަބްދުﷲ ވިދާޅުވި ގޮތުން، ސްކޭމަރުންގެ އަމަލުތައް ހުއްޓުވާ ފިޔަވަޅުތައް އެޅި ނަމަވެސް، އެއްގޮތް ބަންދުވެއްޖެ ނަމަ ކޮންމެވެސް އެހެން ގޮތެއް ހޯދައިގެން ނަމަވެސް އެކަން ކުރާ މީހުން ސްކޭމުތައް ޖައްސާތީ އެކަން ހުއްޓުވުމަށް އެންމެ ބޮޑަށް ބޭނުންވަނީ އާންމު ރައްޔިތުންގެ އެހީތެރިކަން ކަމަށެވެ. އެގޮތުން އެކަން ކަމަށް ހޭލުންތެރިވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްކޭމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަބަދު ވެސް ޕްރޮގްރާމުތައް ހިންގާކަން ފާހަގަކުރައްވާ އަބްދުﷲ ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން ސްކޭމުގެ މައްސަލަތައް ކުރިއަށްވުރެ މަދުކުރެވިފައިވާ ކަމަށެވެ.

އެގޮތުން 2022ވަނަ 1087 މައްސަލަ ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރު ރެކޯޑު ކުރެވިފައިވަނީ 971 މައްސަލަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު ފައިސާގެ ގެއްލުން މިދިޔަ އަަހަރު ބޮޑުވެފައިވާކަން ފާހަަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް