ނައީމާ ދިރިއުޅެމުންދިޔަ އަންނާރުމާގެ

ނައީމާ މަރު: ލިޔެކިއުންތައް ހަމަނުވެގެން ދައުވާތަކަށް ޖަވާބުދާރީއެއް ނުވެވުނު

ދައުވާތަށް ހުށަހެޅުމާ ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވިފައި ނުވަނީ، ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ވެސް ޖަވާބުދާރީވުން ފަސްކޮށްދިނުމަށް އެދުމުން

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަނުވާތީ އާއި ލިޔެކިއުންތައް އިތުރަށް ދިރާސާކުރަން ދިފާއީ ވަކީލުން ބޭނުންވާތީ ދައުވާތައް ހުށަހެޅުމާ ޖަވާބުދާރީވުން ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފެށުމަށް މިއަދު ތާވަލުކުރި އަޑުއެހުންތަކުގައި ދައުވާ ލިބޭ ތިން މީހުންގެ ބައި ކުރިއަށް ގެންދިޔައީ ވަކި ވަކިންނެވެ. އެއީ:

  • 9 ޖަހާއިރު - މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21، ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 11 ޖަހާއިރު - މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލް ވާހިދު ރިފާސް، 21، ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 1 ޖަހާއިރު - މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ފުރަތަމަ ހައްޔަރުކުރި އަހްޒަމް އަބްދުއްޝަކޫރު، 23،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުން

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން

ތަފްސީލް - މި ތިން އަޑުއެހުމުގެ ތެރެއިން، ހަސަން ފަވާޒް އަދި އަބްދުލް ވާހިދު ރިފާސްގެ މައްޗަށް ކުރާ ދައުވާތައް އިއްވުމާއި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވިފައި ނުވަނީ ދައުލަތުގެ ވަކީލުންގެ ފަރާތުން ދިފާއީ ވަކީލުންނަށް ލިބެންޖެހޭ ލިޔެކިއުންތަކެއް ލިބިފައި ނުވާ ކަމަށް އެ ދެ މީހުންގެ ވަކީލުންގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ފާހަަގަކުރުމުންނެވެ. އެ ދެ ވަކީލުން ވެސް ވިދާޅުވީ ދައުވާތަކަށް ޖަވާބުދާރީވުމުގެ ކުރިން އެ ލިޔެކިއުންތައް ބަލައި ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށެވެ. 

ދައުލަތުގެ ފަރާތުން ބުނީ އެ ލިޔެކިއުންތައް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިނުވާ އިތުރު ލިޔެކިއުންތަކެއް ހުރި ނަމަ އެ ލިޔެކިއުންތައް ވެސް ފާހަގަކޮށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޕީޖީ އޮފީހަށް ފޮނުވުމަށް އެދުނެވެ.

މިއަދު މެންދުރު 1 ޖެހިއިރު ބޭއްވި އަޑުއެހުމުގައި އަހުޒަމް އަބްދުއްޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް އިއްވުމާ ޖަވާބުދާރީވުން ކުރިއަށް ނުގެންދެވުނީ، ލިޔެކިއުންތައް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށް އޭނާގެ ވަކީލު މުހައްމަދު ޝަމްހީން ވިދާޅުވުމުންނެވެ. ނަމަވެސް، އެއްވެސް ލިއުމެއް މަދުވާ ކަމެއް އޭނާ ފާހަގައެއް ނުކުރައްވަ އެވެ.

މިއަދުގެ ތިން އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ، މި މަހުގެ ނިޔަލަށް ޖަވާބުދާރީވުމުގެ ބައި ނިންމާލަ ދިނުމަށް ގާޒީގެ ކިބައިން އެދިފަ އެވެ.

ޖަވާބުގައި މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެކަމުގެ ޔަގީންކަން ދެވެން ނެތް ނަމަަވެސް، މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް އެބައި ނިންމާލެވޭތޯ ކަމަށެވެ. ކްރިމިނަލް ކޯޓު ހިންގުމަށް ތަނެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަން ކޯޓުގެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ތިން މީހުންގެ މައްސަލާގައި ވެސް އޮންނާނީ ދައުވާ ހުށަހެޅުމާ ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުން ކަމަށް ގާޒީ ވިދާޅުވި އެވެ. އެޔަށްފަހު މިއަދުގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ. 

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭގަ އެވެ. އޭގެ ފަހުން މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް