ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ.

ނައީމާ މަރު: އަޑުއެހުންތައް ފަށައިފި

އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިން، މިއަދު 9، 11، އަދި 1 ޖަހާއިރަށް ވެސް މި މައްސަލައިގެ އަޑުއެހުންތައް ވަނީ ތާވަލުކޮށްފައި

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފި އެވެ. 

ވީ ކިހިނެއް؟ - މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް މިދިޔަ މަހުގެ 25ގައި ތާވަލުކުރި އަޑުއެހުންތައް ކެންސަލްވީ ގައިދީން ގެންނަ ކަރެކްޝަންސްގެ ލޯންޗު ހަލާކުވުމުގެ ސަބަބުންނެވެ. މިއަދު ވަނީ އެ މައްސަލާގައި ހިމެނޭ ތިން މީހުންގެ އަޑުއެހުން ވަކި ވަކިން ބާއްވަން ތާވަލުކޮށްފަ އެވެ. އެއީ:

  • 9 ޖަހާއިރު - ތާވަލުކޮށްފައި އޮތީ މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 11 ޖަހާއިރު - މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލް ވާހިދު ރިފާސް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 1 ޖަހާއިރު - މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ފުރަތަމަ ހައްޔަރުކުރި އަހްޒަމް އަބްދުއްޝަކޫރު، 23،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުން

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން

ތަފްސީލް - މި މައްސަލައިގެ އިބްތިދާއީ ޝަރީއަތް ފެށުމަށް މިއަަދަށް ތާވަލުކުރި ތިން އަޑުއެހުންގެ ތެރެއިން ފުރަތަމަ އަޑުއެހުން މިހާރު ވަނީ ނިމިފަ އެވެ. މިއަދު ހެނދުނު 9 ޖެހިއިރު އޮތް ހަސަން ފަވާޒުގެ އެ އަޑުއެހުމުގައި އޮތީ ދައުވާ ހުށަހެޅުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް، ފަވާޒުގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ ދައުލަތުގެ ފަރާތުން ލިބެންޖެހޭ ބައެއް ލިޔެކިއުންތައް ލިބިފައި ނުވާ ކަމަށާއި ލިބިފައިވާ ބައެއް ލިޔެކިއުންތަކަށް އެކްސެސް ނުވެވޭ ކަމަށެވެ. އޭގެތެރޭގައި ސީން ރީކްރިއޭޓު ވީޑިއޯއާއި، އިންޓަވިއު ރިކޯޑިން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ޖަވާބުދާރީވާން ބޭނުންވަނީ އޭގެތެރެއިން ދައުލަތަށް މިހާރު ދެވެން ހުރި ލިއުންތައް ދިނުމުން ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވީ، އެ ލިއުންތައް ހޯމަ ދުވަހުގެ ނިޔަލަށް ހަވާލުކޮށް ނިންމާނެ ކަމަށާއި، މި މަހުގެ ނިޔަލަށް ޖަވާބުދާރީވުމުގެ ބައި ނިންމާލަން އެދޭ ކަަމަށެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ، ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެކަމުގެ ޔަގީންކަން ދެވެން ނެތް ނަމަަވެސް، މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް ޝަރީއަތް ފެށޭތޯ ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ ހުށަހެޅުމާ ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުން ކަމަށް ގާޒީ ވިދާޅުވި އެވެ. އެޔަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުންގެ އަޑުއެހުން މިއަދު 11 އަދި 1 ޖަހާއިރު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ. 

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭގަ އެވެ. އޭގެ ފަހުން މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް