ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވާ މަންޒަރު. ރާއްޖޭގެ ހިއުމަން ކެޕިޓަލް އިންޑެކްސް އެންމެ ދަށްވަނީ ތައުލީމުގެ ފެންވަރު ދަށްވުމުން ކަމަށް ވޯލްޑް ބޭންކުން ބުނޭ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ރާއްޖޭގައި މީހުން ބިނާކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ތައުލީމުގެ ފެންވަރު ދަށްވުން: ދިރާސާ
ރާއްޖޭގައި ރައްޔިތުންގެ ކުރިއެރުމަށާއި މީހުން ބިނާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ދޭ ތައުލީމުގެ ފެންވަރު ދަށްވުން ކަމަށް ވޯލްޑް ބޭންކް އިން ރާއްޖެއަށް ހާއްސަކޮށް ނެރުނު ހިއުމަން ކެޕިޓަލް ރިވިއު އިން ދައްކައިފި އެވެ.
ވީ ކިިހިނެއް؟ - މި ރިޕޯޓަކީ، ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ތައްޔާރުކުރާ ހިއުމަން ކެޕިޓަލް އިންޑެކްސް (އެޗްސީއައި)ގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެޗްސީއައި ހިސާބުކޮށް، ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ރިޕޯޓް އެވެ.
އެނގުން މުހިއްމު - އެޗްސީއައި އަކީ ގައުމެއްގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ މިންވަރު ވަޒަންކުރާ މިންގަނޑެކެވެ. އެގޮތުން:
-
އެޗްސީއައި ހިސާބުކުރަނީ 0 އާއި 1 އާއި ދެމެދުގެ ނަންބަރަކުން؛ 1 ގެ މާނައަކީ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބޭނުންކުރެވެނީ އެންމެ ފުރިހަމައަށޭ
-
ތައުލީމާއި ސިއްހަތުގެ ފެންވަރަށް ބަލާ، އިންސާނީ ވަސީލަތްތަކަށް އަސަރުކުރާ މިންވަރު އެޗްސީއައި އިން މިންކުރާނެ
އެޗްސީއައި މިންކުރުމުގައި މައިގަނޑު ގޮތުގައި ބަލަނީ، މަރުނުވެ 5 އަހަރުން މައްޗަށް ބޮޑުވާ ކުޑަކުދިންގެ ނިސްބަތް، ތައުލީމީ ފެންވަރު އަދި 18 އަހަރާ ހަމައަށް ތައުލީމު ހާސިލްކުރެވޭ މިންވަރު، ބޮޑެތި މީހުންގެ ދިރިހުރުމުގެ މިންވަރު އަދި ކުޑަކުދިންގެ ސިއްހަތަށެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ފުރަތަމަ އެޗްސީއައި ސްކޯއެއް ކަމަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވަނީ 0.596 އެވެ. މީގެ މާނައަކީ، މިއަދު ރާއްޖޭގައި ވިހާ ކުއްޖަކަށް ފުރިހަމަ ތައުލީމު ލިބި ރަނގަޅު ސިއްހަތުގައި ބޮޑުވާ ނަމަ، އޭނާގެ ހުނަރާއި ގާބިލިއްޔަތުކަމުގެ %59.6 ހާސިލްވާނެ އެވެ.
ރާއްޖޭގެ އެޗްސީއައި ސްކޯއަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ، ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުންނެވެ. އެގޮތުން:
-
އެވަރެޖް ކޮށް ރާއްޖޭގައި މީހުން 12.4 އަހަރު ވަންދެން ތައުލީމު ހާސިލްކުރޭ
-
ނަމަވެސް ތައުުލީމުގެ ފެންވަރަށް ބަލާއިރު އެއީ 8.17 އަހަރު ވަންދެން ތައުލީމް ހާސިލްކުރުމާ އެއްފަދަ
-
އެހެންކަމުން، ފެންވަރު ދަށްވުމުގެ ސަބަބުން ތައުލީމުގެ 4 ވަރަކަށް އަހަރު ބޭކާރުވޭ
ފާހަގަކޮށްލެވޭ - އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ ތަރައްގީވަމުންދާ ގައުމުތަކުގެ އެވްރެޖަށް ބަލާއިރު ރާއްޖެއަށް ލިބިފައިވާ އެޗްސީއައި ސްކޯ ރަނގަޅު ނުވި ނަމަވެސް، ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި އިންސާނީ ވަސީލަތުގެ ރައުސްމާލުގެ ބޭނުން ހިފޭ މިންވަރު، ނުވަތަ ޔޫޓިލައިޒޭޝަން-އެޖަސްޓެޑް ހިޔުމަން ކެޕިޓަލް އިންޑެކްސް (ޔޫއެޗްސީއައި) ސްކޯ ދަށެވެ. އެގޮތުން:
-
ހިޔުމަން ކެޕިޓަލްގެ ބޭނުން ހިފޭ މިންވަރަށް ބަލާ އެޗްސީއައި އެޖަސްޓް ކުރުމުން ރާއްޖެއަށް ލިބޭ ސްކޯ އަކީ 0.366
-
އޭގެ މާނައަކީ، ރާއްޖޭގެ %63 މީހުންނަށް އެމީހުންގެ ހުނަރާއި ގާބިލިއްޔަތުކަން އެންމެ މަތީ ދަރަޖައަށް ހާސިލްކުރެވޭނެ ގޮތެއް ނެތޭ
-
އެހެންކަމުން، މިއަދު ރާއްޖޭގައި ވިހާ ކުއްޖަކަށް 18 އަހަރު ފުރޭ އިރު އަސްލު ހާސިލް ކުރެވޭނީ އޭނާގެ ހުނަރާއި ގާބިލިއްޔަތުކަމުގެ %37
-
ރާއްޖޭގެ ހިޔުމަން ކެޕިޓަލްގެ ބޭނުންހިފޭ މިންވަރު ދަށްވާ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ވަޒީފާގެ ބާޒާރުގެ ހާލަތު
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރާއްޖޭގެ އެޗްސީއައި ހަ ސަރަހައްދަކަށް ބަހާލައިގެން ހިސާބުކޮށްފައިވާ އިރު އެ ނަތީޖާތަކުން ދައްކާ ގޮތުގައި:
-
އެޗްސީއައި އެންމެ މަތީ މާލެ ސަރަހައްދުގައި
-
އެ ސްކޯ އެންމެ ދަށީ މެދު ރާއްޖެތެރޭގަ
-
ހުރިހާ ސަރަހައްދެއްގައި ވެސް އަންހެނުންގެ އެޗްސީއައި ފިރިހެނުންނަށް ވުރެ މަތި
އަންހެނުންގެ ބޭނުން ވަޒީފާގެ ބާޒާރުގައި ނުހިފޭ
އެޗްސީއައި އިން ރާއްޖޭގައި އަންހެނުން ކުރީގައި އުޅުނު ކަމަށް ވޯލްޑް ބޭންކުގެ ހޯދުންތަކުން ދައްކާ ނަމަވެސް، ޔޫއެޗްސީއައިިގައި އަންހެނުންނަށް ލިބޭ ސްކޯ ވަރަށް ބޮޑަށް ދަށްވެ އެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން ކުޑަވުމެވެ. އެގޮތުން:
-
ހިއުމަން ކެޕިޓަލް އިންޑެކްސްގައި އަންހެނުންގެ ސްކޯ - 0.601؛ މިއީ ފިރިހެނުންނަށް ވުރެ ވެސް މަތީ އަދަދެއް
-
ޔޫޓިލައިޒޭޝަން-އެޖަސްޓެޑް ހިޔުމަން ކެޕިޓަލް އިންޑެކްސްގައި އަންހެނުންގެ ސްކޯ - 0.261
-
މި ދެ ސްކޯގެ ދެމެދުގައި 0.340 ގެ ފަރަގެއްވޭ
އެއާ ހިލާފަށް ފިރިހެނުންގެ އެޗްސީއައި އާއި ޔޫއެޗްސީއައި އާ ދެމެދުގައި ވަނީ 0.161ގެ ފަރަގެކެވެ. އެގޮތުން:
-
ހިއުމަން ކެޕިޓަލް އިންޑެކްސްގައި ފިރިހެނުންގެ ސްކޯ - 0.590
-
ޔޫޓިލައިޒޭޝަން-އެޖަސްޓެޑް ހިޔުމަން ކެޕިޓަލް އިންޑެކްސްގައި ފިރިހެނުންގެ ސްކޯ - 0.429
ފާހަގަކޮށްލެވޭ - މި ހޯދުންތަކަށް ބެލުމަށްފަހު ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ:
-
ރާއްޖޭގެ އެކި ހިސާބުތަކުގައި ތައުލީމު ފޯރުކޮށްދިނުމުގައި ހުރި ތަފާތުތަކާއި ފަރަގުތައް ނައްތާލުން
-
ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުން
-
ހެދިބޮޑުވާއިރު ކުޑަކުދިންގެ ސިއްހަތު ރަނގަޅުކުރުމަށްޓަކައި ރަނގަޅު ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން
-
އަންހެނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި ހުރި ހުރަސްތައް ނައްތާލުން
-
ސޯޝަލް ސެކްޓާއަށް ހަރަދުކުރެވޭ ގޮތްތައް ހަރުދަނާ ކުރުން