ރައީސް މުއިއްޒު (ކ) ކޮޕް 28ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވާހަކަދައްކަވާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒު ރަސްގެފާނު ޗާލްސްއަށް ހިތްވަރުގެ މެސެޖެއް

ރައީސް ވަނީ ދިވެހިންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި

ކެންސަރަށް ފަރުވާ ހޯއްދަވަމުންގެންދަވާ އިނގިރޭސި ރަސްގެފާނު ޗާލްސްއަށް ރައީސް މުހައްމަދު މުއިއްޒު ހިތްވަރުގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - ރަސްގެފާނު ޗާލްސް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާކަން ބަކިންހަމް ޕެލަސް އިން އިއްޔެ ވަނީ ހާމަ ކޮށްފަ އެވެ. 

ތަފްސީލް - ރައީސް މުއިއްޒު މިއަދު 'އެކްސް' ގައި ވިދާޅުވީ ރަސްގެފާނުގެ ބަލިހާލަތުގެ ވާހަކަ އެއްސެވީ ހިތާމައާ އެކު ކަމަށެވެ.

ހިތްވަރާއެކު ބައްޔާ ހަނގުރާމަ ކުރައްވައި ބަލީގެ މައްޗަށް ކުރިހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ. ރައީސް ވަނީ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރަސްގެފާނު ޗާލްސްއަށް ފުރިހަމަ ސިއްހަތަކަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - އިނގިރޭސި ޝާހީ ގަނޑުވަރުން އިއްޔެ ބުނީ ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިފައިވާކަން ފާހަގަކުރެވުނީ މި ފަހުން ޕްރޮސްޓްރޭޓް ބޮޑުވެގެން ފަރުވާ ހޯއްދެވި އިރު ކަމަށެވެ. ނަމަވެސް ޖެހިފައި ވަނީ ޕްރޮސްޓްރޭޓް ކެންސަރެއް ނޫންކަން ވަނީ އެނގިފަ އެވެ.

ބަކިންގްހަމް ޕެލަސް އިން ބުނިގޮތުގައި ރަސްގެފާނު އިއްޔެއިން ފެށިގެން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު، އާންމުގެ ތެރެއަށް ނުކުމެވަޑައިގަަތުން ހިމެނޭ ޒިންމާތައް އަދާކުރެއްވުން ފަސްކުރެއްވުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް