މާފަންނު ފެރީ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ސައިކަލުތައް ޕާކު ކޮށްފައި: ޕާކިން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް އެޕްރީލްގައި ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޕާކުކުރުން

ޕާކިން އިމާރާތްތައް އެޕްރީލްގައި އަޅަން ފަށަނީ

މި ސަރުކާރުން ނިންމާފައި ވަނީ ޕާކިން އިމާރާތްތައް ގާއިމްނުކޮށް ޕާކިން ޖޫރިމަނާ ސްޓިކާ ނުޖަހަން

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ޕާކިން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް އެޕްރީލްގައި ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިކަން އެމަނިކުފާނު ހާމަ ކުރެއްވީ، މިއަހަރަށް މަޖިލިސް ހުޅުވުމަށް މިހާރު ބާއްވަމުންދާ މަޖިލިސް ޖަލްސާގައި އިއްވަމުންދާ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ.

ބުނީ ކީކޭ؟ - "މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލައަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. މިގޮތުން ފެންވަރު ރަނގަޅު ޕާކިން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު އޭޕްރިލް މަހު ފެށިގެން ދާނެ،" ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް -  މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ޕާކިން މައްސަލަ ހައްލު ކުރުމަަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ރައީސް މިއަދު އިއުލާން ކުރެއްވި ގޮތުގައި މިއަހަރުގެ ތެރޭ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ އެވެ. އެ މަޝްރޫއުގެ ބޮޑު ބައެއް ހިންގަނީ ޗައިނާގެ އެހީއާއެކު ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ރައީސް ވަނީ، އެމަނިކުފާނު ވައުދުވެވެޑައިގެންނެވި ގޮތަށް ޕާކިން ޖޫރިމަނާ ވެސް މައާފްކޮށްދެއްވައިފަ އެވެ. އަދި އެއާ އެކު ނުގަވައިދުން ޕާކްކޮށްގެން ފުލުހުން ޖަހަމުން ދިޔަ ސްޓިކާ ވެސް ޖެހުން ވަނީ ހުއްޓާލައިފަ އެވެ.

ޕާކިން އިމާރާތްތައް ހެދުމަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް އިއުލާން ކުރެއްވި މަޝްރޫއުއެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެކަން ނުވީ ކުރީގެ ސަރުކާރުން އެކަމަށް އެއްބާލުން ނުލިބުމުގެ ސަބަބުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް