އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި އަހްމަދު ސަލީމް (މާޒު ސަލީމް). (ފޮޓޯ/އެމްޑީޕީ)
މިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް މާޒު ސަލީމަށް ޕްރައިމަރީގައި މޮޅެއް
މިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިން މޭޓު، އަހްމަދު ސަލީމް (މާޒު ސަލީމް) މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓު ކާމިޔާބުކުރައްވައިފި އެވެ.
ތަފްސީލު - މިއަދު ހަވީރު 5 ޖަހަންދެން ވޯޓުލުން ކުރިއަށްދިޔަ އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓު މާޒު ސަލީމް ކާމިޔާބުކުރެއްވީ އަހްމަދު ސަލީމް (ހީނާ) އާއި ހުސައިން ޝާކިރުގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.
ޕްރައިމަރީގައި މާޒު ސަލީމަށް ލިބިވަޑައިގަތީ 61 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ %53 އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހީނާއަށް ލިބިވަޑައިގަތީ 42 ވޯޓެވެ.
އެނގުން މުހިންމު - ރިޔާސީ އިންތިހާބު 2023ގައި މާޒު ސަލީމްއަކީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިން މޭޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މާޒު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވާފަ އެވެ.