ފިނޭންސް މިނިސްޓަރ އަމީރު މީީގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޝިޔާމް ހަދަނީ ދޮގު، މަސްވެރިންނަށް ނުދެވި އޮތީ 185 މިލިއަން ރުފިޔާ: އަމީރު

އަމީރު ވިދާޅުވީ މަސްވެރިނަށް ފައިސާ ނުދެވި ލަސްވަނީ ސަރުކާރަށް 'އެހެން އިސްރާފުތައް މުހިންމުވީމަ' ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުނު އިރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 250 މިލިއަނަށް އަރާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވުމުން އެކަން އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގައި ވެސް މަސްވެރިންނަށް ފައިސާ ދިނުން ލަސްވަމުންދާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއްވެއްޖެ އެވެ. އަދި އިއްޔެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ލޯނެއް ނަގައިގެން ވެސް އެ ފައިސާ ހަމަޖެއްސުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. ޝިޔާމް މިއަދު ވަނީ އެކަމާ ގުޅޭގޮތުން އެކްސްގައި ލިޔުއްވައިފަ އެވެ.

ތަފްސީލު - އެ ޕޯސްޓުގައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 250 މިލިނެއްހާ ރުފިޔާ ނުދީ އޮތް ކަމަށެވެ. އަދި ފައިސާ ދައްކާ ހަލާސް ކުރަމުން ގޮސް މިހާރު ބާކީ އޮތީ 190 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު [ރައީސް މުއިއްޒު] ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެ،" ޝިޔާމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"އެހެންނަމަވެސް ދުވަސްވަރަކީ މަސްވެރިކަން الله ގެ ރަހުމަތުން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަބުނޭ."

ބާކީ ނުދައްކާ އޮތް 190 މިލިއަން ރުފިޔާ ދެއްކުމަށްޓަކައި ސޮވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ފާހަގަކުރަން،" ލަސްތަކެއްނުވެ ފައިސާ ދައްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވައި ޝިޔާމް ވިދާޅުވި އެވެ.

'މަސްވެރިންނަށް ފައިސާ ނުދެވެނީ އެހެން އިސްރާފުތައް މުހިންމުުވާތީ'

އަމީރު އެކްސްގައި ޝިޔާމްގެ ޕޯސްޓަށް ރައްދުދެއްވައި ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. އޭނާ ވިދާޅުވީ، ސޯލިހްގެ ސަރުކާރުގެ ފަހު ދުވަހުގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ނުދައްކާ އޮތް އަދަދަކީ 185 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެކްސެލް ޝީޓެއްގައި ހުރި ތަފާސްހިސާބުތަކެއް އެ ޕޯސްޓާ އެކު އަމީރު ވަނީ އާންމު ކުރައްވާފަ އެވެ. 

އެ އަދަދުތަކުން ދައްކާ ގޮތުގައި:

  • ވެރިކަން ބަދަލުވި 16 ނޮވެމްބަރުގެ ނިޔަލަށް 1،460 ދޯންޏަކަށް ނުދީ އޮތީ 184.3 މިލިއަން ރުފިޔާ

  • އޭގެ ތެރެއިން ބޮޑު ބައެއް ދައްކަން އޮތީ ކޫއްޑޫއަށް ކިރާފައިވާ މަހަށް؛ އެއީ 126 މިލިއަން ރުފިޔާ

  • ފެލިވަރަށް ކިރާފައިވާ މަހަށް 30.8 މިލިއަން ރުފިޔާ އަދި އައްޑޫއަށް 27.5 މިލިއަން ރުފިޔާ

"[މިދިޔަ އަހަރު ފަހުކޮޅު މަޖިލީހުން] ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އަޅުގަނޑުމެންވާނީ ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފަ. އަދި އަޅުގަނޑުމެން ވާނީ މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާފައި. އަޅުގަނޑުމެން އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުންދިޔައީ،" އަމީރު އިތުރަށް ވިދާޅުވި އެވެ.

އެއާއެކު އޭނާ ދެން ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވެނީ އެކަން ކުރުމަށް ވުރެ ސަރުކާރަށް "އެހެން އިސްރާފުތައް މުހިންމުވީމަ" ކަމަށެވެ.

"އަޅުގަނޑުމެން މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާދޫކުރަމުން ގެންދިޔައިން. މި ވާހަކަ ތިބޭފުޅުންގެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން އެދަނީ ދައްކަމުން،" ކުރީގެ ސަރުކާރުގެ ފަސް އަހަރު ތެރޭ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބުން ހުއްޓުނު ދުވަސްވަރަށް އިޝާރާތް ކުރައްވައި އޭރު މާލީ ކަންކަމުގައި އިސްކޮށް ހުންނެވި އަމީރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ޖުހާ`

2 ފެބްރުއަރީ 2024
އަމީރު ގެއަށް ދިޔައީ ފިނޭންސް މިނިސްޓްރީގެ ހުރިހާ ލިއުމެއް ހިފައިގެން ދޯ؟
2 1

ނާނާ ގައްދޫ

2 ފެބްރުއަރީ 2024
ބުނެދީބަލަ އެކޮއެގެ މާލީ ވަޒީރުކަމުގަ ވެންޓިލޭޓަރު ތަކަށް ހެދިގޮތެއް.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް