އެމްޕީއެލްގެ ދެ މުވައްޒަފަކު މަސައްކަތުގައި(ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޕީއެލް

އެފްއެސްއެމް/އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ހިޔާނާތުގައި ފަސް މުވައްޒަފެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

މި ހިޔާނާތުގައި ހިމެނޭ ބިދޭސީ މުވައްޒަފުގެ އެކައުންޓަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަން ފުލުހުންނަށް ހޯދިފައިވޭ

ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ޕޯސްޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ގުޅިގެން، 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރި އެވެ.

އެ ދެ މައްސަލައަކީ:

  • އެފްއެސްއެމް އާއި އެމްޕީއެލްގެ ފަސް މުވައްޒަފަންތަކެއް ގުޅިގެން ތެޔޮ ގަތުމުގައި 2020ގައި ހިންގި 6.7 މިލިއަން ރުފިޔާގެ ހިޔާނާތެއްގެ މައްސަލަ

  • މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލަ

ބުނީ ކީކޭ؟ - އެފްއެސްއެމް އާއި އެމްޕީއެލްގެ ހިޔާނާތާ ގުޅޭ ތަފްސީލުތައް ދެއްވަމުން ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ޗީޕް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ އެ ހިޔާނާތް ހިންގާފައި ވަނީ 1 ޖެނުއަރީ 2020 އިން ފެށިގެން 30 އޮކްޓޯބަރު 2020އަށް ކަމަށެވެ. އެގޮތުން؛

  •  އެމްޕީއެލްއަށް އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަތުމުގައި 6.7 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވޭ

  • އެމްޕީއެލްއަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެތަނަށް ލިބިފައިވާ ކަމަށް ބަޔާންކޮށް 119 ޑެލިވަރީ އޯޑާއަކަށް އެމްޕީއެލް ފަރާތުން އެފްއެސްއެމްއަށް ފައިސާ ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވި

  • އެކަމުގައި ޝާމިލުވަނީ ބިދޭސީއަކާއި ހަތަރު ދިވެހިން

  • އެއީ އެފްއެސްއެމްގެ ތިން މުވައްޒަފުންނާއި އެމްޕީއެލްގެ ދެ މުވައްޒަފެއް

  • ބިދޭސީ މީހާގެ އެކައުންޓަށް ޖެނުއަރީ 2018އިން ފެށިގެން ނޮވެމްބަރު 2020ގެ ނިޔަލަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް ހޯދިފައިވޭ

"އެގޮތުން ޖުމްލަ 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލް އާއި އެފްއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުން ގުޅިގެން ހިޔާނާތްތެރިވެފައިވާކަން ތަހުގީގުތަކުން ހޯދިފައިވޭ،" ކުރިން ވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ މައްސަލައާ މެދު ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެނގުން މުހިންމު - އެމްޕީއެލްގެ އޮޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ އެދުމުގެ މަތިން މިދިޔަ އަހަރު ހެދި އޮޑިޓަކުން އެނގުނު ގޮތުގައި އެފްއެސްއެމް މެދުވެރިކޮށް އެމްޕީއެލް އިން ގަތް ޑީސަލްގެ ތެރެއިން 28.3 މިލިއަން ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ވަނީ ގެއްލިފަ އެވެ.

އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް، 2018 އިން 2020 އަށް:

  • 90.8 މިލިއަން ރުފިޔާ (8،855،601 ލީޓަރު)ގެ ޑީސަލް އެމްޕީއެލް އިން ވަނީ ގަނެފައި

  • އޭގެ ތެރެއިން 28.3 މިލިއަން ރުފިޔާ (2،824،288 ލީޓަރު)ގެ ޑީސަލް ހިޔާތުން ވަނީ ގެއްލިފައި

  • ނިސްބަތުން ބަލާއިރު މިއީ އެ މުއްދަތުގައި ގަތް ޑީސަލްގެ %31.9 އަށްވާ ޑީސަލް

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓަގު ބޯޓު އޮޕަރޭޓުކުރަން ދޫކުރި ޑީސަލްގެ ތެރެއިން ހުޅުމާލޭ ޖެޓީ ސަރަހައްދަށް ފޮނުވި 799،900 ލީޓަރު (7.2 މިލިއަން ރުފިޔާ)ގެ ޑީސަލް، އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައެއް ނުވެ އެވެ. އެކަން ޓަގު ބޯޓުތަކުގެ ކެޕްޓަނުން ވެސް އޮޑިޓަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް