މާލޭ ވިޔަފާރި ބަނދަރު. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

އެމްޕީއެލްއިން ގަތް ތެލުން ކުރި 'ވައްކަމުން' 28 މިލިއަން ރުފިޔާގެ ތެޔޮ 'ގެއްލިއްޖެ'

މި ހިޔާނާތް ހިނގި ގޮތުން، އެފްއެސްއެމްގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވޭކަން ފާހަގަކޮށް، އެ މީހުން ހޯދައި މި މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ފުލުހުންނަށް ވަނީ ލަފާދީފައި
6 އޮކްޓޯބަރު 2022

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެމްޕީއެލް އިން ގަތް ޑީސަލްގެ ތެރެއިން 28.3 މިލިއަން ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާކަން އޮޑިޓް އޮފީހުގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ އެދުމުގެ މަތިން، އެމްޕީއެލްގެ އޮޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހެދި އޮޑިޓުގަ އެވެ.

ތަފްސީލު - އެ އޮޑިޓް ރިޕޯޓު ތައްޔާރުކުރުމުގައި އޮޑިޓް އޮފީހުން ބަލާފައިވަނީ 2018-2020އާ ދެމެދު އެމްޕީއެލް އިން ކުރި ޑީސެލް ގަތުމުގެ މުއާމަލާތްތަކަށެވެ.

މިއަދު ނެރިނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް، 2018 އިން 2020 އަށް:

  • 90.8 މިލިއަން ރުފިޔާ (8،855،601 ލީޓަރު)ގެ ޑީސަލް އެމްޕީއެލް އިން ވަނީ ގަނެފައި

  • އޭގެ ތެރެއިން 28.3 މިލިއަން ރުފިޔާ (2،824،288 ލީޓަރު)ގެ ޑީސަލް ހިޔާތުން ވަނީ ގެއްލިފައި

  • ނިސްބަތުން ބަލާއިރު މިއީ އެ މުއްދަތުގައި ގަތް ޑީސަލްގެ %31.9 އަށްވާ ޑީސަލް

އެފްއެސްއެމް އިން އެމްޕީއެލްއަށް ވިއްކި ޑީސަލްގެ ތެރެއިން ގެއްލުނު ޑީސަލްގެ ތަފްސީލު:

  • ޓަގު ބޯޓުތައް އޮޕަރޭޓުކުރަން ދޫކުރި ޑީސަލްގެ ތެރެއިން ގެއްލުނު: 18.5 މިލިއަން ރުފިޔާ (1،862،148 ލީޓަރު)ގެ ޑީސަލް

  • ޖަނަރޭޓަރު ހިންގަން ދޫކުރި ޑީސަލްގެ ތެރެއިން ގެއްލުނު: 9.6 މިލިއަން ރުފިޔާ (950،365 ލީޓަރު)ގެ ޑީސަލް

  • އާރުޓީޖީ ކްރޭންތަކަށް އަޅަން ދޫކުރި ޑީސަލްގެ ތެރެއިން ގެއްލުނު: 127،616ރ. (11،775 ލީޓަރު)ގެ ޑީސަލް

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓަގު ބޯޓު އޮޕަރޭޓުކުރަން ދޫކުރި ޑީސަލްގެ ތެރެއިން ހުޅުމާލޭ ޖެޓީ ސަރަހައްދަށް ފޮނުވި 799،900 ލީޓަރު (7.2 މިލިއަން ރުފިޔާ)ގެ ޑީސަލް، އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައެއް ނުވެ އެވެ. އެކަން، ޓަގު ބޯޓުތަކުގެ ކެޕްޓަނުން ވެސް އޮޑިޓަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާ ކަމަށް، ޓަގު ބޯޓުތަކުގެ ކެޕްޓަނުން އޮޑިޓަށް ވަނީ މައުލޫމާތު ދީފައި

  • ޓަގު ބޯޓެއް އޮޕަރޭޝަންގައި ބޭނުންނުކުރާ މުއްދަތުގައި ވެސް އެ ޓަބު ބޯޓަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ވަނީ ރިކޯޑުކޮށްފައި

  • ހުޅުމާލޭ ޖެޓީ ސަރަހައްދަށް ސަޕްލައިކުރި ޑީސަލްއާ ހަވާލުވި ކަމަށް އެމްޕީއެލްގެ ޕްރިކިއުމަންޓް ސްޓޯރުގެ އެސިސްޓެންޓް މެނޭޖަރު، ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރި؛ އެ ސަރަހައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް ދޫކުރި ކަމަށް އެފްއެސްއެމްގެ ޑްރައިވަރުން ޑެލިވަރީ ނޯޓުގައި ސޮއިކުރި

  • އެހެންކަމުން، މި ހިޔާނާތުގައި އެމްޕީއެލްގެ އިތުރުން އެފްއެސްއެމްގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަން، އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި

މާލޭ ވިޔަފާރި ބަނދަރު. (ފޮޓޯ/އެމްޕީއެލް)

ތެލުގެ ހިޔާނާތުގައި އެމްޕީއެލް ޕްރޮކިއުމަންޓުގެ ބޮޑު އަތެއް

އެ ހިޔާނާތް ހިންގުމުގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރުން ބޮޑު ދައުރެއް އަދާކޮށްފައި ވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އެގޮތުން، އެ ކުންފުނީގެ އެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދަން 2018 އިން 2020ގެ ނޮވެމްބަރާ ހަމައަށް، ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓު ފޯމުތަކުން ކޮޕީ ފޯމުތައް ހަދައި ސޮއި ފޯޖުކޮށް އަދި ތާރީހު ބަދަލުކުރުމަށް ފަހު ތައްޔާރުކޮށްފައިވާ، 13.2 މިލިއަން ރުފިޔާގެ ނުވަތަ 1.40 މިލިއަން ލީޓަރުގެ ތެޔޮ ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތައް އެ ހިޔާނާތުގައި ވަނީ ބޭނުންކޮށްފަ އެވެ. އަދި އެމްޕީއެލްގެ ޔުނިޓުތަކުން ތެޔޮ ހޯދަން އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ވެސް ބޭނުންކޮށްފައިވެ އެވެ.

އެމްޕީއެލް އިން ގަންނަ ތެޔޮ ދޫކުރާ ތާރީހާއި އުޅަނދާއި އެ ނޫން މުހިންމު މައުލޫމާތު އެ ކުންފުނީގެ އެކައުންޓިން ސިސްޓަމަށް އަޅަނީ، ރިކުއެސްޓު ފޯމުތަކުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ.

އެހެންކަމުން، ރިކުއެސްޓް ފޯމުތައް ފޯޖުކޮށް، ސައްހަ ނޫން މައުލޫމާތު އެކައުންޓިން ސިސްޓަމްގައި ރިކޯޑުކޮށްފައިވަނީ، އެ ކުންފުނިން ގަންނަ ތެލުން ބައެއް ބާކީ ނުކުރާ ކަމާއި ގަންނަ ހުރިހާ ތެލެއް، ކުންފުނީގެ ބޭނުމަށް ދޫކޮށްފައި ވާކަން އޮޅުވާލައިގެން ދެއްކުމަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މިގޮތަށް ދޮގު މައުލޫމާތު ރިކޯޑު ކުރީ، ތަކުރާރުކޮށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ޑީސަލް ގަނެ، އޭގެ ތެރެއިން ބައެއް ނާޖާއިޒު ގޮތުގައި އެހެން މީހުންނަށް ސަޕްލައި ކުރަން މަގުފަހިކުރުމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް އިތުރު ކަންކަން:

  • އެމްޕީއެލް އިން އެފްއެސްއެމްއަށް ފޮނުވާ ބަލްކް ޕާޗޭސް އޯޑާގެ ދަށުން، އެކި ފަހަރު މަތިން ބޭނުންވާ ޑީސަލްގެ މިންވަރާއި ފޮނުވަންވީ ތަން ލިޔެކިޔުމުން އެންގުމުގެ ބަދަލުގައި ހަމަޖައްސާފައިވަނީ ފޯނުން އަންގާ ގޮތަށް

  • 2021އާ އަޅާބަލާއިރު 2020ގައި އެމްޕީއެލް އިން ގަތް ޑީސަލްގެ މިންވަރު %59 އިތުރު؛ ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަނަށް ބަލާއިރު، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރަކީ ނިސްބަތުން ބަލާއިރު މިދިޔަ އަހަރަށް ވުރެ ބަނދަރުގެ އޮޕަރޭޝަންތައް ކުޑަ އަހަރެއް

  • އެމްޕީއެލް އިން ޖަނަރޭޓަރު ހިންގަން ތެޔޮ ބޭނުންކުރާ ގޮތް ބަލަން 2019ގައި ހެދި އެތެރޭގެ އޮޑިޓުން، އެ ކުންފުންޏަށް ގަންނަ ތެލުން ބައެއް ގެއްލޭކަން ފާހަގަވި؛ ނަމަވެސް ބަޖެޓު ތައްޔާރުކުރުމުގައި އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ހަގީގީ އަދަދު ބަލައި އަހަރުން އަހަރަށް ބޭނުންވާ ތެލުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ނުކުރޭ

އޮޑިޓުން ދިން ބައެއް ލަފާތައް

މި ހިޔާނާތުގައި އެމްޕީއެލްގެ އިތުރުން އެފްއެސްއެމް އިން ބައިވެރިވި މުވައްޒަފުން ހޯދައި ފިޔަވަޅު އެޅުމަށް ތަހުގީގު ކުރުމަށް އޭސީސީ އާއި ފުލުހުންނަށް އެ އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ. އޭގެ އިތުރުން ލަފާދިން ބައެއް ކަންތައްތަކަކީ:

  • އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ހިޔާނާތުގައި ބައިވެރިވި މީހުންގެ ފަރާތުން ހޯދަން

  • ސައްހަ ނޫން ރިކުއެސްޓު ފޯމު ހަދާ މީހުން ހޯދައި ތަހުގީގުކުރަން ފުލުހަށް ހުށަހެޅުން

  • އެމްޕީއެލް އިން އެފްއެސްއެމްއަށް ފޮނުވާ ޕާޗޭސް އޯޑާތަކުގައި ބަޔާންކޮށްފައިވާ ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް ބަދަލު ގެންނަ ނަމަ، ބަދަލު ގެންނަން ބޭނުންވާ ފަރާތާއި ހުއްދި ދިން ފަރާތް އެނގޭ ގޮތަށް ލިޔުން ތައްޔާރުކުރުން

  • ބަޖެޓު ތައްޔާރުކުރުމުގެ ކުރިން އެމްޕީއެލްގެ ޔުނިޓުތަކުން ފިއުލް ކޮންސަމްޕްޝަން (ތެޔޮ ހޭދަވާ މިންވަރު)ގެ ރިޕޯޓުތައް ހޯދައި ކުރިއަށް އޮތް އަހަރަށް ބަޖެޓު ތައްޔާރުކުރާއިރު އެ ރިޕޯޓުތަކަށް ރިއާޔަތް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް