ދަރިވަރަކު ސްކޫލަށް ދަނީ: ގްރޭޑް 1 އަށް ވައްދާ ކުދިންގެ އުމުރު ބަލާނެ މިންގަނޑު ވަނީ ބަދަލުކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދިރާސީ އާ އަހަރު

ގްރޭޑް 1އަށް ވައްދާނީ ޑިސެމްބަރަށް 6 އަހަރު ފުރުނު ކުދިން: އެޑިއުކޭޝަން

މިހާރު ހިނގަމުންދާ ޓާމްގެ ކިޔެވުން 30 އޭޕްރީލްގައި ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން 26 މެއިގައި ފަށާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަދަލުގެނެސްފައި
31 ޖެނުއަރީ 2024

މި އަހަރުގެ ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދޭނީ ޑިސެމްބަރު 2023އަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފެރޭ ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެނގުން މުހިންމު - މިހާރު ހިނގަމުންދާ ޓާމްގެ ކިޔެވުން 30 އޭޕްރިލްގައި ނިމޭނެ ކަމަށާއި، އެއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 26 މެއިގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދިރާސީ އާ އަހަރު ފެށޭ ދުވަހާއި ބޮޑު ޗުއްޓީ ދުވަސްވަރު ޑިސެމްބަރަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށެވެ.

ވީ ކިހިނެއް؟ - ސްކޫލްތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލު ކުރުމުގައި 2024ގެ ދިރާސީ އަހަރު އަމަލު ކުރާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަނުން ވަނީ އިއްޔެ ސްކޫލްތަކަށް ފޮނުވައިފަ އެވެ.

ތަފްސީލު - އެ ސާކިއުލާގައި ބަޔާންކޮށްފައިވަނީ ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް އެކަކަށް ކުދިން ވައްދާނެ އުމުރުފުރާތަކެވެ. އެގޮތުން؛

ބޭބީ ނާސަރީ:

  • ޑިސެމްބަރު 2023ގެ ނިޔަލަށް ދެ އަހަރު ފުރި، ތިން އަހަރު ފުރިފައި ނުވުން

ނާސަރީ:

  • ޑިސެމްބަރު 2023ގެ ނިޔަލަށް ތިން އަހަރު ފުރި، ހަތަރު އަހަރު ފުރިފައި ނުވުން

އެލްކޭޖީ:

  • ޑިސެމްބަރު 2023ގެ ނިޔަލަށް ހަތަރު އަހަރު ފުރި، ފަސް އަހަރު ފުރިފައި ނުވުން

  • ނަމަވެސް، 31 މާޗު 2024ގެ ނިޔަލަށް ހަތަރު އަހަރު ފުރޭ ކުދިންނަށް ވެސް ބެލެނިވެރިޔާ އެދިއްޖެ ނަމަ އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ދޭނެ

  • ދިރާސީ އަހަރު ފެށޭ ފަހުން (26 މެއި) ހަތަރު އަހަރު ފުރޭ ކުދިން އެލްކޭޖީއަށް ނުވައްދާނެ

ޔޫކޭޖީ:

  • ޑިސެމްބަރު 2023ގެ ނިޔަލަށް ފަސް އަހަރު ފުރި، ހަ އަހަރު ފުރިފައި ނުވުން

  • 2023 - 2024 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 26 މެއިގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި ޔޫކޭޖީއަށް ބަދަލުކުރާނެ

ގްރޭޑް 1:

  • 2023 ޑިސެމްބަރު ނިޔަލަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިން

  • މިދިޔަ އަހަރު ޔޫކޭޖީ ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް 26 މެއިގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި ގްރޭޑް 1އަށް ބަދަލުކުރާނެ

އެނގުން މުހިންމު - ކުރިން ގްރޭޑް 1 އަށް ވައްދަމުން އައީ އެ އަހަރެއްގެ ޖެނުއަރީ މަހު ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.

އަހަރު އެ ސާކިއުލާގައި ވާ ގޮތުގައި ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއްވެސް ކުއްޖަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލެއް ނުކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް