ޒުވާން ހަތީބުންގެ ޕްރޮގްރާމަށް އިންޓަވިއު ކުރުން ކުރިއަށް ދަނީ (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)

ސްކޫލު ކުދިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޭން ސްކްރީނިން ފަށައިފި

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބެން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުން

ގްރޭޑް 10 ،11 އަދި 12ގައި އުޅޭ ދަރިވަރުންނާއި ސްކޫލު ނިމިފައިވާ ކުދިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޭން އިސްލާމިކް އެފެއާޒް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ހަތީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓަވިއުކޮށް ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޒުވާން ހަތީބު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހު އެވެ. މިއީ އިމާމުންނާއި ޒުވާން ހަތީބުންގެ ޖީލެއް އުފެއްދުމުގެ މަގުސަދުގައި އެ މިނިސްޓްރީ އިން ފެށި ޕްރޮގްރާމެކެވެ.

ތަފްސީލް - މިނިސްޓްރީ އިން މިއަދު ބުނީ ޕްރޮގްރާމުގައި ބައިވެރިވާން 160 ޒުވާނުން ހުށައެޅި ކަމަށެވެ. އިންޓަވިއު ކުރުމަށް ފަހު، ބައިވެރިންނަށް އިމާމްކަންކުރުމާއި ހުތުބާ ކިޔުމާ ގުޅޭ ތަމްރީނު ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"މިއީ މިހާ ގިނަ އަދަދަކަށް ޒުވާނުންނަށް އެއްފަހަރާ އިމާމުކަމަށް ހުއްދަ ދެވޭ ފުރަތަމަ ފަހަރު،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މިއަދު ވިދާޅުވި އެވެ.

ހުކުރުކުރުމުގެ ހުއްދަ ދޫކުރާނީ ތަމްރީނު ފުރިހަމަވުމުން ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމަކަށް ފަށާފައިވާ މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޒުވާނުންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ހުތުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި ދީނަށް ލޯބިކުރުން އާލާ ކުރުމަކީ ވެސް ޕްރޮގްރާމުގެ މަގުސަދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް