ރައީސް މުއިއްޒު، ގާސިމްއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުއްޓާލަން ގާސިމް ގޮވާލައްވައިފި

ގާސިމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކާ، ގައުމަށް ކުރިއެރުން ހާސިލް ކޮށް ދިނުމަށް ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށް، އެ މަނިކުފާނު މަގާމުން ވަކިކުރުމަށް އިދިކޮޅުން ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތަކާނުލާ ހުއްޓާލުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވަލައްވައިފި އެވެ.

ވީ ކިހިނެއް؟ - ގާސިމް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިި ވިދާޅުވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބުކޮށްފައިވާ ރައީސް މަގާމާ ހަވާލުވެ ވަޑައިގަތްތާ އަދި ވީ އެންމެ ދެ މަސް ކަމަށެވެ.

ތަފްސީލް - ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުކަމެއް ރައީސް ނުކުރައްވާހާ ހިނދު އަދި ރައީސް ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި ރައީސް އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް މަގާމުން ވަކިކުރަން އުޅެނީ، އިދިކޮޅުން ވެރިކަން ބޭނުންވެގެން ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.

"އަމުދުން ދައުރެއް ނިމެމުންދާ މަޖިލީހެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން،" ގާސިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވީ؛

  • ރައީސްގެ ނޯ ކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށް

  • މަޖިލީހުގެ މެޖޯރިޓީ އޮތުމުން، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށް

  • މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބޭނީ ހިތާމައި ނިކަމެތިކަން ކަމަށް 

"އެހެންކަމުން ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ. މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި، ގައުމަށް ކުރިއެރުން ހާސިލް ކޮށް ދިނުމަށެވެ،" ގާސިމް ވިދާޅުވި އެވެ.

ގާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް އަށް ފުރިހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ހިނގާ 19 ވަނަ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތް، އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ އެކު މިހާރު މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް ހަދަން މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު މަޖިލީހުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހު ފާސްވުމާ އެކު، މި ހިނގާ 19 ވަނަ މަޖިލީހުގައި ދެން ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 56 އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް