ރައީސް މުއިއްޒު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ރައީސް މުއިއްޒު ވަކިކުރުމުގެ މައްސަލަ މިއަދު ހުށަހަޅަނީ؛ ސޮއި ހަމަކޮށްފި

އެ މައްސަލަ މަޖިލީހަށް ވައްދަން، މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ނިންމާފައި
29 ޖެނުއަރީ 2024

ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށް، އެ މަނިކުފާނު މަގާމުން ވަކިކުރުމުގެ މަސައްކަތް އިދިކޮޅުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ މަޖިލީހަށް ވައްދަން، މިއަދު ބޭއްވި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ނިންމާފައިވާކަން އެ ޕާޓީގެ މަޖިލިސް މެމްބަރުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އަދި ރެއިން ފެށިގެން އެ މައްސަލައިގެ ގަރާރުގައި ސޮއިކުރަން ފަށައި މިހާރު ސޮއި ހަމަކޮށްފައިވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ހިނގާ 19 ވަނަ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތް، އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ އެކު މިހާރު މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް ހަދަން މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު މަޖިލީހުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހު ފާސްވުމާ އެކު، މި ހިނގާ 19 ވަނަ މަޖިލީހުގައި ދެން ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 56 އެވެ. 

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ޖުމްލަ އަދަދުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ބޭނުންވެެ އެވެ. މީގެ ކުރިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު، މަޖިލީހުގެ ޖުމްލަ އަދަދަކީ، މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު ކަމަށްވާ 87އަށް ބަލައި ތިން ބައިކުޅަ ދެ ބަޔަކީ 58 ވޯޓު ކަމަށް ބަލައިގެންނެވެ.

އެ އިސްލާހުގައިވާ ގޮތުން:

  • މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތަކު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަށް

  • އާ ސަރުކާރުގެ ކެބިނެޓާއި ބައެއް އިސް މަގާމުތަކާ ހަވާލުވުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަކީ 80

  • އެހެންކަމުން، ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމާއި އެ ނޫން ވެސް ކަންކަމުގައި ނަގާ ވޯޓުތަކުގައި ޖުމްލަ އަދަދު 80 އިން ގުނުމުން، އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓާ އެކު ފަސޭހައިން ފާސްވުމުގެ ފުރުސަތު އޮންނާނެ

އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބަށް ފަހު، އަންނަ އޭޕްރީލްގެ ފަހުން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ 93 މެންބަރުންނެވެ. އެހެންކަމުން، އެ މަޖިލީހުގައި އެ އަދަދަށް މެންބަރުން ތިބެގެން އެފަދަ ވޯޓެއް ނަގާއިރު، ބޭނުންވާނީ 62 މެންބަރުންނެވެ.

އޭގެ އިތުރުން، ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާ ގުޅޭ މަޖިލީހުގެ ގަވައިދުގެ 202 އަދި 203 ވަނަ މާއްދާއަށް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކާއި ތަޅުމުގައި އެ މާއްދާތަކަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުތައް ވެސް އޭރު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހުތަކުގައިވާ ގޮތުން:

  • އެފަދަ ގަރާރެއްގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް ތެރޭ، އެ ގަރާރުގެ ނޯޓިސް ރައީސް ނުވަތަ ނައިބު ރައީސަށް ދޭން ޖެހޭ؛ 14 ދުވަހުގެ އެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި މަޖިލީހުގެ ޖަލްސާއަށް ބާއްވައި އެ ގަރާރު ހުށަހަޅަން ޖެހޭ؛ މީގެ ކުރިން ވަކި ދުވަހެއް ތެރޭ އެފަދަ ގަރާރެއް އެޖެންޑާ ކުރުމަށް ސީދާ އެ މާއްދާގައި ބަޔާންކޮށްފައެއް ނުވޭ

  • އެ ގަރާރާ ގުޅިގެން މަޖިލީހުގައި ކުރާ ބަހުސް، އެއްވެސް ހާލަތެއްގައި ތިން ގަޑިއިރަށް ދިގުވެގެން ނުވާާނެ؛ ރައީސް ނުވަތަ ނައިބު ރައީސްއަށް ދިފާއުވުމަށް 30 މިނެޓު ދިނުމަށް ފަހު، ބާކީ އޮންނަ ދެ ގަޑިއިރާއި 30 މިނެޓު ސިޔާސީ ޕާޓިތަކަށާއި އަމިއްލަ މެންބަރުން ބަހުސް ކުރުމަށް ދޭނެ

  • އެ ގަރާރުގައިވާ ތުހުމަތުތައް ތަހުގީގު ކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭ؛ ކުރިން ގަވައިދު އޮންނަނީ 11 މެންބަރުންގެ ކޮމިޓީއެއް އެކުލާވުމަށް އަދި އެ ކޮމިޓީގައި ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެންބަރަކާއި އަމިއްލަ މެންބަރަކު އިންނަވަން ޖެހޭ ގޮތަށް ނަމަވެސް، އަލަށް ގެނައި އިސްލާހުގައި ކޮމިޓީ އެކުލެވިގެންވާނެ ގޮތެއް ނެތް

  • އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދިފާއުވުމުގެ ހައްގު ރައީސް ނުވަތަ ނައިބު ރައީސްއަށް ލިބިވަޑައިގަންނަވާ؛ ދިފާއުގައި މަސައްކަތް ކުރެއްވުމަށް ގިނަވެގެން ތިން ވަކީލުން ބޭނުން ކުރެއްވޭނެ

  • އެ ކޮމިޓީން ގަރާރާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގަށް ސުވާލު ކުރުމަށްޓަކައި އެއްވެސް މީހަކު ހާޒިރު ކުރާ ނަމަ ނުވަތަ ލިޔުމެއް ހޯދަން ބޭނުން ނަމަ، މަދުވެގެން ދެ ގަޑިއިރުގެ ނޯޓިސް ދިނުމަށް ފަހު، އެކަން ކުރެވޭ ގޮތަށް ހެދުން

  • ކޮމިޓީއަށް މައްސަލަ ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ގަރާރުގެ މަސައްކަތް ނިންމައި މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭ؛ އެއާ އެކު، އެ ރިޕޯޓަށް ޖަވާުބުދާރީވުމަށް ރައީސް ނުވަތަ ނައިބު ރައީސަށް ރިޕޯޓު ފޮނުވަން ޖެހޭ އަދި ދެ ދުވަސް ތެރޭ ލިޔުމުން ޖަވާބު ފޮނުވަން ޖެހޭ

  • މަޖިލީހުގެ ރައީސަށް ކޮމިޓީ ރިޕޯޓު ފޮނުވާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ރިޕޯޓާ މެދު ވޯޓަށް އަހައި ގޮތެއް ނިންމަން ޖެހޭ

ގުޅުން ހުރި ކަމެއް - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ވަނީ މަޖިލީހަށް ވައްދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް