މާވަށު ސްކޫލުގައި ހުރި ގަހެއްގައި އަނބު އަޅާފައި ހުރި އިރު ދުރުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން

ތައުލީމު

މި އަނބު ގަހުން ފެނުނީ ދަރިވަރުންތަކެއްގެ ތަރުބިއްޔަތު

މާވަށު ސްކޫލުގެ ދަރިވަރުން އަބަދު ވެސް ފާހަގަކުރެވެނީ އަހުލާގު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި

މީގެ ދެތިން ދުވަސް ކުރިން މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއެކެވެ؛ ސްކޫލެއްގެ ގޯތި ތެރޭގައި ހުރި ކުޑަ އަނބު ގަހެއްގައި އަނބު އަޅާ ފުރިފައި ހުރި އިރު، އެ މަންޒަރު އޭނާ ގުޅުވާލީ އެ ސްކޫލު ކުދިންގެ އަހުލާގާ އެވެ.

"މާވަށު ސްކޫލު ކުދިންގެ ރަނގަޅު އަހުލާގު އެންމެ ތަސްވީރަކުން،" ކުރިން އެ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މޫސާ ޝަރީފް، ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ލިޔުނެވެ.

އޭނާ އެހެން އެ ބުނީ، މީހުން އުޅޭ ގޯތި ތެރޭގައި ވެސް، މީހުންގެ އުނދަގުލާ ހެދި އެއްޗެއް ހެއްދުމަށް ދަތިވެފައިވާ މި ފަދަ ޒަމާނެއްގައި، ސްކޫލެއްގެ ގޯތި ތެރޭގައި އެހާ ރައްކާތެރިކަމާ އެކު ގަހެއް ބޮޑުވެ، މޭވާ ހަރުވެފައި ހުރީމަ އެވެ.

މާވަށު ސްކޫލުގައި ހުރި ގަހެއްގައި އަނބު އަޅާފައި

ލ. މާވަށު ސްކޫލުގެ ގޯތި ތެރޭގައި މި އަނބުގަސް ހެދިފައި ހުރީ، ދަރިވަރުން އާއްމުކޮށް ހިނގާބިނގާވެ އުޅޭ ތަނުގަ އެވެ. މޭވާތައް ހަރުވެފައި ހުރީ ހަގު އުމުރުގެ ކުދިންނަށް ވެސް ބިނދެލެވޭހާ ތިރީގަ އެވެ. ތަފާތު މިޒާޖުގެ ކުދިން އުޅޭނެ ތަނެއް ނަމަވެސް، ގަހަށް ވެސް އަދި މޭވާތަކެއް ވެސް ގެއްލުމެއް ނުލިބި ހުރުމުން އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތަރުބިއްޔަތު ވަޒަންކޮށްލެވެ އެވެ.

"މިއީ މި ގަހުގައި އަނބު އަޅައި ދޮންވި ހަތަރު ވަނަ ފަހަރު. ދުވަހަކު ވެސް ކުއްޖަކު އަނބު ބިނދެ، ގަހަށް ގެއްލުން ދީއެއް ހަދާފައެއް ނުވޭ،" ސްކޫލުގެ ޕްރިންސިޕަލް ޒުލައިހާ ރަފީއު ވިދާޅުވި އެވެ.

މާވަށު ސްކޫލުގެ ގޯތި ތެރެ: މި ސްކޫލު ފާހަގަ ކުރެވެނީ އަހުލާގު ރަނގަޅު ކުދިންތަކެއް އުޅޭ ތަނެއްެގެ ގޮތުގައި

މާވަށު ސްކޫލުގެ މޮޓޯ އަކީ ވެސް 'ތަރުބިއްޔަތާ އެކު ތައުލީމު' އެވެ. މި ތަރުބިއްޔަތުގެ ވާހަކަ އަކީ، ދުރުން ސްކޫލަށް ޒިޔާރަތް ކުރާ ކޮންމެ ބަޔަކު ވެސް ދައްކާ ވާހަކައެއްކަން، ޒުލައިހާ ފަހުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.

ސްކޫލުގެ މުވައްޒަފުން ހައްދާ އެ އަނބު ގަސް އެކަންޏެއް ނޫނެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 11އާ ހަމައަށް ގާތްގަނޑަކަށް 378އަށް ވުރެ ގިނަ ކުދިން ކިޔަވާ ސްކޫލުގެ މުޅި ގޯތި ތެރޭ ފުރާލާފައި އޮންނަނީ ވެސް އެކި ކަހަލަ މާ އަޅާ ގަސްތަކުންނެވެ. އާއްމުކޮށް ރަށުން ނުވަތަ އަތޮޅުން ވެސް ނުލިބޭ ކަހަލަ ގަސްތައް، ސްކޫލު ތެރޭގައި އިންދާފައި ހުރެ އެވެ. ޓީޗަރުން ދަރިވަރުންނަށް ދަސްކޮށްދެނީ އެ ރީތިކަން ވަޒަންކޮށް، އެއިން ހިތްހަމަޖެހުން ހޯދާށެވެ. އަދި ކުދިން ވެސް ބައިވެރިކޮށްގެން އެ ރީތިކަން ދަމަހައްޓާށެވެ. އެހެންވެ، މާހައުލުން ފެންނަ ދިރުންތަކާއި ސްކޫލުގައި ހުންނަ ތަކެތި ވެސް ދަރިވަރުން ބޭނުން ކުރަނީ، އެކަމަށް ވިސްނައިގެން ސަމާލުކަން ދީގެންނެވެ. ކުދިންގެ ފަރާތުން ފެންނަނީ ރިވެތި އަހުލާގެވެ.

މާވަށު ސްކޫލުގެ ދަރިވަރުންތަކެއް ގަސް އިންދުމަށް ތައްޔާރުވެގެން: މުޅި ސްކޫލުގައި ވެސް އޮންނަނީ ދަރިވަރުންނާއި މުވައްޒަފުން ގަސް އިންދާފައި

"އަތޮޅުގެ މުބާރާތްތައް ކުޅޭއިރު ވެސް އަބަދު ވެސް ފެއާ ޕްލޭ ޓީމަކަށް މި ސްކޫލު ހޮވޭނެ. ދުރުން އަންނަ މީހުން ވެސް އަބަދުވެސް ފާހަގަ ކުރަނީ ދަރިވަރުންގެ އަހުލާގު،" މިދިޔަ 12 އަހަރު ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ހުންނެވި ޒުލައިހާ ވިދާޅުވި އެވެ.

"ބައެއް މީހުން އަހާނެ ފިޔަވަޅު އަޅައިގެންތޯ އެގޮތަށް [ދަރިވަރުން] ބަލަހައްޓަނީ. އެކަމަކު މިއީ އެންމެ ކުރިއްސުރެ އަޅުގަނޑުމެން ދަރިވަރުން ގެންގުޅެމުން އަންނަ ގޮތް."

ދަރިވަރުންގެ މި ތަރުބިއްޔަތުގެ އެހެން މިސާލެއް ވެސް އޭނާ ނެންގެވި އެވެ. މާވަށު ސްކޫލުގައި އަދިވެސް ބޭނުން ކުރަނީ، މީގެ 17 އަހަރު ކުރިން، އޭޑީބީގެ އެހީގައި އެޅި ކޮމްޕިއުޓަރު ލެބެވެ. ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކެއްގައި އެ ލެބްތައް އެޅި ނަމަވެސް، މިހާރު އެތަންތަން ހުރި ކަމަކަށް ޒުލައިހާ އަކަށް ގަބޫލެއް ނުކުރެވެ އެވެ.

އެހެންވެ، އެހާ ގިނަ ދުވަސްވީ އިރު ވެސް، ދަރިވަރުން ބޭނުން ކުރާ ކޮމްޕިއުޓަރުތަކެއް ރަނގަޅު ފެންވަރުގައި ހުރުމަކީ، ދަރިވަރުން އެތަކެއްޗަށް ބެހެއްޓި ކަމޭހިތުން ފެންނަ ކަމެއް ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

ޒުލައިހާ ވިދާޅުވި ގޮތުގައި، ޒަމާނީ ކުލަވަރާއި އޮއެވަރުގައި ދަރިވަރުން ޖެހޭ މިންވަރު ވެސް އެ ސްކޫލުގައި މަދެވެ. އެހެންވެ، އެންމެ ކުރިއްސުރެ މާވަށު ސްކޫލު މަޝްހޫރުވެފައި އޮންނަނީ، ސްކޫލު މޮޓޯއެކޭ އެއްގޮތަށް، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިވަރުން އުޅޭ ތަނެއްގެ ގޮތުގަ އެވެ.

އޭގެ ހުރިހާ ކްރެޑިޓެއް ޒުލައިހާ ދެއްވީ، ދަރިވަރުންނަށާއި ބެލެނިވެރިންނަށެވެ.

ކޮމެންޓް (4)

މާވަށު ސްކޫލުން ކިޔެވި މަންޖެ

1 ފެބްރުއަރީ 2024
12 އަހަރުން އިސްކޫލް ނިންމާލީ ކޮމްޕިއުޓަރ ލެބް ހުރެމެ އޭގެން ކޮމްޕިއުޓަރ އެއްގައި އަތްލަން ނުލިބި.ދެން އެ ހުންނާނީ ރަނގަޅަށް.މައުރަޒެކޭ އެތަނެކޭ އެއްހަމަ މަށަށް.
0 0

މާވަށު ކަތީބު

1 ފެބްރުއަރީ 2024
ކޮންތާކު. މިރަށު ތިޔަބުނާ އަނބު ލިބޭ ބޭނުންވަރަކަށް. ސްކޫލު ގޯތި ތެރޭ އަނބު ގަހެއް ހުއްޓަސް އެ ގަހަށް ގޯނާއެއް ނުކުރާނެތާ އަނބު ލިބެންޏާ. ދެން އެއްވެސް ވަރަކަށް ނުނބިދެއޭ އެއީ ގޯހެއް. ހަމަ ބިދޭ ބިންނަ ކުދިން. ދެން ކޮން މޮޅެއްވާކަށް. ޕްރިންސިޕަލް މެޑައްޔެއް ޖަހާލީއޭ ހަމަ ތަނެެއް ދޮރެއް ބަލާ ނުލައި
0 1

ސިކުނޑި

31 ޖެނުއަރީ 2024
ތަރުބިއްޔަތަށްވުރެ ބޮޑަށް ހީވަނީ ރަށުގައި ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވީހެން! އަދަބެއް ސަދަބެއް ނެތް ވާލެއްވެސް ތިޔަށް ހަމަލައެއް ނުދޭނީ ގައިމު ކަމެއްވީމަތާ!
2 3

ހިތަދޫ ބޮޑުމީހާ

30 ޖެނުއަރީ 2024
މާވަށަކީ އަނބުގިނަ ރަށެއް ކޮންމެގެޔެއްގަ އަަނބުގަހެއްހުރޭ ☺️
2 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް