ވެމްކޯގެ ކުނި ކަލެކްޓުކުރާ ވެހިކަލްތަކެއް ހުޅުމާލޭ ވެމްކޯ ސައިޓު ކުރިމަތީ ޕާކުކޮށްފައި. (ދައުރު ފައިލް ފޮޓޯ)

ވެމްކޯ

ވެމްކޯއަށް 43 މިލިއަންގެ ވެހިކަލާއި ކޮޅުވެއްޓި ގަތީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް: އޮޑިޓް

އުސޫލެއް ނެތި ސްޕޮންސާ ފައިސާ ދީފައިވާ މައްސަލައެއް ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ވެމްކޯގެ 2016-2017ގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވޭ

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމުގެ ހިދުމަތް ދޭން 2016 އަދި 2017 ވަނަ އަހަރު އުޅަނދުތަކެއް ގަނެފައިވަނީ އުސޫލުން ބޭރުން، ވަކި ބަޔަކަށް މަންފާވާނެ ގޮތަކަށް ކަމަށް އެ ކުންފުނީގެ 2016-2017 އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ވެމްކޯގެ 2016-2017 ހާއްސަ އޮޑިޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ކުންފުނިން ޑަމްޕް ޓްރަކް ގަތުމުގައި އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވެ އެވެ.

ތަފްސީލް - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އާންމު ބީލަމުގެ އުސޫލުގެ ބޭރުން 43.9 މިލިއަން ރުފިޔާގެ ވެހިކަލްތައް 2016 އަދި 2017 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ގަނެފައިވެ އެވެ. އެގޮތުން:

  • އެގޮތަށް އަމަލުކޮށްފައިވަނީ އޭގެ ތެރެއިން ބައެއް އުޅަނދުތައް ލިބެން ހުރީ އެންމެ ފަރާތެއްގެ އަތުން ކަމަށް ވެމްކޯ އިން މައުލޫމާތު ދީފައިވޭ

  • ވެހިކަލް ފަދަ އުޅަނދުތައް ގަންނަންވާނީ ވަކި ބްރޭންޑަކަށް ނުބަލާ އުޅަނދުގެ ސްޕެސިފިކޭޝަނަށް ބަލައިގެން ކަމަށާއި އެންމެ ރަނގަޅު އަގު ހުށަހަޅާ ފަރާތަކަށް ބީލަން އެވޯޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވޭ

ވާދަވެރި ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތް ހޯދަން ޖެހޭ ހާލަތުގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާތީ، އެ ތަކެތި ގަތުމުގެ މަސައްކަތުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް، މައްސަލަ ތަހުގީގު ކުރުމަށްޓަކާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ަށް މައްސަލަ ހުށަހަޅަން އޮޓިޑް އޮފީހުން ވަނީ އަންގައިފަ އެވެ.

އެ ރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ ގޮތުން:

  • ކުނި އުކަން ބޭނުންކުރާ 10 ޑަމްޕް ޓްރަކް 16 ނޮވެމްބަރު 2016ގައި ވެމްކޯ އިން ގަނެފައިވަނީ އަމިއްލަ ފަރުދަކު ހިންގާ ވިޔަފާރިއަކާ ހަވާލުކޮށްގެން 

  • އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 6.8 މިލިއަން ރުފިޔާއަށް 

  • އެޑްވާންސަށް %15 ދީފައިވޭ

ސަޕްލައިކޮށްފައިވާ އުޅަނދުތަކަކީ ވެމްކޯގެ އޮޕަރޭޝަން، ކަލެކްޝަން ސާވިސް ޑިޕާޓުމެންޓުން އެދިފައިވާ ސްޕެސިފިކޭޝަން އަދި ބްރޭންޑުގެ ވެހިކަލްތަކެއް ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ވެމްކޯއަށް ދީފައިވަނީ މޮޑިފައިކޮށްފައިވާ ވެހިކަލްތަކެއް

  • އުޅަނދު އުފެއްދި ގައުމާއި ބްރޭންޑު ވަނީ އޮޅުވާލާފައި

ޑަމްޕް ޓްރަކް ސަޕްލައި ކުރުމަށް އެއްބަސްވި އަގަކީ 6.8 މިލިއަން ރުފިޔާ ނަމަވެސް، މަސައްކަތް ހަވާލު ކުރި ފަރާތަށް ފައިސާ ދެއްކި އިރު ޖީއެސްޓީގެ ގޮތުގައި 407،642ރ. އިތުރަށް ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • މަސައްކަތުގެ އެއްބަސްވުމުގައި އަދި ސަޕްލަޔަރުގެ ޕްރޮޮޕޯސަލްގައި ވެސް މުޅި މަސައްކަތުުގެ އަގަކަށް ހުށަހަޅާފައިވަނީ 6.8 މިލިއަން ރުފިޔާ؛ ޖީއެސްޓީގެ ގޮތުގައި އިތުރަށް ދެއްކި ފައިސާ ދައްކަން ޖެހުނު ސަބަބު ލިޔެކިޔުމުން ފެންނާކަށް ނެތް

  • ވެހިކަލްތައް ގަންނަން އިތުރަށް ހަރަދުވި ފައިސާ ހޯދަން އޮޑިޓް އޮފީހުން ވަނީ އަންގާފައި

ވެމްކޯއަށް ޑަޕްމް ޓްރަކު ގަތުމުގައި ވަކި ބްރޭންޑެއްގެ ވެހިކަލް ގަތުމަށް ނިންމައި ވާދަވެރި ބީލަމުގެ ބޭރުން އެ ތަކެތި ގަނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭތީ، އެ ތަކެތި ގަތުމުގެ މަސައްކަތުގައި ޒިންމާވި މީހުންނާ މެދު ފިޔަވަޅު އަޅަން އޭސީސީއަށް މައްސަލަ ހުށަހަޅަން އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ.

ވެމްކޯގެ ކޮޅުވެއްޓިއެއް (ދައުރު ފައިލް ފޮޓޯ)

ކޮޅުވެއްޓި ސަޕްލައި ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަން 

އޮކްޓޯބަރު 2016ގައި ވެމްކޯއަށް ތިން ކޮޅުވެއްޓި ސަޕްލައި ކުރަން ހަވާލުކުރި ކުންފުންޏާ އެކު އެއްބަސްވުން ހަދާފައިވަނީ ކޮޅުވެއްޓިތަކުގައި ޔަަންމާ ބްރޭންޑުގެ އިންޖީނު އަޅާ ގޮތަށް ނަމަވެސް، އެއްބަސްވުމުގެ އަގަށް ބަދަލު ނުގެނެސް، އެ ކޮޅުވެއްޓިތަކުގައި ކަމިންސް ބްރޭންޑުގެ އިންޖީނު އަޅާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • އިންޖީނުގެ ބްރޭންޑު ބަދަލު ކުރަން ސަޕްލަޔަރު ހުށަހެޅިއިރު، ސަޕްލަޔަރު ދޭން ހުށަހެޅި 10،000 ޑޮލަރުގެ ޑިސްކައުންޓު އެއްބަސްވުމަށް ގެނައި އިސްލާހުގައި ހިމަނާފައި ނުވޭ

  • ކޮޅުވެއްޓިތަކަށް ފައިސާ ދައްކާފައިވަނީ އެ ޑިސްކައުންޓު އުނި ނުކޮށް

ކަމިންސް ބްރޭންޑުގެ އިންޖީނަކީ ޔަންމާ އިންޖީނަށް ވުރެ އަގު ހެޔޮ އިންޖީނެއް ނަަމަވެސް، އެއްބަސްވުމުގެ އަގަށް ބަދަލު ނުގެނެސް ކަމިންސް ބްރޭންޑުގެ އިންޖީނު ކޮޅުވެއްޓިތަކުގައި އަޅަން އެއްބަސްވެފައިވަނީ މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަންފާ ހޯދައިދޭން ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރަން އޭސީސީ އަށް ހުށަހަޅަން އޮޑިޓް އޮފީހުން އަންގާފައިވެ އެވެ.

މީގެ އިތުރުން، ދެން އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ވެމްކޯގެ ބޭނުމަށް އެއް މަހަށް ކުއްޔަށް ހިފި ތިން ކޮޅުވެއްޓީގެ ތެރެއިން ދެ ކޮޅުވެއްޓި ކުއްޔަށް ހިފި މުއްދަތު މަހުން މަހަށް އިތުރު ކުރަމުންގޮސް، 20 މަސް ވަންދެން އެ އުޅަނދުތައް ބޭނުންކުރަމުން ގޮސްފައިވާ މައްސަލައެކެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން:

  • އެ މުއްދަތުގައި ވެސް މި އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ ކުލި މުރާޖައާ ނުކޮށް، އެއް މަހަށް އެ އެއްޗެހި ކުއްޔަށް ނެގި ރޭޓުގައި

  • މިއީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމެއް 

އުސޫލެއް ނެތި ސްޕޮންސާ ފައިސާ ދީފައިވޭ

އުސޫލެއް ނެތި ސްޕޮންސާޝިޕްގެ ގޮތުގައި ފައިސާ ދޫނުކުރަން ބޯޑުން ނިންމާފައި ވަނިކޮށް، އެކި ފަރާތްތަކަށް އެކި ފަހަރު މަތިން ފައިސާ ދޫކުރި މައްސަލައެއް ވެސް ވެމްކޯގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:

  • ހަތަރު ފަހަރެއްގެ މަތިން ތިން ޖަމިއްޔާއަކަށް 850،000ރ. ސްޕޮންސާގެ ގޮތުގައި ދީފައިވޭ

  • މީގެ ތެރޭގައި ހިމެނެނީ ޕްރީ ސްކޫލެއް ހިންގަން ދިން 250،000ރ. އާއި ފުޓްސަލް މުބާރާތަކަށް ދިިން 600،000ރ.

  • އެ ފައިސާ ދޫކޮށްފައިވަނީ އުސޫލެއް ނެތި، ސްޕޮންސާ ފައިސާ އެއްވެސް ބަޔަކަށް ނުދޭން ކުންފުނީގެ ބޯޑުން ނިންމާފައި ވަނިކޮށް

  • ފައިސާ ދޫކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށް، ފައިނޭންސް ސެކްޝަނަށް މެމޯ ފޮނުވުމުން

  • ވަކި ފަރާތަކަށް މަންފާވާ ގޮތަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެވޭތީ އެކަން ތަހުގީގު ކުރަން އޭސީސީއަށް މައްސަލަ ހުށަހަޅަން ވަނީ އަންގާފައި

ކޮމެންޓް (2)

ޔާމީނު

30 ޖެނުއަރީ 2024
ޢިބޫ ސަރުކާރަކުން ހިންގި ކޮރަޕްޝަނެއް ނޫންތީ. ތީ ކުރީ ސަރުކާރުން ޔާމީން ހިންގި ކޮރަޕްޝަން
0 0

އުއްމު ކުލްސޫމް

29 ޖެނުއަރީ 2024
1 ކޮޅުވެއްޓި ތިލަފުށީ ގުދަނެއް. . އެޕާރޓުމަންޓް. އަރަބިއްޔާ ދަށުން ފިހާރަ އެއް. 2 ލޯންޗް.. މިތަނުން އެކަކު ވިހޭ ތަކެތި
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް