ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން: އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ އެލަވަންސެއް ދައުލަތުން ދޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެންސްޕާ

އެކަނިވެރި މައިންނާއި ބަފައިންނަށް އިތުރަށް ދިން 10.6 މިލިއަން ރުފިޔާ ހޯދަން އަންގައިފި

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް ލިބެން ނުޖެހޭ 12 މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދީފައިވޭ. އެ މީހުން ފަހުން ކައިވެނިކޮށްގެން ވެސް އެ ލަވަންސް ވަނީ ނަގާފައި

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް، އެ ލިބެން ނުޖެހޭ މީހުންނަށް ދީފައި ހުރި ކަމަށާއި އެގޮތަށް ދީފައި ހުރި 10.6 މިލިއަން ރުފިޔާ އަނބުރާ ހޯދަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އޮޓިޑް އޮފީހުން އާންމުކުރި އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ދައުލަތުގެ އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް 2022 ވަނަ އަހަރުގެ ނިޔަލަށް 18.4 މިލިއަން ރުފިޔާ އެންސްޕާ މެދުވެރިކޮށް ދީފައިވެ އެވެ.

ތަފްސީލް - އެ ރިޕޯޓުގައި ބުނީ އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސްގެ އާއި އެފަދަ މީހުންނަށް ދޭ ތެރަޕިޔުޓިކް ފަރުވާ ހޯދުމުގެ އެހީގެ ގޮތުގައި ވެސް އެ އެހީ ދޭން ނުޖެހޭ ބަޔަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އޮޓިޑް އޮފީހުން އެންސްޕާއަށް ލަފާދިނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދަައިދޭށެވެ.

މީގެ ތެރޭގައި ހިމެނެނީ؛

  • އެކަނި ދަރިން ބަލަހައްޓާ މައިން/ބަފައިންނަށް ދޭ މާލީ އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޫކޮށްފައިވާ 7.6 މިލިއަން ރުފިޔާ

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާ 234،294ރ

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެހީ ދޭން ނުޖެހޭ މީހުންނަށް އެންސްޕާއިން އެހީ ފޯރުކޮށްދީފައިވަނީ ނުވަތަ ފައިސާ އިތުރަށް ދީފައިވަނީ އެހީ ލިބޭ ފަރާތުގެ ހާލަތު ބަދަލުވުމުން ނުވަތަ އެފަދަ މީހަކު މަރުވުމުން އެ މައުލޫމާތު އެންސްޕާއަށް ހިއްސާކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި ނޯންނާތީ އެވެ.

އެފަދަ ފައިސާ ހޯދަން އެ އިދާރާގައި ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައިވީ ނަމަވެސް އެ ޔުނިޓުގައި އެންމެ މުވައްޒަފަކު އުޅޭތީ އެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވޭ ކަމަށް އެންސްޕާއާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓްގައި ބުނީ ޑިސެމްބަރު 2022ގެ ނިޔަލަށް އެންސްޕާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލުން ޗެކުކުރި 504،500ރ އަކީ 2015 އާއި 2018 ވަނަ އަހަރާ ދެމެދު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދީފައިވާ ފައިސާ ކަމަށެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި؛

  • މިދިޔަ އަހަރުގެ އޮގަސްޓު 16ގެ ނިޔަލަށް އޭގެ ތެރެއިން އެއްވެސް ފައިސާއެއް ހޯދިފައެއް ނުވޭ

  • ދައުލަތުގެ މާލިއްޔަތު ގަވައިދު ބުނާ ގޮތަށް އެ ފައިސާ ހޯދަން އެންސްޕާއިން މަސައްކަތް ކޮށްފައެއް ނުވޭ

އެންސްޕާއިން އެހީ ދޭ ނިޒާމު ހަރުދަނާ ކުރުމަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ އާއި ނުކުޅެދޭ މީހުންނަށް ދޭ އެހީ އާއި ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޭ އެހީ، އެހީ ލިބޭ މީހާގެ ހާލަތު ބަދަލުވުމުން އެކަން އެންސްޕާއަށް އެނގޭނެ ނިޒާމެއް ގާއިމްކުރަން އޮޑިޓް އޮފީހުން ލަފާދީފައިވެ އެވެ.

އެގޮތުން

  •  ފެމެލީ ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކައިވެންޏާއި ވަރީގެ މައުލޫމާތު ހޯދަން ލަފާދީފައިވޭ

  • މަރުވާ މީހުންގެ މައުލޫމާތު ބެލޭނެ އިންޓަގްރޭޓެޑް ވިއުގައެއް ދައުލަތުގެ އިދާރާތަކާ ގުޅިގެން ގާއިމްކުރަން ލަފާދީފައިވޭ

  • މާލިއްޔަތު ގަވައިދާ އެއްގޮތަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އަންގާފައިވޭ

މީގެ އިތުރުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޭ އެހީ ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލަން އެހީ ލިބުނު ބައެއް މީހުންގެ ލިސްޓެއް ފެމެލީ ކޯޓަށް ފޮނުވައިގެން އެއީ ކައިވެނިކޮށްގެން އުޅޭ މީހުންތޯ ބަލާފައިވާނެ ކަމަށް، އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެލަވެންސް ދޭން ނުޖެހޭ 12 މީހަކަށް ޖުމްލަ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް ދީފައިވާކަން އެ މައުލޫމާތުން ސާފުވާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.

  • މިހެން ދިމާވަނީ ކައިވެނި/ވަރީގެ މައުލޫމާތު ފެމެލީ ކޯޓާއި ޑީޖޭއޭ މެދުވެރިކޮށް ހޯދޭނެ ފަސޭހަ އިންތިޒާމެއް ނެތުމުން

  • އެހީ ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމުން އެކަން އަންގަން އިގުރާރުވި ނަމަވެސް އެކަނިވެރި މައިން، ބަފައިން ކައިވެނިކުރުމަށް ފަހު އެ މައުލޫމާތު ގަވައިދުން އަންގަމުން ނުދޭ

މިކަން އިސްލާހު ކުރުމަށް އޮޑިޓް އޮފީހުން ލަފާދީފައިވަނީ މާލީ އެހީ ދިނުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް އެ ފައިސާ ހޯދާ ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާކުރުމަށެވެ.

މީގެ އިތުރުން އެހީ ލިބޭ މީހުންގެ ހާލަތު ބަދަލުވުމުން އެކަން އެންސްޕާއަށް އެނގޭނެ އިންޓަގްރޭޓެޑް ނިޒާމެއް ގާއިމް ކުރަން ވެސް ލަފާދީފައިވެ އެވެ.

ކޮމެންޓް (1)

ކޭ އެޗް

24 ޖެނުއަރީ 2024
ކައިވެނި ކޮށްފައި ކައުންސިލް އިދާރާތައް މެދުވެރިކޮށް ހާލަތު ބަދަލުވިކަންް އަންގާ ފޯރމް އެންސްޕާއަށް މެއިލް ކުރީމަ އެ ތައް ބަލާ ޗެކްކޮށްފައި ފޯރމް ފޮނުވި ފަރާތަށް ގުޅާ މައުލޫމާތު ސާފުކޮއްފަ އެ އެލަވަންސް ލިބުން ނުހުއްޓުވައި ތިބެ ބޮޑެތި އަދަދުތައް އެރީމަ ކައިވެނި ކޮށްގެން ނާާންގަނީއޭ.ކިހާރީތި ވާހަކަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް