ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މެޑިކަލް ބެޑް ހަދިޔާ ކުރުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަންޑުން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފި

އެ މަރުކަޒަށް ހަދިޔާކުރި އެނދުތަކުގެ ޖުމްލަ އަގަކީ 504،000ރ.

އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ އިސްލާމިކް ޗެރިޓީ ފަންޑުން ހޭދަކޮށްގެެން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު މިއަދު ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަރުކަޒަށް ހަދިޔާކޮށްފައިވަނީ ޒަމާނީ މެޑިކަލް އެނދުތަކެކެވެ. މި ތަކެތީގެ ޖުމްލަ އަގަކީ 504،000ރ. އެވެ.

  • މިތަކެތި ރަމްޒީ ގޮތުން އެ ސެންޓަރާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް

ތަފްސީލް - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ، ދިވެހިން ހައިރާތާއި ސޮދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ކުރާ ހޭދަ، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހޭދަކުރަން އެދިވަޑައިގަންނަވާފަ އެވެ.

"ނިކަމެތިންނަށާއި ގުރުއާން ކުލާސްތަކަށާއި ގުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ގާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެން ވެސް ހެޔޮ ކަންކަމަށް ހަރަދު ކުރުމަށް. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"ތަނަވަސްކަމުގެ އަހުލުވެރިންނާއި އެންމެހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ހައިރާތާއި ސޮދަގާތުގެ ގޮތުގައި ﷲގެ މަގުގައި ހޭދަކުރުމަށް ބޭނުންވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެހީވުމަށް. ތިޔަ ބޭފުޅުންގެ ސޮދަގާތާއި ހައިރާތު ހެޔޮ ކަންކަމަށް ވާސިލްކޮށްދިނުމަށް މިނިސްޓްރީން އަމާނާތްތެރިކަމާ އެކު މަސައްކަތްކުރާނެ."

ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބީ ރާއްޖޭގެ ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި، އެ މީހުންގެ އާއިލާތަކާ އެ ތަނުގައި ތިބި މީހުން ހަވާލުކުރުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުން ތިބޭ ތަނެއްގެ ގޮތުގައި ދެކެނީ. އަދި އެ ރީއިންޓަގްރޭޝަން ނުވަތަ އާއިލާތަކާ ގުޅިގެން ކުރާ މަސައްކަތުގަައި އެ މީހުންނަށް ވެސް އާއިލާތަކާ އެކު، ސަރުކާރުގެ އެހީތެރިކަމާ އެކު އަބުރުވެރި، ހިތްގައިމު ދިރިއުޅުމެއް އުޅެވޭނެ ގޮތް ވާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް