މާލޭ ސްކޫލެއްގެ އެސެމްބްލީއެއްގައި ދަރިވަރުންތަކެއް(ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސްކޫލުތަކުގައި ދީނަށް އިސްކަންދީގެން ހަރަކާތްތައް ހިންގަން އުސޫލުތަކެއް ހަދަނީ

މި އުސޫލުތަކުގެ ތެރޭގައި ސްކޫލުތަކުގެ އެސެމްބްލީތައް މިހާރު ކުރިއަށްދާ ގޮތް މުރާޖާކޮށް، ބަދަލުތަކެއް ގެންނައުން ހިމެނޭ

ސްކޫލުތަކުގައި ދީނާއި ގައުމިއްޔަތަށް އިސްކަންދެވޭނެ ގޮތަކަށް ހަރަކާތްތައް ހިންގަން އުސޫލުތަކެއް އެކުލަވާލަަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުން ނިންމި މުހިންމު ނިންމުންތައް ހާމަކުރަން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އިސްލާމް ދީނާއި ގައުމިއްޔަތާއި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެއް ދެވޭ ގޮތަށް ސްކޫލުތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުސޫލުތަކެއް އެކުލަވާލަން ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އެގޮތުން، އެކުލަވާލަން ނިންމާފައިވާ އުސޫލަތުގެ ގޮތުގައި ނާޒިމް ވިދާޅުވީ:

  • ސްކޫލުތަކުގެ ކޮންމެ ދަންފަޅިއެއް ފަށާއިރު ގައުމީ ސަލާން ކިޔުން

  • ސްކޫލުތަކުގެ އެސެމްބްލީ މިހާރު ކުރިއަށް ގެންދާ ގޮތް މުރާޖާކޮށް، ދީނާއި ގައުމިއްޔަތާއި ސަގާފަތަށް އިސްކަން ދެވޭނެ ގޮތަށް އެސެމްބްލީތައް ފަރުމާކޮށް، ބައްޓަން ކުރުން

  • ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ދީނާއި ގައުމިއްޔަތާއި ސަގާފަތާއި ތާރީހަށް އިސްކަން ދީގެން، ތާވަލުތަކެއް އެކުލަވާލައިގެން އިންތިޒާމު ކުރުން

  • ދިވެހި ބަހަށް ސްކޫލުތަކުގައި އިސްކަންދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުން

  • އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ސްކޫލު ކުދިންނަށް ދަރުސް ދިނުން

އެނގުން މުހިންމު - ސްކޫލު ދައުރުން ފެށިގެން ކުދިންގެ ހިތުގައި ގައުމިއްޔަތު ދިރުވައި ގައުމިއްޔަތަށް ލޯބި ޖެއްސުމުގެ ގޮތުން، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތަށް ހާއްސަ މާއްދާއެއް ހިމެނުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.

މިކަން ހާސިލުކުރުމަށް، ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މޭ މަހު ފަށާ އިރު، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ގައުމިއްޔަތު މާއްދާ އިތުރު ކުރަން ވެސް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް